ޚަބަރު

ކަޅުފައިސާއަށް މެމްބަރުން ގަތުން: މުއިއްޒު ހުށަހަޅުއްވަނީ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި, 10 ވަޒީފާއާއި ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރުކަން

ދިޔަވަރު
ކަޅުފައިސާއަށް މެމްބަރުން ގަތުން: މުއިއްޒު ހުށަހަޅުއްވަނީ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި, 10 ވަޒީފާއާއި ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރުކަން

ރައީސް މުއިއްޒު އަޒުލް ކުރުމުގެ ވާހަކަތައް ފެންމަތިވާން ފެށުމާއެކު, ފުށިދިއްގަރުފަޅު ސީއެމްސީއަށް ނާޖާއިޒު ގޮތުގައި ބިޑަކާއި ނުލައި، އެޗްޑީސީ މެދުވެރިކޮށް ދީގެން ހޯދި 100 މިލިއަން ރުފިޔާގެ ކަޅުފައިސާއިން ރިޝްވަތު ދީގެން އެމްޑީޕީ މެމްބަރުން ގަތުމަށް މުއިއްޒު ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅުއްވައިފިއެވެ.

މިގޮތުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, މުއިއްޒު ރިޝަވަތު ހުށަހެޅުއްވި އެމްޑީޕީގެ ޕާލަމްނެޓްރީ ގުރޫޕުގެ މެމްބަރަކު ކިޔައިދިން ގޮތުގައި މުއިއްޒު ހުށަހަޅުއްވާފައިވަނީ, އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރާ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާއާއި، 10 ސިޔާސީ މަގާމާއި ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރުކަން ދެއްވުމަށެވެ.

މިގޮތުން ކޮރަޕްޝް ދީގެން ގަންނަ ފަރާތްތައް ޕީއެންސީއަށް ސޮއިކޮށް، އެ ނުހައްޤު ކަޅު ހަރާން ފައިސާއިން މި ކުރި ނުބައި ފާފަ ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކޮށް އުފާ ފާޅުކުރުމަށް މުއިއްޒު މިހާރުވަނީ މި ނުބައި އަމަލުގެ އުފާ ފާޅުކުރުމަށް މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ނިންމާފައެވެ.

ހަރާން ކަޅުފައިސާގެ ރިޝްވަތު ނަގައިގެން ޕާޓީ ބަދަލު ކުރާ މީހުންގެ ތެރޭ ހިމެނޭ ބައެއް މީހުން ގޮތުގައި މައުލޫމާތު ލިބިފައިވަނީ އަބްދުލްޣަނީ ޢަބްދުލްހަކީމް (ކުރެންދޫ ދާއިރާ)، މުހައްމަދު ރާޝިދު (ކޮމަންޑޫ ދާއިރާ)، އިބްރާހިމް ނަސީރު (މުލަކު ދާއިރާ)، އަބްދުލް މުހްސިން ހަމީދު (ނިލަންދޫ ދާއިރާ)، މުހައްމަދު ނިހާދު (ފޭދޫ ދާއިރާ)، އާދަމް އަލީ (މާފަންނު ދެކުނު ދާއިރާ)، އާއި މަޝްހޫރު މަވޯޓާ ޝަރީފެވެ. މީގެ ތެރެއިން, މެލޭޝިއާ ހައިކޮމިޝަންގެ ވަޒީފާގައި ހުންނެވި, މަވޯޓާ ޝަރީފްގެ ދަރިފުޅުގެ މަގާމުގެ މުއްދަތު މިހާރު މިސަރުކާރުންވަނީ އިތުރުކޮށް ދީފައެވެ.

މުއިއްޒު ކަޅު ފައިސާ ދީގެން ގަނެފައިވަނީ، މަޖިލީހަށް ދެވަނަ ދައުރަކަށް ނުހޮވޭނެ ކަމުގެ ޔަގީން ކަން އޮތް، ގޮތް ހުސްވެފައިވާ މަދު މެމްބަރުން ކޮޅެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ.

ކަޅުފައިސާ ބާހާ، ކޮރަޕްޝަންގެ ހަރާމް ފައިސާއިން މެމްބަރުން ގަތުމަށްފަހު އެކަން ފާހަގަކުރުމަށް މުއިއްޒު މިރޭ ޖަލްސާ ބާއްވާއިރު, އެ މިންވަރުންވެސް މުއިއްޒުއަށް މަޖިލިސް މެޖޯރިޓީ އަދިވެސް ލިބިގެނެއް ނުދެއެވެ. އެހެންނަމަވެސް, ކަޅު ފައިސާއަށް ނަފްސު ވިއްކާލާ މެމްބަރުން މުއިއްޒުއަށް ބައިއަތު ހިފުމާއެކު, އެމްޑީޕީއެކަނި މުއިއްޒު އަޒުލު ކުރުމަށް ދެން ދަތިވާނެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމަކީ މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެގެން ދާނޭކަމެކެވެ.