މުއިއްޒު އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންނަށް އަމާޒުކޮށް އާއަހަރު ފާހަގަ ކުރަން ބާއްވާ މިއުޒިކް ފެސްޓިވަލް އާއި ދެކޮޅަށް އަލީ ރަމީޒް ޕޯސްޓު ކުރީ އެކަން ހަރާން ކަމަށް ސާޖިދާގެ ބޮޑު ބޭބެ ޝޭއިޙް ލަތީފް 2008 ގައި ބުނާ ވީޑިޔޯ އެވެ. ވެރިކަމަށް މުއިއްޒު އައި ހަފްތާގައި ޝެއިހް ލަތީފްގެ މަގާމު މިނިސްޓަރ ފެންވަރަށް ވަނީ ގެނެސްފައެވެ. މިވަގުތު ޝެއިޙް މުހައްމަދު ލަތީފް އިސްލާމީ މަރުކަޒުގެ އިމާމަކަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރ ފެންވަރުގައެވެ.
ކީރިތި ރަސޫލާ ސައްލައްﷲ އަލައި ވަސަލަމްގެ ހަދީސެއްގައިވޭ! ތިމަން ކަލޭގެފާނުގެ އުންމަތުގެ ތެރެއިން ބަޔަކު އަންނާނެއޭ! އެމީހުން ފަށުވި ފޭރާން ހުއްދަ ކުރާނެއޭ! ޒިނޭ އަދި ރާ، އަދި ލަވައާއި، ލަވަ ކުޅުމަށްޓަކައި ބޭނުންކުރާ ހުރިހާ ސާމާނެއް ހުއްދަ ކުރާނެއޭ! މި ހަދީސްގައި އެވަނީ އެ މީހުން ހުއްދަ ކުރާނެ ވާހަކަ، ހަލާލު ކުރާނެ ވާހަކަ! އޭގެ މާނަ އަކީ ހަރާން ތަކެތި މި ތަކެއްޗަކީ! ފަހުން ބަޔަކު އައިސް މިކަންކަން ހަލާލު ކުރަނީ! އެހެންކަމުން މިކަމުގެ ހަރާން ކަމާއި ދޭތެރޭގައި މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން! މި ހަދީސަކީ އަލް އިމާމް ބުހާރީ ރަހިމަހުﷲ ފައިހުލް ބުހާރީގައި ރިވާ ކުރައްވާ ހަދީސެއް! އެހެންކަމުން ކުރީގައިވެސް ދެންނެވި ފަދައިން ސަހާބާއިން ފެށިގެން ތާބިއީ ބޭކަލުން އަދި އުއްމަތުގެ އެހެން ދަންނަބޭކަލުން، އިމާމްވެރި ބޭކަލުން އަދި ސޯލިހް ތަގުވާވެރި އެއްވެސް ބޭފުޅަކު މިކަމުގެ ހަރާންކަމާއި މެދު ދެބަސްވެފައެއް ނުވޭ! އެހެންކަމުން އަޅުގަނޑަށްވެސް ދެންނެވޭނީ، މިހާރު މިކިޔޭ ލަވަތަކަކީ އިސްލާމީ ނަޒަރަކުން ދަންނަވާނަމަ ދެންނެވޭނީ ހާރާމް ކަމެއް ކަމުގައި! އެއާއި ޚިލާފަށް ރަނގަޅު މާނަދޭ، އަޚްލާޤު ފަހި ކުރުމަށްޓަކައި، ކިޔޭ ޅެންތަކާއި، ލަވަތަކަކީ، މިއުޒިކާއި ނުލާހުންނަ ނަމަ އެއީ މައްސަލައެކޭ ނުދެންނެވޭނެ! އަޒްހަރުގެ ފަތުވާވެސް އޮތީ މިގޮތަށް!
ޝެއިޙް މުހައްމަދު ލަތީފް މި ވީޑިޔޯގައި ވިދާޅުވިއެވެ.
ޝެއިޙް މުހައްމަދު ލަތީފް މިހެން ވިދާޅުވެފައިވަނީ މާރޗް 2008 ގައި އޭރުގެ އުފެދުނު ސަރުކާރާއި ދެކޮޅަށް ކުރި މަސައްކަތުގެ ތެރޭގައެވެ، ނަމަވެސް މިއަދު އެއަށްވުރެ އެތައް ގުނަ އެއް ބޮޑުކޮށް މިއުޒިކް ފެސްޓިވަލް ބާއްވާ އިރު، ޝެއީޙް ލަތީފް ހުންނެވީ ކޮއްކޮގެ ވެރިކަން ދިފާޢު ކުރަން ބަހެއް ބުނެނުލައި، މިސްކިތުގެ އިމާމުކަމުގައި މިނިސްޓަރު ފެންވަރުގައެވެ.
ސަރުކާރުން ބާއްވާ މިއުޒިކް ފެސްޓިވަލް އާއި މެދު ހިތްހަމަ ނުޖެހިގެން އަލީ ރަމީޒް ވަނީ ޓްވިޓާރގައި އަދި ފޭސްބުކް ގައި ވެސް މި ވީޑިޔޯ ޖަހާފައެވެ.
އަލީ ރަމީޒް ފެންނަމުން ދަނީ، ސަރުކާރުން ކުރާ ކަންކަން ވަކި ސަރުކާރެއް ނުބަލައި ފާޑު ކިޔާ މަންޒަރެވެ. ނަމަވެސް މިއަދު ޝޭޙް ސަމީރުވެސް ހުންނެވީ ސަރުކާރުން އައްޔަންކުރި ސިޔާސީ މަޤާމެއްގެ ދަހިވެތިކަމުގައި ކަސްތޮޅު އެޅި އަނގަ ބަންދުވެފައެވެ،