ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން މަޖިލިސް މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމަކީ ރާއްޖޭގައިވެސް އަބަދުވެސް ހިނގަމުން އައި ކަމެކެވެ. މިގޮތުން މީގެ 15 އަހަރު ކުރިން ރާއްޖެ ޒަމާނީ ޑިމޮކްރަސީއެއް ބަލައިގަތުމަށްފަހު, ސިޔާސީ ފިކުރު ބަދަލު ކުރުމަކީވެސް އެއީ އާންމު ކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.
ފައިސާއަށް ޕާޓީ ބަދަލު ކުރުމުގެ ކުޅިވަރަކީ ރައީސް މައުމޫނުގެ ވެރިކަން ނިމި, އެއައްފަހު އައި ހުރިހާ ރައްޔިތުންގެ މަޖިލީހެއްގައިވެސް ރާއްޖޭގައި ހިނގަމުން އަންނަ ކަމެކެވެ. މެމްބަރުން ޕާޓީ ބަދަލު ކޮށްފައިވެއެވެ. އަދި އެ ބަދަލުތަކުގައި ފައިސާގެ މުއާމަލާތްތައް ކޮށްފައިވާކަމުގެ ތުހުމަތުތައް ކުރެވިގެން ދިޔަނަމަވެސް, އޭރު ހިނގި މުއާމަލާތަތައް ހިންގާފައިވަނީ ސިއްރިޔާތުގައެވެ. ދެކެވެމުން އައިސްފައިވަނީ އެކަންކަމާއި ގުޅުންހުރި ވާހަކަ ތަކެވެ.
އެހެންނަމަވެސް, ސާފު ވެރިކަމެއް ކުރައްވާ, ރިޝްވަތާއި ކޮރަޕްޝަންގެ މޫތައް ލުހެލާނެކަމަށް ވައުދުވަމުން ވެރިކމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ދެމަހެއްހާ ދުވަސް ފާއިތުވެގެން ނުދަނީސް ރާއްޖޭގެ ސިޔާސީ މަސްރަހު ގުގުމާލީ, ފައިސާގެ ބޮޑެތި އަދަދަތަކުންނާއި, ދައުލަތުގެ އެތަކެއް ވަޒީފާތަކެއް ސޭލް އަޅުވައިގެން, ގަޑުކޮށް މެމްބަރުން ބައްލަވައިގަންނަވަން ފެއްޓެވިކަމުގެ ވާހަކަތަކުން އެކަންޏެއް ނޫނެވެ.
ފާޅުގައި, ބިރަކާ ނުލާ, އެ ނުބައި އަމަލު އެމަނިކުފާނު ގެންދަވަނީ ތަމްސީލުވެސް ކުރައްވަމުންނެވެ. އަދި ކަޅުފައިސާއިން މެމްބަރުން ބައްލަވައި ގެންނެވުމަށްފަހު, އަތް ޖައްސަވާ, އެކަމުގެ އުފާ ފާޅުކުރައްވަން އެކަނިކުފާނުވަނީ ރޭ ދަރުބާރު ގޭގައި ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.
ރައީސް މުއިއްޒުއަކީ ކޮންމެ ރެއަކު ވަގުތަށް ފަތިސް ނަމާދަށް ވަޑައިގަންނަވާކަމަށް, އެމަނިކުފާނު ވަޒީފާ ދެއްވާފައި ތިބި ސިޔާސީ މީހުން މަޝްހޫރު ކުރައްވާ ބޭފުޅެކެވެ. އެގޮތުން ފަތިސް ނަމާދަށް ވަޑައިގެން އެމަނިކުފާނު ސަޖިދައިގައި އޮންނަވާ މަންޒަރު އެމަނިކުފާނުގެ ވަޒީފާގައި ތިބޭ ގިނަމީހުން އަބަދުވެސް ޓުވީޓުވެސް ކުރަމުން ދެއެވެ.
