ރާއްޖެއާއި އިންޑިޔާއާއި ދެމެދު، އޮތް ގުޅުންތައް ހީނަރު ކުރުމަށް ފަހު، އިންޑިޔާކަނޑުގެ މައްޗަށް އަތް ގަދަކުރުމަށް މަސައްކަތް ކުރަމުންދާ ޗައިނާއަށް ސްޓޭޓް ވިޒިޓެއްގައި ރައީސުލްޖުމްހޫރިޔާ ޖެނުއަރީ 7 ގައި ދިޔުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. އަދި މި ދަތުރުގައި ދެ ޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއެ ކުރަން ހަމަޖެހިފައިވެއެވެ.
ޗައިނާއަށް މުއިއްޒު ކުރައްވާ މި ދަތުރު ފުޅުގައި، ޗައިނާގެ ރައީސް އާއި ބައްދަލު ކުރައްވާނެއެވެ. އަދި ދެ ސަރުކާރު ދެމެދު ބައިލެޓްރަލް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވެއެވެ.
އިންޑިޔާ ކަނޑުގައި ޗައިނާގެ ބާރު ގަދަކޮށް، ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ގޮތުގައި ދުނިޔެ، ޗައިނާ ދެކޭ ދަނޑިވަޅެއްގައި އިންޑިޔާއާއި އަވަށްޓެރި ޤައުމެއް ގޮތުގައި ރާއްޖެ އޮތް އޮތުމަކީ މި ދަތުރަށް މުއިއްޒަށް ދައުވަތު ދެއްވި ސަބަބެވެ. އަދި ރާއްޖެއަށް ޗައިނާ ފަދަ ބޮޑު ޤައުމަކުން ހާއްސަ ސަމާލުކަމެއް ދޭ ސަބަބަކީވެސް ރާއްޖެ އިންޑިޔާ ކައިރީގައި އޮތުމެވެ.
ޗައިނާއިން އިންޑިޔާ ކަނޑުގައި ބާރު ގަދަ ކުރުމަށް ކުރަމުންދާ ކަންކަމުގެ ތެރޭގައި، ލަންކާގައި ޗައިނާއިން އެޅި ޕޯޓް ޗައިނާގެ ބާރުގެ ދަށަށް ގެނައުމާއި، އިންޑިޔާ ކައިރީގައި އޮތް މިޔަންމާއިން މުސްލިމުން ބާލައި، އެތާގައި ޗައިނާއަށް ސަޕޯޓް ކުރާ ވެރިކަމެއް ކަށަވަރުކޮށް، ޗައިނާގެ %80 ހިމެނޭގެން ބަނދަރެއް ހަދައި، އިޤްތިޞާދީ އެއްވެސް ފައިދާ އެއް ނުވާ ނޭޕާލުގެ އަވަށެއްގައި ބޮޑު އެއަރޕޯޓެއް އަޅައި، ޕާކިސްތާނުގައި ޗައިނާގެ ބާރު އޮންނަ ޕޯޓެއް ހަދާފައި ވުމަކީ އިންޑިޔާ ކަނޑަށް އަތްގަދަކުރަން ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ކުޑަ މިންވަރެކެވެ.