ޚަބަރު

ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބާއްވަނީ - އަނދުން ހުސެއިން

ދިޔަވަރު
ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބާއްވަނީ - އަނދުން ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނަށް ސޮއިކުރަން ރިޝްވަތު ދެމުންދާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ގޮނޑީގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ މަޖިލީހުގައި ތަމްސީލު ކުރައްވާ ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތު ކުރައްވައިފި އެވެ.

އޭނާ މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ އިދިކޮޅަށް ނިސްބަތްވާ މަދު މެމްބަރުންތަކެއް ޕީއެންސީއާ ގުޅޭނެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. އޭގެ ތެރެއިން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ވަނީ މިހާރު ވެސް އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގަނެފަ އެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި ބަހުސް ކުރަމުންދާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އަނދުން ހުސައިން ވަނީ ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަކީ ރިޝްވަތު ދީގެން މެމްބަރުންތަކެއް ސޮއިކުރާތީ ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެފަ އެވެ.

"ދެ ތިން މެމްބަރަކު ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބޭއްވުމަކުން އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ. އަޅުގަަނޑުމެންގެ ސަފުތައް ބަދަހި. ކުރަން އޮތް ކަންތައް ސާފު. އެ މަގަށް މާ ބާރަށް އަތުކުރި އޮޅާލައި ނުކުމެ ތިބި ކަމުގައި ދަންނަވަން. ފަހަތަަށް ޖެހޭނެ އެއްވެސް ސަބަބެއް ނެތް," ޝަހީމް ވިދާޅުވި އެވެ.

"ދިޔަވަރަށް" މައުލޫމާތު ދެމުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ޕީއެންސީއާ ގުޅުމަށް ފައިސާ އާއި ސަރުކާރުގެ ވަޒީފާ ހުށަހަޅަމުންދާ ކަމަށެވެ.

އަގެއްގެ ގޮތުގައި ހުށަހެޅީ 4 މިލިއަން ރުފިޔާ އެވެ. މަޖިލީހުގެ މިދައުރު ނިމުމުން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ދިނުމަށާއި އަދި, ބޭނުންވާ އެހެން މީހުންނަށް 10 ވަޒީފާ ޔަގީންކޮށްދީ ހަމަޖެއްސުމަށް ވެސް ހުށަހެޅިނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވި އެވެ.

މެމްބަރުން ސޮއިކުރުން ފާހަގަކުރުމަށް މިރޭ ހާއްސަ ޖަލްސާއެއް ޕީއެންސީން ބާއްވާނެ އެވެ. ދަރުބާރުގޭގައި މިރޭ ބާއްވާ ޖަލްސާގެ ދައުވަތު އެ ކޯލިޝަނުން މިހާރު ފޮނުވާފައިވާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިދިކޮޅު މެމްބަރުންތަކެއް ޕީއެންސީއާ މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރުމާ ގުޅޭ މާއްދާތަކަށް ބަދަލުގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޑީޕީން މިދިޔަ ދުވަސްތަކުގެ ތެރޭގައި ތިން މެމްބަރުން ވަކިވެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 53 އަށް ވެއްޓިފަ އެވެ.

މެމްބަރުން ގަނެގެން ގެންދާކަމަށް ޕީޕީއެމް/ޕީއެންސީގެ އާންމު މެމްބަރުންނާއި ބައެއް ސަޕޯޓަރުން ވެސް ތުހުމަތުކުރެ އެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް ގްރޫޕުތަކުގައި ހިޔާލުފާޅުކޮށްފައިވެ އެވެ.