ޚަބަރު

ޖަލުގައި ލާއިންސާނީ އަނިޔާ ދިނުމުގެ ސަގާފަތު އިއާދަކޮށް, ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފި

ދިޔަވަރު
ޖަލުގައި ލާއިންސާނީ އަނިޔާ ދިނުމުގެ ސަގާފަތު އިއާދަކޮށް, ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފި

މާފުށި ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުމެއްގައި ޖަލު ބަލަހައްޓާ އޮފިސަރުން ޖަލުގެ ދެ ގައިދީއަކަށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި، މި ހަމަނުޖެހުން ހިންގާފައިވަނީ, ގޮޅި އިންސްޕެކްޓް ކުރަން ވަތް އޮފިސަރުންތަކެއް ގައިދީންގެ ގައިގައި ތަޅައިގެންނެވެ. މިގޮތުން ޖަލު އޮފިސަރުން ގައިދީންނަށް ދިން އަނިޔާތަކުގައި ވަނީ ގައިދީންގެ ބޯ ފަޅާލާ, އެމީހުންގެ ގައިގައި ތަޅާ ހަދާފައެވެ.

އަދި ގައިދީން ފަހަތަށް ބިޑި އަޅުވާފައި ގިނައިރުތަކެއް ވަންދެން އަވީގައި ގިނަ އިރުތަކެއް ވަންދެން ގުދަށް ބައިތިއްބާފައިވާއިރު, އޮފިސަރުން އެ ގައިދީންގެ ގައިގައި ތަޅާ ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމަށް މަންޒަރު ދުށް, ޖަލުގައި ވަޒީފާ އަދާކުރާ, ބައެއް ފަރާތްތަކުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައި ވެއެވެ.

އޮފިސަރުން އަނިޔާދިން ގައިދީން ބޯ ފަޅައިގެންފައިވާ މަންޒަރާއި ގައިގެ ތަންތަން ނޫފައިގެންފައިވާ މަންޒަރުގެ ފޮޓޯތައް ވަނީ "ދިޔަވަރު އޮންލައިން"އަށް ލިބިފައެވެ.

ޖަލު އޮފިސަރުން ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު, ރައީސް މުއިއްޒުވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ކަރެކްޝަންއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިގޮތުން މި ބަދަލުތަކަށްފަހު ޖަލަށް ސިއްރުން މަސްތުވާތަކެތި ވެއްދުން އިތުރު ވެފައިވާއިރު, ޖަލުގައި ހިނގާ ލާއިންސާނި އަނިޔާތަކާއި ގުޅުންހުރި މައުލޫމާތު މީޑިއާތަކަށް ކަރެކްޝަންސްއިން ދަނީ ސިއްރުވެސް ކުރަމުންނެވެ.

ޖަލުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނުން އެއްވެސް ބަހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެެވެ. ޖަލުގެ އޮފިޝަލުން ގައިދީންނަށް ހަމަލާދިން ގޮޅިއަކީ މާރާމާރީގެ މައްސަލައެއްގައި ބަންދުކޮށްފައި ތިބި ބައެއް މީހުން ތިބި ގޮޅިއެކެެވެ.