ޖުމްލަ 52 މިލިއަން ރުފިޔާގެ ރިޝްވަތު ނަގައިގެން މިރޭ ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންނެވި އެމްޑީޕީ 13 މެމްބަރުން ރިޝްވަތުގެ ކަޅުފައިސާގަ ހިފަނިކޮށް ނަގާފައިވާ ވީޑިއޯ ރައީސް މުއިއްޒުގެ އަތުގައި ހުރިކަމަށް މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި ގޮތުގައި މިރޭ ކޮންގްރެސް ޕާޓީއާއި ގުޅިވަަޑައިގެންނެވި މެމްބަރުންނާއި ހަވާލުކުރަން ރިޝްވަތުގެ ކަޅު ފައިސާ ހިފައިންގެ މެމްބަރުންގެ އަރިހަށް ވަޑައިގެންނެވީ ރައީސް އޮފީހުގެ މނިސްޓަރ އާދަމް ރަމީޒް ކަމުގައެވެ.
އާދަމް ރަމީޒްއަކީ މާލޭ ސިޓީކައުންސިލްގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު, ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުއިއްޒުގެ އެންމެ އަރިސް ފަރާތެވެ. އަދި މުއިއްޒު ޕީޕީއެމްގެ ކެނޑިޑަސީ ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި އޭނާ މުއިއްޒަށް ތާއީދު ކުރާތީ ޕީޕީއެމްއިން އޭރު އޭނާ ވަކިކޮށްފައިވެސް ވެއެވެ. މިހަފްތާގައި އޭނާވަނީ މުއިއްޒުގެ ޕީއެންސީއާ ގުޅިފައެވެ.
ރައިސް ކަމާއި މުއިއްޒު ހަވާލުވެވަޑައިގެންނެވުމާއެކު ރަމީޒު ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކޮށްފައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ ރިޝަވަތުގެ ފައިސާ ހަވާލުކުރި އިރު, ރަމީޒުވަނީ ފައިސާ ހަވާލުކުރި ވީޑިއޯ ސްޕައި ކެމެރާއަކުން ރިކޯޑު ކޮށްފައި ކަމުގައެވެ. އެގޮތުން ރިޝްވަތުގައި ހިފި މެމްބަރުން "ބްލެކް މެއިލް" ކުރުމުގެ ބޭނުމަކީ, ރިޝްވަތު ހިފި މެމްބަރުންނަށް އިތުބާރު ނުކުރެވޭނެތީ ކަމަށާއި, އެ މެމްބަރުން އަނެއްކާވެސް ރިޝްވަތުގެ ފައިސާގައި ހިފާ, މުއިއްޒު އަޒުލް ކުރުމަށް އަލުން އެމްޑީޕީއާއި ބައިއަތު ހިފައިފިނަމަ އެމެމްބަރުންގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި އެއްކޮށްފައި ބެހެއްޓުން ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެކި މެމްބަރުންނާއި ރަމީޒް ފައިސާ ހަވާލުކޮށްފައިވަނީ އެކި ތަންތަނުގައި ކަމަށާއި, ބައެއް މެމްބަރުންނާއި ފައިސާ ހަވާލު ކުރީ ޕީއެންސީގެ އޮފީސް ހިންގާ އިމާރާތުގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. ބައެއް މެމްބަރުންނާއި އެ މެމްބަރުންގެ ގޭގައި ރިޝްވަތުގެ ފައިސާ ހަވާލުކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިރޭ ކޮންގްރެސް ޕާޓީއަށް ސޮއިކުރި ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާ ދީފައި ވެއެވެ. އަދި އެއިން ކޮންމެ މެމްބަރަކަށް 10 ވަޒީފާއާއި, މަޖިލިސް ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރުކަން ދިނުމަށް މުއިއްޒުވަނީ ވައުދު ވެފައެވެ.
ކޮންގްރެސް ޕާޓީއަށް މިރޭ ސޮއި ކުރެއްވި 13 މެމްބަރުންނަކީ:
މަރަދޫ އިބްރާހިމް ޝަރީފް
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
އިސްދޫ ދާއިރާގެ އަލީ ހަމީދު
ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
މަތިވެރި ހަސަން ޒަރީރު
މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު
ޕީޕީއެމް/ޕީއެންސީން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މި ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެންނެވި އިރު، އެބޭފުޅުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި 13 މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ވަޑައިގެންނެވީ 10 މެމްބަރުންނެވެ. އަނެއް ތިން މެމްބަރުން މާލޭގައި ނޫޅުއްވި ނަމަވެސް އެ މެމްބަރުން ވަނީ ޕީއެންސީ އަށް ސޮއިކުރެއްވި ފޮޓޯ އާންމުކޮށްފައެވެ.
މި މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ މިއަދާ ހަމައަށް ވެސް އެމްޑީޕީގައި ތިއްބެވި މެމްބަރުންނެވެ. އަދި ހައިތަމް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ.
މި ހުރިހާ މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ވާނީ ޕީއެންސީއެވެ. މި ބަދަލާ އެކު، މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު 44 އަށް އަރާއިރު، އެމްޑީޕީގައި މިރެއާ ހަމައަށް 56 މެމްބަރުން ތިއްބެވިއެވެ.
މުއިއްޒު 54 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން މެމްބަރުން ގަނެފައިވަނީ ފުށިދިއްގަރު ބިންހިއްކުމަށް ސްރީ ލަންކާގެ ސީއެމްސީ ކުންފުންޏަށް 70 ހެކްޓަރުގެ ބިން 99 އަހަރަށް ދީގެން ނަގާފައި 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ފައިސާއިންނެވެ.