މި ސަރުކާރުން "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަން މަހެއްހާ ދުވަސް ވެސް ނުނަގާ" ކަމަށް އޭނާ ވިދާޅުވި އެވެ. މިހެން މީކާއިޅް ވިދާޅުވެފައިވަނީ ދިޔަވަރު.ކޮމް މުއިއްޒުގެ އެންގުމަށް ބްލޮކް ކުރުމާއި ގުޅިގެންނެވެ. އަދި، ހަމަ އެ މުއްދަތުގައި ވެރިކަމަށް ހޮވެން ވެވަޑައިގެންނެވި ހުރިހާ ވައުދަކާ ވެސް ސަރުކާރުން ހިލާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މީކާއީލް ފާހަގަކުރެއްވި ގޮތުގައި:
ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެންދާ ވާހަކަ ދައްކައިގެން ކެމްޕޭން ކުރައްވާފައި، 99 އަހަރަށް ރާއްޖޭގެ އެތައް ބިމެއް ދޭން މިހާރު ވަނީ ނިންމާފައި
މިދިޔަ ސަރުކާރުގައި ކޮތަޅުން ޓެކްސް ނަގަން ފެށުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފަހު މިހާރު "ކޮތަޅު ޓެކްސް ވަރެއް ނެތް"
އިންޑިއާ އައުޓް ކިޔަމުން ވެރިކަމަށް އައި ނަމަވެސް، މިއަދު އިންޑިއާ ސިފައިންގެ އަދަދު މުހިއްމެއް ނުވޭ؛ އިންޑިއާ ސިފައިން މިތާ ތިބުންވެސް ސަރުކާރަށް މިހާރު ވަރިހަމަ ކަމަށް މީކާއީލް ވިދާޅުވި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ޖަހައިގެން ވެރިކަމަށް އައި ނަމަވެސް، މިހާރު އެމަނިކުފާނު އަނބުރާ ޖަލަށް ގެންދަން އުޅޭ ކަމުގެ މަލަމަތި ދަނީ ފެންނަމުން
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކާ ހިލާފުވަމުން އަންނަ ސްޕީޑަށް ބަލާއިރު، މީކާއީލް ވިދާޅުވީ، ރައްޔިތުން މިތިބީ، "މަޖިލީހުގެ އިންތިހާބަށް ފަހު އެމަނިކުފާނުގެ ކަސްތޮޅުތައް ނެއްޓި، އެމަނިކުފާނުގެ އަސްލު ސޫރަ ދައްކާލާއިރު ދެން ކޮށްފައި ނުކުރާނެ ކަމެއް ވެސް ނޭނގޭ ހިސާބުގައި" ކަމަށެވެ.
"އިއްޒަތްތެރި ރައީސް، މި ފަސް އަހަރު އަޅުގަނޑުމެން މިހެން ނިންމާލައިފި ނަމަ، މި ރާއްޖެ އަޅުގަނޑުމެންނަށް ފަސް އަހަރު ނިމޭ އިރު ހޯދާ ނުފެންނާނެ،" އޭނާ ވިދާޅުވި އެވެ.