ފުށިދިއްގަރުފަޅު ހިއްކަން ހަވާލުކޮށްފައިވާ ލަންކާ ކުންފުންޏެއްކަމަށްވާ ސީއެމްސީ އިން ފައިސާ ނުދީގެން ރާއްޖޭގެ ފަޅުތައް ހިއްކާ ކުންފުނި ބޮސްކާލިސް ރާއްޖެ ދޫކޮށް ދިޔުމަށް ނިންމައިފިކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ސީއެމްސީ އިން މައިގަނޑު ގޮތެއްގައި ކުޅޭ ދައުރަކީ މެދުވެރިއެއްގެ ދައުރެވެ. ޕްރޮޖެކްތަކުގެ ހުރިހާ މަސައްކަތެއް ކުރަނީ ބޮސްކާލިސް އިންނެވެ. ސަރުކާރުން ލާރި ދެނީ ސީއެމްސީ އަށެވެ. ސަރުކާރުން ފައިސާ ލިބުމުން، ސަރުކާރުގެ ވެރިންނަށް ދޭންޖެހޭ ބައި ދީ ނިންމުމަށްފަހު، ބޮސްކާލިސްގެ އިންވޮއިސްތަކަށް ސީއެމްސީއިން މީގެ ކުރިން ވަނީ ފައިސާ ދައްކާފައެވެ. ނަމަވެސް، ސަރުކާރުން، މަޖިލިސް އިންތިހާބަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވެގެން، މި ސަރުކާރަށް ގިނައަދަދެއްގެ ކަޅު ފައިސާ ދޭން ޖެހުމުގެ ސަބަބުން، ސީއެމްސީއަށް ވަނީ މި ފަހުން، ބޮސްކާލިސް ހުށައެޅި އެއްވެސް އިންވޮއިސް އަކަށް ފައިސާ ދޫކުރެވޭ ގޮތް ނުވެފައެވެ.
މިކަމާއި ހިތްހަމަ ނުޖެހިގެން ރާއްޖެ ދޫކޮށް ބޮސްކާލިސް ދިޔުމަށް ވަނީ ރާވާފައެވެ. ބޮސްކާލިސްއަކީ ފަޅު ހިއްކުމުގެ ރޮނގުން ދުނިޔޭގައި އެންމެ ކުޅަދާނެ އެއް ކުންފުންޏެވެ. ސީއެމްސީއިން ފައިސާ ނުދެއްކުމުގެ ސަބަބުން، ބޮސްކާލިސް ރާއްޖެ ދޫކޮށް ދާއިރު، ސީއެމްސީ އަށް ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ ބޮސްކާލިސްއަކީ، ސީއެމްސީގެ ޕާޓްނަރު ކަމަށް ބަލައިގެން ބޮސްކާލިސްގެ ތަޖުރިބާއާއި ޕްރޮފައިލްގެ މައްޗަށް ބަލައިގެންނެވެ. ބޮސްކާލިސް އާއި ސީއެމްސީއާއި އޮތް ގުޅުން ކެނޑޭ ހިސާބުން، ސީއެމްސީ އަށް ޕްރޮޖެކްޓް ދީފައިވާ ހާލަތު ބަދަލުވެ، ޤާނޫނީ ގޮތުން ސީއެމްސީއަށް ފުށިދިއްގަރު ފަޅު ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގެ ހައްސިއްޔަތު ގެއްލިގެން ދާނެއެވެ.
ސިޢެމްސީ އާއި ގުޅިގެން ހުޅުމާލޭގައި ފޭސް 3ގައި ބޮސްކާލިސް އިން ކުރިއަށް ގެންދާ ޕްރޮޖެކް މިހާރު ވަނީ ހުއްޓާލާފައެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ސީއެމްސީއިން ފައިސާ ނުދީގެން ބޮސްކާލިސް ވަނީ ހުއްޓާލާފައެވެ.
ފުށިދިއްގަރު ފަޅުގައި މަސައްކަތް ކުރަމުންދަނީ ގާނޫނާއި ހިލާފަށް، އެއްބަސްވުމެއްނެތި އެމްޓީސީސީއިންނެވެ. އަދި އެމްޓީސީސީއިން ދަނީ އެހެން ޕްރޮޖެކްޓްތަކުގެ ހަރަދު ތަކަށް ފުށިދިއްގަރުފަޅުގެ މަސައްކަތަށް ދާ ހަރަދު ހިމަނައި މިކަން ފޮރުވަމުންނެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫޢަކީ ސީއެމްސީ މެދުވެރި ނުކޮށް ބޮސްކާލިސް އަމިއްލައަށް ހޯދި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަދު ބަޔަކު، ރާއްޖޭގައި ތިބުމަށްފަހު، ބޮސްކާލިސްގެ ބާކީ މީހުން ވަނީ ރާއްޖެ ދޫކޮށް ގޮސްފައިކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.
ބޮސްކާލިސް އަށް ރާޖޫ މިކަމާއި ގުޅިގެން ފޮނުވި އީމެއިލެއް މިހާރު ސޯޝަލް މީޑިޔާއަށް ވަނީ ލީކްވެފައެވެ.
މުއިއްޒު ވެރިކަމަށް އައުމަށްފަހު، ސަރުކާރުތެރޭގައި އިންތިހާއަށް ކޮރަޕްޝަން އިތުރުވެ، މަޖިލިސް މެމްމަބަރުން ކަޅުފައިސާ ދީގެން ގަތުމަށާއި، މަޖިލިސް އިންތިހާބު ކޮންމެހެންވެސް ނެގުމަށްޓަކައި، ސަރުކާރުން ދަނީ ކުންފުނިތަކުން އިންތިހާއަށް ފައިސާ ނަގަމުންނެވެ. މުއިއްޒުގެ ކޮރަޕްޝަންގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް މިއަދު މިވަނީ ހުރަސްއެޅި، ސީއެމްސީއިން މުއިއްޒަށް އެތައް މިލިއަނަކުން ފައިސާ ދޭންޖެހި، ބޮސްކާލިސް އަށް ދޭންހުރި ފައިސާ ނުދެވުމުން ރާއްޖެ ދޫކޮށް ދާން ނިންމާފައެވެ.
މިކަމަށް އިތުރު އެއްވެސް ހައްލެއް އޮތްތޯ ބެލުމަށް ބޮސްކާލިސް އާއި ބައްދަލުކުރުމަށް ސީއެމްސީއިން ލަންޑަނަށް ދިއުމަށް މިހާރު އޮތީ ބޮސްކާލިސްއާއި ވާހަކަ ދައްކާފައެވެ.