މަޖިލީސް ރައީސް އާއި މަޖިލިސް މެމްބަރުންތަކެއް އެމްބަސަޑަރ އަކާއި ބައްދަލު ކުރި ކަމަށް ބުނެ، ދޮގު ތުހުމަތެއް ކޮށް އެކަމަށް މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ. މި ގޮތަށް ފާޑު ވިދާޅުވެފައިވަނީ ރިޝްވަތު ދީގެން ޕާޓީއަށް މެމްބަރުން ގެނައި ރަސްމިއްޔާތު ފާހަގަ ކޮށް އުފާ ފާޅުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރިޝްވަތުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އާއި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރަކު، ހުޅުމާލެ އަމީން އެވަނިއުގައި ހަވީރުއްސުރެ ރޭގެ ވަގުތަކާ ހަމައަށް ސަފީރަކާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން މިރޭ މިހާރު މިތަނަށް އައި ގަޑީގައި ސޯޝަލް މީޑިއާގައި އެބަ އެނބުރޭ ފޮޓޯއެއް. އަޅުގަނޑު އުއްމީދު ކުރަން އެއީ ގައުމީ ވިސްނުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އަދި މަޖިލީހުގެ ދެ މެމްބަރަކު ބޭރުގެ ސަފީރަކާ ވަރަށް ގިނަ ވަގުތު ހަވީރުން ފެށިގެން ރޭގަނޑު ވަންދެން ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގައި ކޮންމެވެސް ތަނެއްގައި ބައްދަލުކޮށްފަ ފައިބައިގެންދާ ތަނުގެ ފޮޓޯ،" އަސްލަމުގެ ފޮޓޯއެއް ފެނިގެން މުއިއްޒު އެކަމާއި ކަންބޮޑުވެ ޖެހިލުންހުރެ ރޭ ވާހަކަ ދައްކަވަމުން ކިޔައިދިނެވެ.
އެ ތުހުމަތު އަސްލަމް ވަނީ ދޮގު ކުރައްވާފައެވެ. އަދި ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ބުނެފައި ވަނީ، މަޖިލީހުގެ ރައީސް ރަސްމީ އަދި ނުރަސްމީ ބައްދަލުވުމެއް ވެސް ސަފީރަކާއެކު އިއްޔެ ބާއްވާފައި ނުވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް, އޮނަރަބަލް މުހައްމަދު އަސްލަމް މިއަދު (އިއްޔެ) އެއްވެސް ގައުމެއްގެ ސަފީރަކާއެކު އެއްވެސް ބައްދަލުވުމެއް ބާއްވަވާފައެއް ނުވެ އެވެ. ރަސްމީ ބައްދަލުވުމެއްވެސް އަދި ނުރަސްމީ ބައްދަލުވުމެއްވެސް, އެއްވެސް ސަފީރަކާއެކު ބާއްވަވާފައިނުވާ ވާހަކަ ދަންނަވަމެވެ،" މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މަޖިލީހުގެ މީޑިއާ ގްރޫޕަށް ރޭ ޝެއާކުރި މެސެޖުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ވަނީ، އަމީން އެވެނިއުގައި ސަފީރުން ތިއްބަވާ ޓަވަރުތައް ރައީސުލްޖުމްހޫރިއްޔާއަށް ސާފުވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މިއީ އިންޑިޔާ ސަފީރު އުޅުއްވާ ޓަވަރު ތޯ ޔަގީން ކުރައްވާފަ ތެދު މައުލޫމާތު މުއިއްޒަށް ދިނުމަށް އަލީ ނިޔާޒު ޓްވީޓް ކުރެއްވިއެވެ. އަސްލަމް ފޭބީ އިންޑިޔާ ސަފީރު އުޅުއްވާ ޓަވަރަކުންނެއްވެސް ނޫނެވެ. ސަފީރަކަށް ނިސްބަތްކޮށް ޤައުމެއްގެ ރައީސެއް އެކުރެއްވީ ކުޑަ ތުހުމަތެއް ނޫނެވެ. މިކަމުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހީނަރުވެގެން ދާނެއެވެ. މިއީ އެއްވެސް ޤައުމެއްގައި އެއްވެސް ވެރިއަކު މީގެ ކުރިން ކޮށްފައިވާ ޒާތުގެ ކަމެއް ވެސް ނޫނެވެ. ތަނެއް ދޮރެއް ބަލައިނުލާ މުއިއްޒު މިކުރީ ހަޔާތްކުޑަ ލަދުވެތި ކަމެކެވެ.
އިންޑިޔާއާއި ރާއްޖެއާއި ދެމެދު މަސްލަހަތު ގޯސްވެފައިވަނީ، އިންޑިޔާއާއި ގުޅުވައިގެން ދޮގުވާހަކަ ފަތުރައިގެން ހައްދުފަހަނަ އެޅި، ކަނައަތު ފިޔާގެ ސިޔާސީ ހަރަކާތެއްގެ ތެރެއިން އިންޑިޔާގެ ބޮލުގައި ދޮގު އިލްޒާމް ތަކެއް އަޅުވައިގެންނެވެ. ޤައުމު އިސްކުރަނީ ކަމަށް ބުނެ، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއްގައި ވެރިކަމަށް އައުމުގެ ދަހިވެތިކަމުގައި އިންޑިޔާގެ އެއްވެސް ކުށެއް ނެތި، އިންޑިޔާ ބަދުނާމު ކޮށްގެންނެވެ. ރާއްޖެއަށް ގެނައި އިންޑިޔާސިފައިންގެ 22 ފަރާތަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ގެނައި ބަޔެކެވެ، ބާކީ ތިބި 60 އެތައް މީހުންނަކީ މުއިއްޒު އިންނެވި ކެބިނެޓުން މުއިއްޒުގެ ރުހުމާއި އެކު ފާސްކޮށްގެން ޔާމީން ގެނައި ބަޔެކެވެ. އަމިއްލަ އަށް އެދިގެން ގެނައި ބަޔަކު، ކުއްލިއަކަށް ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ސިފަކޮށް ބައިނަލް އަޤްވާމީ މުޖްތަމަޢުގައި އިންޑިޔާ ފަލީހަތް ކޮށް، ދޮގު ތުހުމަތު އިންޑިޔާ ބޮލުގައި އެޅުވިއެވެ. އިންޑިޔާއިން ގެނައި ޑޯނިޔާ ބޭނުން ނުކުރަންވެގެން ދާދި ފަހުން ވަނީ އައްޑޫގައި ޒުވާން ކުއްޖަކު ބެހިގެން ދާން ދޫކޮށްލާފައެވެ.