މަކުނޫދޫގައި ޗައިނާއިން މިލިޓަރީ ބޭސް އެއް އަޅަން ނިންމައި، 7 ޖެނުއަރީ 2024 ގައި ޗައިނާއަށް ކުރައްވާ ސްޓޭޓް ވިޒިޓުގައި މި އެއްބަސްވުމުގައި ސޮއެކުރުމަށް ނިންމައިފިއެވެ. ރައީސް މުއިއްޒު ވަޑައިގެން ޗައިނާގައި ސޮއި ކުރަން ނިންމާފައިވާ މި މިލިޓަރީ ބޭސް އަށް ކިޔަނީ ނޭވީ މަރުކަޒު ނުވަތަ މެރިޓައިމް ސެންޓަރު ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ އިންޑިޔާއައި އާއި ވީހާވެސް ކައިރީގައި އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް އިންޑިޔާ ކަނޑުގެ ހަމަ ނުޖެހުން ނަގާލައި، ހަނގުރާމައިގެ ތުންފަތްމައްޗަށް އިންޑިޔާ ކަނޑުގެ ސަރަހައްދު ގެނައުމަށް ޗައިނާއިން ރާވައިގެން ހިންގާ އަސްކަރީ ކުރިއެރުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސަރަހައްދީ ހަމަ ނުޖެހުން ނަގާލައި، އިންޑިޔާއާއި، ޗައިނާއާއި ދެމެދުގައި އޮތް ނުތަނަވަސް ކަމުގެ ތެރެއަށް، މާ ދުރުގައި އޮތް ޗައިނާ ގެނެސް، އިންޑިޔާގެ އަސްކަނި ދޮށަށް ޗައިނާގެ އަސްކަރިއްޔާ ގެނައުމަށް ފައިސާގެ ދަހިވެތިކަމުގައި މުއިއްޒު ކުރައްވަމުން ގެންދަވާ މި މަސައްކަތަކީ ދިވެހިންގެ ޤައުމިއްޔަތާއި ދިވެހިން ލޯބި ކުރާ އަމާން ދިރިއުޅުމުގެ މަސްލަހަތަށް ފުށުއަރާ ކަމެކެވެ. އަދި ދެ ޤައުމެއްގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގެ ތެރޭގައި ރާއްޖެ ފިތުމަކީ ދިވެހިންނަށް އެއިން ނިކަމެތިކަން ގެނެސްދޭނެ ކަމެކެވެ.
ޕީޕީއެމްގެ ވެރިކަމުގައި، މުއިއްޒު އިންނެވި ކެބިނެޓުން މުއިއްޒުގެ ތާޢީދާއި އެކު ގެނައި އިންޑިޔާ ސިފައިންނާއި، ޑޯނިޔާ އަކީ ޤައުމުގެ އިސްތިޤްލާލަށް އޮތް ނުރައްކަލެއް ކަމަށް ކުއްލިއަކަށް ނިންމައި، ރާއްޖެއާއި އިންޑިޔާ ދެމެދު އެތައް 100 އަހަރެއް ވަންދެން އޮތް އެކުވެރި ކަމުގެ ގުޅުން ހީނަރު ކޮށްލީ ވެރިކަމުގެ ދަހިވެތިކަމުގައި ޕީޕީއެމް ޕީއެންސީއިން ގެނައި ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނުންނެވެ.
ދިވެހި ޤައުމުގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބައެއްގެ އަތް މައްޗަށް ނުދޭނެ ކަމަށް ބުނެ، ވެރިކަމަށް އައިސް މަކުނުދޫގައި ޗައިނާއިން މެރިޓައިމް ސެންޓަރެއްގެ ނަމުގައި މިލިޓަރީ ބޭސް އެއް އަޅަން އުޅުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.