އެހެންނަަމަވެސް ހަރާމް ފައިސާއިން މަޖިލިސް މެމްބަރުންގަނެ, ފާޅުގައި އެ ކޮރަޕްޝަންގެ ނުބައި ޖަރީމާ އެމަނިކުފާނު ހިންގަވަން ފައްޓަވާފައިވަނީ އެއްވެސް ބިރެއް ނެތި, ފާޅުކަން ބޮޑު ގޮތެއްގައެވެ. "ރޯމާ ދުވާލު"އެވެ. މިގޮތުން ޖުމްލަ 52 މިލިއަން ރުފިޔާގެ ރިޝްވަތު ނަގައިގެން 13 އެމްޑީޕީ މެމްބަރަކު ރޭވަނީ މުއިއްޒުގެ ކޮންގްރެސް ޕާޓީއާއި ގުޅިފައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލުުން ވިދާޅުވީ, ރައީސް މުއިއްޒު ބައްލަވައިގެންނެވީ ޕީއެންސީއަށް ސޮއިކުރި ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާ ދީގެންނެވެ. އަދި ދައުރު ނިމުމުން ސްޓޭޓް މިނިސްޓަރު ކަމާއި، 10 ސިޔާސީ މަގާމު ދެއްވުމަށްވެސް ވަނީ ވައުދު ވެފައެވެ.
މުއިއްޒު 54 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން މެމްބަރުން ގަނެފައިވަނީ ފުށިދިއްގަރު ބިންހިއްކުމަށް ސްރީ ލަންކާގެ ސީއެމްސީ ކުންފުންޏަށް 70 ހެކްޓަރުގެ ބިން 99 އަހަރަށް ދީގެން ނަގާފައި 100 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ފައިސާއިންނެވެ.
މިގޮތުން ކޮރަޕްޝް ދީގެން ގަތް ފަރާތްތައް ޕީއެންސީއަށް ސޮއިކޮށް، އެ ނުހައްޤު ކަޅު ހަރާން ފައިސާއިން މި ކުރި ނުބައި ފާފަ ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކޮށް, އަތްޖަހާ އުފާ ފާޅުކުރުމަށް މުއިއްޒު ވަނީ ރޭ ޚާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ.
އެޖަލްސާގައިވެސް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ, އެމްޑީޕީގައި މިހާރު ބާކީ ތިބި މެމްބަރުންވެސް އެމަނިކުފާނާ ދެކޮޅަށް އިނގިލިވެސް ހިއްލަވާ ނުލައްވާނެ ކަމުގައެވެ.
ކޮންގްރެސް ޕާޓީއަށް ކޮރަޕްޝަންގެ ފައިސާއަށް ރޭ ސޮއި ކުރެއްވި 13 މެމްބަރުންނަކީ:
މަރަދޫ އިބްރާހިމް ޝަރީފް
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް
އިސްދޫ ދާއިރާގެ އަލީ ހަމީދު
ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް
ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް
މަތިވެރި ހަސަން ޒަރީރު
މުލަކު ދާއިރާގެ އިބްރާހިމް ނަސީރު
ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު
މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ
ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު
ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން
ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު
މުއިއްޒު ކަޅު ފައިސާ ދީގެން ގަނެފައިވަނީ، މަޖިލީހަށް ދެވަނަ ދައުރަކަށް ނުހޮވޭނެ ކަމުގެ ޔަގީން ކަން އޮތް، ގޮތް ހުސްވެފައިވާ 13 މެމްބަރުންކަން ފާހަގަ ކޮށްލާން ޖެހެއެވެ.
ކަޅުފައިސާ ބާހާ، ކޮރަޕްޝަންގެ ހަރާމް ފައިސާއިން މެމްބަރުން ގަތުމަށްފަހު އެކަން ފާހަގަކުރުމަށް މުއިއްޒު ރޭ ޖަލްސާ ބާއްވާއިރު, އެ މިންވަރުންވެސް މުއިއްޒުއަށް މަޖިލިސް މެޖޯރިޓީ އަދިވެސް ލިބިގެނެއް ނުދެއެވެ. އެހެންނަމަވެސް, ކަޅު ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުން މުއިއްޒުއަށް ބައިއަތު ހިފުމާއެކު, އެމްޑީޕީއެކަނި މުއިއްޒު އަޒުލު ކުރުމަށް ދެން ދަތިވާނެއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމަކީ މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެގެން ދާނޭކަމެކެވެ.