މި ސަރުކާރުން ހިއްކަން ފަށާފައިވާ ފުށި ދިއްގަރު ފަޅު ފުރިހަމަ އީއައިއޭއަކާ ނުލާ ހިއްކަން ފެށުމާއި ގުޅިގެން އެ ފަޅުގެ ކައިރީގައި, އިންވެގެން އޮތްފަޅާއި އަދި ކައިރީގައިވާ ރިސޯޓުތަކުގެ ފަޅަށާއި ފަރުތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް ރިސޯޓުތަކުގެ މެނޭޖްމަންޓުތަކުން ބުނެފިއެވެ.
ފުށި ދިއްގަރު ފަޅަކީ މާލޭގެ ދެކުނުން އޮންނަ ބޮޑު ފަޅެކެވެ. އެފަޅާއި އިންވެން މާލެއާއި ކައިރިއަށް އޮންނަ ފަޅުގައި ދެ ރިސޯޓެއް އޮވެއެވެ. އެއީ ޓާޖް އެކްއޯޓިކާ އެންޑް ސްޕާއާއި, ހާރޑްރޮލް ހޮޓެލް މޯލްޑިވްސްއެވެ. އަދި ހަމަ އެފަޅާ ކައިރީ އެނބޫދޫ ވިލެޖް ރިސޯޓުވެސް އޮވެއެވެ. އަދި ފުށި ދިއްގަރު ފަޅަކީ އެފަޅު ކައިރީގައި މަޝްހޫރު ޝާކު ޕޮއިންޓެއްވެސް އޮންނަ ފަޅެކެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މި ރިސޯޓަތަކުގެ މެނޭޖްމަންޓްތަކުގެ ފަރާތުން ވާހަކަ ދެއްކި ބައެއް ބޭފުޅުން ކިޔައިދިން ގޮތުގައި އޮޔާއި ވައި ދެމޭގޮތަށް ބެލުމެއް ނެތި އަވަސް އަރުވާލައިގެން ފުށި ދިއްގަރު ފަޅު ހިކަން ފެށުމާއި ގުޅިގެން މި ރިސޯޓުތަކުގެ ވަށައިގެންވާ ފަރުތައް ވަރަށްބޮޑަށް ކިލަނބު ވަމުންދާ ކަމުގައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, މި ރިސޯޓުތަކުގެ ވަށައިގެންވާ ފަރުތަކަށް ފަތުރުވެރިންނަށް ފީނުމަށް ބޮޑެތި އުދަަގޫތަކެއް ކުރިމަތިވަމުންދާއިރު, ފަރުތަކުގެ ދިރުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގެ ބިރު މިހާރު ހީވެފައިވާކަމަށްވެސް ބުނެފައި ވެއެވެ.
އަދި އޭގެ އިތުރުން ޓޫރިސްޓުން ޑައިވިނަށްދާ ޕޮއިންޓުތައްވެސް ބޭނުން ނުކުރެވޭ ދަރަޖައަށް ކިލަނބުވެ, އެތަންތަނުގެ ދިރުމަށް ދާއިމީ ގޮތެއްގައި ގެއްލުން ލިބުމުގެ ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަދެއްކި ރިސޯޓު މެނޭޖްމަންޓްގެ ބޭފުޅުން ވިދާޅުވެފައި ވެއެވެ. މިގޮތުން ފުށިދިއްގަރު ފަޅު ކަައިރީގައި އޮންނަ ޝާކު ޕޮއިންޓްގެ ހާލަތު މިހާރު ބޭނުން ނުކުރެވޭވަރަށް ގޯސްވެފައިވާކަމަށްވެސް ބުނެފައި ވެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އަވަސް އަރުވާލައިގެން ފުށި ދިއްގަރު ފަޅު ހިއްކަން ފަށާފައިވަނީ ފުރިހަމަ އިއައިއޭއެއް ހެދުމަކާ ނުލައެވެ. އަދި އެ ފަޅު ހިއްކަން ފެށުމުގެ ކުރިން ފަޅުގައި ހުރި މުރަކަތައް އެހެންތަނަކަށް ބަދަލު ކުރާން ގާނޫނު ލާޒިމްކުރާއިރު, އެ ފަޅު ހިއްކަން ފަށާފައިވަނީ މުރަކަަތައް ނަގާ އެހެންތަނަކަށް ބަދަލު ކުރުމަކާވެސް ނުލައެވެ.
ހަމައެއާއެކު ބިން ހިއްކުމުގެ މަޝްރޫޢު ހިއްކުން އެވާޑް ކޮށްފައިވަނީ ސްރީ ލަންކާގެ ސީއެމްސީ ކުންފުންޏަށްކަމަށް ސަރުކާރުން ބުނި ނަމަވެސް އެކުންފުންޏާއެއްކު އަދި މިހާތަނަށް އެއްބަސްވުމުގައި ސަރުކާރުން ސޮއި ކޮށްފައެއްވެސް ނުވެއެވެ. އެގޮތުން އޮޅުވާލައިގެން ސަރުކާރުން މި ފަޅު ހިއްކުމުގައި އަދި ބޭނުން ކުރަމުންދަނީ އެމްޓީސީސީގެ ތަކެއްޗާއި އުޅަނދުތަކެވެ.
އާބަންކޯއިން ބުނެފައިވަނީ, ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ކަމަށެވެ.
އެހެންނަމަވެސް މި ބިންތައް މޯގޭޖްކޮށްގެން ސީއެމްސީއިން ލޯނު ނަގައިގެން ބިން ހިއްކަން ނިންމާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ސަރަހައްދުން ބޮޑު ބައެއް ބޭރު ގައުމަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އެއިން އަސަރު ކުރާނެ ބޮޑު ނުރައްކަލެއްކަމަށް ގިނަބަޔަކު ދަނީ ސިފަ ކުރަމުންނެވެ.