ޚަބަރު

އާއަހަރުގެ މިއުޒިކް ފެސްޓިވަލް ބާއްވަނީ އަލީ ރަމީޒް އާއި ޝޭހް ސަމީރުގެ މަޝްވަރާ ވެސް ލިބިގެން؟!

ދިޔަވަރު
އާއަހަރުގެ މިއުޒިކް ފެސްޓިވަލް ބާއްވަނީ އަލީ ރަމީޒް އާއި ޝޭހް ސަމީރުގެ މަޝްވަރާ ވެސް ލިބިގެން؟!

އާ އަހަރު ފާހަގަކުރުމަށް ހަވާ އެރުވުމާއި ލޭޒާ ޝޯއާއެކު، މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ނިންމައިފި އެވެ.

ފެސްޓިވަލް ކުރިއަށް ގެންދާނީ ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް މަސްހުނި ކޮށްގެންނެވެ. މިއީ ކުޑަކުދިންނަށް ހުޅުވާލައިގެން މިއުޒިކް ފެސްޓިވަލެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޑަކުދިންނަށް އަމާޒުކޮށްގެން މިފަދަ ޝޯ ނުބާއްވަނީ ކުޑަކުދިނާއި ނުގުޅޭ އަޑުތަކާއި، މަންޒަރުތަކާއި، އަދި އެފަދަ އިޖްތިމާޢީ މާހައުލު ތަކާއި، ބާރު މިއުޒިކުގެ އަޑުތަކަކީ ކުޑަކުދިންނަށް އެކަށީގެން ނުވާ ކަންކަން ކަމުގައި ދެކިގެންނެވެ.

މީގެ ކުރީ އަހަރުތަކުގައި މިފަދައިން ބާއްވާ މިއުޒިކް ޝޯތަކާއި މެދު ހިތްހަމަ ނުޖެހިގެން އަލީ ރަމީޒް އާއި ޝޭހް ސަމީރު ވާހަކަފުޅު ދައްކަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވީނަމަވެސް، މިހާރު އަލީ ރަމީޒާއި، ސަމީރު ހުންނެވި ހަނުއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއުޒިކް ފެސްޓިވަލް އާއި ގުޅިގެން ފާޑު ނުކިޔުމަށް އެދި ވަކިވަކިން ބައެއް ޝޭހުންނާއި އިސްލާމިކް މިނިސްޓަރ ޝަހީމް ވަނީ ގުޅުއްވައި މަޝްވަރާ ކޮށްފައިވެއެވެ. އަދި އަލީ ރަމީޒަށްވެސް، ޝޭހް ސަމީރަށް ވެސް ފާޑު ނުކިޔުމަށް އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މުއިއްޒުގެ ސަރުކާރު ގެނައުމަށް، ސަލަފުން ވަނީ އޭރު އޮތް ވެރިކަމާއި ދެކޮޅަށް، ދެ ޖަލްސާއެއް އާޓިފިޝަލް ބީޗްގައި ބާއްވައި، ވަލިއުލްއަމުރުގެ ބޮލުގައި ދުރުދުރުން އެތައް ދޮގު ތުހުމަތު ތަކެއް އަޅުވާފައެވެ. އެގޮތުން ދިވެހި ޤައުމުގެ މިނިވަންކަން ގެއްލި ދަނީ ކަމަށް ބުނެ ޝޭހް ސަމީރު ވާހަކަ ދައްކައި، ރައްޔިތުންގެ މެދުގައި ސަރުކާރާއި މެދު ބިރުވެރިކަން އުފެއްދުމަށް ފިތުނަވެރި ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ބޭއްވުމަށް ހަމަޖައްސާފައެވެ. "ޒުވާން ޖީލަށް ދެން އަންނަން ތިބި ބަޔަކީ ކުޑަކުދިން، އެ ކުދިންނަށް ހާއްސަކޮށް އަހަރު ނިންމުމަށް އެބަ ބާއްވަން ކުޑަ ކުދިންގެ އާއިލީ ހަވީރެއް 31 ވަނަ ދުވަހުގެ ހަވީރު،" މިނިސްޓަރު ވިދާޅުވި އެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި އީދު ފަދަ އިސްލާމީ މުހިންމު ދުވަސްތަކާއި ގުޅިގެން ކުޑަކުދިންނަށް ހާއްސަ ފެސްޓިވަލް ބޭއްވިއަސް، އާ އަހަރާއި ކްރިސްމަސް ދުވަސްތަކާއި ދިމާކޮށް މިފަދަ މުނާސަބާ ކުޑަކުދިން ބައިވެރިކޮށް ފާހަގަ ކޮށް ނޫޅެއެވެ.

ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ ލޭޒާ ޝޯ އާއި ހަވާ އެރުވުމާއެކު މިޔުޒިކް ޝޯ ކުރިއަށް ދާނެ ކަމަށް ވެސް ޔޫތް މިނިސްޓްރީއިން ދެއްވި ޕްރެސްގައި ވިދާޅުވި އެވެ. މި ފެސްޓިވަލަކީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބާއްވާ ފުރަތަމަ އިވެންޓްއަށް ވާތީ، މި އިވެންޓް ހާއްސަ ކުރާނީ ދިވެހި ފަންނާނުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި އާޓީސްޓުންނަށް ރައީސް ވަރަށް އިސްކަން ދެއްވާ، އެންމެ ބޮޑު އަމާޒަކަށް ވެގެން މި ދިޔައީ އަޅުގަނޑުމެން މި ސަރުކާރުން ބާއްވާ ފުރަތަމަ ފެސްޓިވަލް ދިވެހި ފަންނާނުންނަށް ހާއްސަ ފެސްޓިވަލަކަށް ހެދުމަށް، މި ފެސްޓިވަލްގެ ހަރަކާތްތަކަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ ސަރުކާރުތަކުގައި ވެސް އެކި ނަންނަމުގައި މިއުުޒިކް ޝޯތައް ބާއްވާފައިވެ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އެ ސަރުކާރުތަކަށް އަމާޒުވި އެވެ.