ޚަބަރު

ޖަނާހުގެ ދަރި، އެމްއެމްޕީއާރުސީގެ ޗެއަރ ޕާސަން ކަމަށް، އަދުރޭގެ ބޭބެގެ ދަރި ޑިފެންސްގެ ޕޮލިޓިކަލް ޑައިރެކްޓަރުކަމަށް އައްޔަންކޮށްފި

ދިޔަވަރު
ޖަނާހުގެ ދަރި، އެމްއެމްޕީއާރުސީގެ ޗެއަރ ޕާސަން ކަމަށް، އަދުރޭގެ ބޭބެގެ ދަރި ޑިފެންސްގެ ޕޮލިޓިކަލް ޑައިރެކްޓަރުކަމަށް އައްޔަންކޮށްފި

ރައީސް މުއިއްޒުގެ އެޑްވައިޒަރަކަށް ހުންނެވި މުހައްމަދު އަލީ ޖަނާހުގެ ދަރިފުޅު އައިޝަތު ނޫރައިން ޖަނާހް އެމްއެމްޕީއާރުސީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށް، ރައީސުލް ޖުމްހޫރިއްޔާގެ އެޑްވައިޒަރ އަބްދުއްރަހީމަށް ބޮޑު ބޭބެ ކިޔާ ފާތުމަތު ސަފާ އަހްމަދު ޑިފެންސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ އޮފް ޑިފެންސްގެ މަގާމަށް މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

އަބްދުއްރަހީމަށް ސަރުކާރު ވަޒީފާތަކުގެ %33 މުއިއްޒު ދެއްވާފައިވާއިރު، މިހާރު އަބްދުއްރަހީމު މަޤާމުތަކަށް ހަމަޖައްސާފައިވާ އެތައް ސަތޭކަ ބައެއް ސަރުކާރުގައި އެބަތިއްބެވެ. މުޖުތަމަޢުގެ އަހްލާގީ މިންގަޑުން ބޭރު ފޮޓޯތައް އިންސްޓަރގްރާމްގައި ޕޯސްޓްކޮށްގެން މަޝްހޫރުވެފައިވާ ފާތުމަތު ސަފާ އަހްމަދު މަގާމަށް އައްޔަން ކުރުމާއި ގުޅިގެން އާންމުންގެ ހިތްހަމަ ނުޖެހުން އިތުރުވުމުން، އަބްދުއްރަހީމު ޑިފެންސް މިނިސްޓްރީއަށް އަންގައިގެން މިހާރުވަނީ މަގާމު ހަވާލު ކުރިކަމަށް ޑިފެންސްއިން ކުރި ޓްވީޓް ފުހެލާފައެވެ.

ޖަނާގެ ދަރިފުޅު، އައިޝަތު ނޫރައިން ޖަނާހް މި މަޤާމަށް އައްޔަން ކޮށްފައި މިވަނީ މުއިއްޒަށް ރަސްކަލެއްގެ ލަގަބު މުއިއްޒުގެ އެޑްވައިޒަރ ޖަނާހު، ކުޑަ މުނާސަބަތެއް ބާވާފައި އެރުވިތާ ކުޑަ ދުވަސް ކޮޅެއް ތެރޭގައެވެ.

އައިޝަތު ނޫރައިން ޖަނާހް މީގެ ކުރިން މަސައްކަތް ކޮށްފައިވަނީ ރާއްޖެއިން ބޭރުގައެވެ. އަދި ރާއްޖޭގެ ޓުއަރިޒަމް އާއި ގުޅޭ ފަންނީ ޤާބިލުކަމެއް އަދި ތަޖުރިބާއެއްވެސް އައިޝަތު ނޫރައިން ޖަނާހުގައެއް ނުހުންނާނެއެވެ.

އަބްދުއްރަހީމަށް ބޮޑު ބޭބެ ކިޔާ ފާތުމަތު ސަފާ އަހްމަދަކީ އިންސްޓަގްރާމް މޮޑެލް އެއް ގޮތުގައި މަޝްހޫރުވެފައިވާ ކަނބަލެކެވެ. ޑިފެންސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ ފެންވަރުގެ މަގާމަކަށް ތައުލީމީ އަދި ފަންނީ ޤާބިލުކަމެއް ލިބިފައިވާ ފަރާތެއް ނޫނެވެ. މި މީހުން މަޤާމުތަކަށް އައްޔަން ކުރަމުންދާއިރު މުއިއްޒަށް ކެމްޕެއިން ކުރި އެތައް ބަޔަކަށް އަދި ވަޒީފާ ހަމަޖެހިފައެއް ނުވެއެވެ.