ޚަބަރު

މީޑިއާތައް ބްލޮކް ކުރުން ހުއްޓާލުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި

ދިޔަވަރު
މީޑިއާތައް ބްލޮކް ކުރުން ހުއްޓާލުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުން ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއިން ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ހުށަހެޅި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ދީނާއި ގާނޫނަށް ހިލާފުނުވެ ހިޔާލުފާޅު ކުރުމުގެ މިނިވަން އެންމެނަށް ލިބިދީފައިވާ ކަމަށާއި ގާނޫނުން ނޫސްވެރިކަމުގެ މިނިވަންކަން އެންމެނަށް ވެސް ލިބިދީފައިވާ ކަމަށެވެ.

ސަރުކާރުން ސައިޓުތައް ބްލޮކް ކުރުމަކީ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތް އަމަލެއް ކަމަށާއި ޑިމޮކްރަސީއާ ބީރައްޓެހި މި އަމަލު ސިފަކުރެވެނީ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އެތައް އަހަރެއްގެ ފަހަތަށް ސޮއްސާލައިގެންދާނެ ފަދަ ނިންމުމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެ މައްސަލަ މަޖިލީހުން ބަލައިގަތީ ހާޒިރުވެ ތިއްބެވި 31 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާއެކު އެވެ.

މި މަހުގެ 21 ގައި "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވޭ ގޮތް ހަދައި ވަނީ ބްލޮކްކޮށްފަ އެވެ. އެ ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ. އަދިވެސް އެ ދެ ވެބްސައިޓަކަށް ނުވަދެވެ އެވެ.

ނޫސްތަކުގެ ވެބްސައިޓުތައް ބަންދުކުރި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވާއިރު، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމުގެ ހެޔޮ ނިޔަތް ސަރުކާރުގައި ނެތް ކަމަށް ބުނެ، ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.