ސިޔާސީ

ރަސްކަލަކަށް ހަދައި ގުނބޯހެއްދުން! 

ދިޔަވަރު
ރަސްކަލަކަށް ހަދައި ގުނބޯހެއްދުން! 

"މަސީ އަކީ ވަކިބަޔަކު ޕީއާރުގެ ބޭނުމަށް ހަދައިގެން އުޅޭ ކާޓެލް އެއް! އިންޑަސްޓްރީގައި މީގެ 25 އަހަރުކުރިން އުޅުނުބަޔެއް އެއީ! މިދާއިރާގައި މިއަދު މަސައްކަތް ކުރާ %10 ކުންފުނިވެސް ތިޖަމިއްޔާއަކު ނުހިމެނޭ." ކޮންސްޓަރަކްޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެއް، މަސީ އަކީ ކޮބައިކަން ކިޔައިދެމުން އެކްސްގައި ތަފްސީލް ކޮށްދިނެވެ.

މުހައްމަދު އަލީ ޖަނާހު ޑރ. މުއިއްޒުގެ އެޑްވައިޒަރަކަށް ލައި، އެ އެޑްވައިޒަރު އަތުން ރަސްކަލެއްގެ ލަގަބު މުއިއްޒު ހޯދި ހޯދުން ދިވެހިންނަށްވެގެން ދިޔައީ ޖޯކަކަށެވެ. މުހައްމަދު އަލީ ޖަނާހު އަކީ އެއިރެއްގައި އޮންނަ ކޮންމެ ސަރުކާރެއްގެ ފަސްބައިގައި އެލިގެން "ހަދިޔާ" ދީގެން އުޅޭ ކޮރަޕްޓް ވިޔަފާރި ވެރިއެކެވެ.

ރައީސް ސޯލިހް ބޭރުގެ ޤައުމުތަކަށް ވަޑައިގެންނެވި އިރުވެސް، ހަދާ ސަފުގައި ކުރީގައި ހުންނަވައި، ބައްދަލުކޮށް ހައްދަވައެވެ. މުއިއްޒުގެ ރިޔާސީ ކެމްޕެއިނުން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވީ މުހައްމަދު އަލީ ޖަނާހުގެ ލޯންޗެއްގައި ރައީސް ސޯލިހް ކެމްޕެއިން ފެއްޓެވުމުންނެވެ. އެވާހަކަ ނެތް ނޫހެއް އެ ފޮޓޯ ނެތް ސޯޝަލް މީޑިޔާ އެކައުންޓެއް އޭރު މަދުވާނެއެވެ. އެދުވަހު އެއީ ޕީޕީއެމް ޕީއެންސީ އަށް ކޮރަޕްޓް ވިޔަފާރި ވެރިއެކެވެ. މިއަދު ހަމަ އެ ކޮރަޕްޓް ވިޔަފާރިވެރިޔާ އެހުންނެވީ ރައީސް އޮފީހުގައެވެ. އެޑްވައިޒަރެއްގެ ގޮތުގައެވެ. އެންމެ ފަހުން ރައީސް މުއިއްޒު އަށް ރަސްކަލެއްގެ ލަގަބު ދީ ގުނބޯ ހައްދާފިއެވެ. ޕީޕީއެމް ޕީއެންސީ މީހުން ތިބީ އަތް ޖަހާށެވެ. ލަދުވެތިކަމެއްގެ ޒައްރެއްގެ މިންވަރުވެސް ހަމަ ނެތެވެ.

ޖަނާ ބޭނުންވަނީ ބޭރުގެ ބޮޑެތި ޕްރޮޖެކްޓްތަކެވެ. ބޭރުގެ ސަރުކަރުތަކުގެ ބޮޑެތި ޕްރޮޖެކްޓްތަކެވެ. އެކަމަށް ބޭނުންވަނީ ރައީސްއަކަށް ހުންނަ މީހާގެ ރިކޮމަންޑޭޝަންއެކެވެ. ޖަނާ އަކީ މިކަމަށް ވަރަށް ޤާބިލު މީހެކޭ ބުނެ ފޯނު ކޯލެއް ކޮށްލައި، ނުވަތަ ބައްދަލު ކޮށްލައި ބުނެލުމެވެ. އެ ޕްރޮޖެކްޓުން ލިބޭ ފައިސާއިން މަންފާ ރައީސް މީހާއަށްވެސް ލިބޭ ގޮތަށެވެ. މިފަދަ ކޮރަޕްޝަންތަކުގެ ނަތީޖާއަކަށް ވަނީ ވިޔަފާރީގައި ހަމަ ހަމަ ކަން ގެއްލި، އެހެން ވިޔަފާރިތަކުގެ ކުރިއެރުމަށް އޮތް ފުރުޞަތު ހަނިވެގެން ދިޔުމެވެ. އަދި ވިޔަފާރިވެރިންގެ ނާޖާއިޒް ބާރު ސަރުކަރުތެރެއަށް ވަދެ، ޤައުމު ވިޔަފާރިވެރިންގެ އަތްމައްޗަށް ދިޔުމެވެ.

މުއިއްޒުގެ ތުރުކީ ދަތުރަށް ޖަނާ ވަނީ އެތައް މިލިއަނެއް ހަރަދު ކޮށްދީފައެވެ. މި ޚަރަދުތަކުން ދަރަނިވެރިވަނީ މުއިއްޒާއި ސަރުކާރެވެ. މިއީ ހިލޭ ލިބޭ މަންފާތަކެއް ނޫނެވެ. އޭގެ އަގު ޖަނާއަށް ދައްކަން ޖެހެނީ ދިވެހިންގެ ޓެކްސް ފައިސާއިންނެވެ. އެތައް ގުނައެއް ބޮޑު ކޮށެވެ.

މުހައްމަދު އަލީ ޖަނާހު ޑރ. މުއިއްޒަށް ރަސްކަލެއްގެ ލަގަބު ދެއްވައި ގުނބޯ ހެއްދެވި އިރު، ޤައުމުގެ ހާލު އެނގޭތޯއެވެ؟ އައްޑޫގައި ކުއްޖަކު ބެހި ގެއްލި ދިޔަ އިރު، ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ނުހިފިއެވެ. ދައުލަތުގެ ބަޖެޓު ހުސްވެގެން ފައިސާނެތިގެން ދިޔައީ މަހުޖަނުންނަށް ޓީ-ބިލް ވިއްކައި ޤައުމު ދަރަނިވެރި ކުރުވަމުންނެވެ. 100 އެތައް ސްޓޭޓް މިނިސްޓަރުން އައްޔަންކޮށް ހަމަ އެބަޖެޓަށް ދަނީ ބުރަ ކުރަމުންނެވެ. ރައްޔިތުން ތިބީ ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ގޮސް ހާލުގައެވެ.