ޚަބަރު

ދެނޫސް އަންބުލޮކު ކުރުމާއި ދިމާކޮށް, ޚުޡުބާ ޚާއްސަކުރީ ދޮގު ހެދުމުގެ ނުބައިކަމުގެ މައްޗަށް! ޚުޡުބާ ސިޔާސީ ކޮށް, ދީންވެސް އެންމެ ފަހުންސިޔާސީ ހަތިޔާރަކަށް!

ދިޔަވަރު
ދެނޫސް އަންބުލޮކު ކުރުމާއި ދިމާކޮށް, ޚުޡުބާ ޚާއްސަކުރީ ދޮގު ހެދުމުގެ ނުބައިކަމުގެ މައްޗަށް!  ޚުޡުބާ ސިޔާސީ ކޮށް, ދީންވެސް އެންމެ ފަހުންސިޔާސީ ހަތިޔާރަކަށް!

ދޮގު ހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި އެއް ސިފަކަމުގައި ބަޔާންކޮށް, ނޫސްވެރިންނަކީ ދޮގު ޚަބަރު ފަތުރާ ބައެއްކަމަށް މޭރުންވާ ގޮތަށް މިއަދު ހުކުރު ޚުޡުބާގައި ދޮގު ހެދުމުގެ ނުބައިކަން މި ސަރުކާރުން ބަޔާން ކޮށްފިއެވެ.

ދޮގު ހެދުމާއި ގުޅޭގޮތުން މިއަދު ހުކުރު ޚުޡުބާ ޚާއްސަ ކޮށްފައިވާއިރު, ސަރުކާރުން ވަނީ "ދިޔަވަރު އޮންލައިން" އާއި "ކުރުސީ.ކޮމް" އިން ސަރުކާރާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާކަމަށް ތުހުމަތު ކޮށްފައެވެ. އަދި ފާއިތުވި ހަފްތާގައި ސަރުކާރުން ވަނީ އެ ދެނޫހަށް ނުވަދެވޭގޮތަށް ބްލޮކްވެސް ކޮށްފައެވެ.

އެހެންނަމަވެސް, ސަރުކާރުގެ ޚުދުމުޚްތާރުކަމަށް ޖެހިލުމެއްނެތި, ވީޕީއެން ބޭނުންކޮށްގެން ގިނަ ބަޔަކު "ދިޔަވަރު އޮންލައިން" އާއި "ކުރުސީ.ކޮމް" އަށް ވަންނަމުން ދަނިކޮށް, ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި އަޑު އުފުލަމުންދިޔަ އެތައް ބައެއްގެ ޕްރެޝަރަށް ކެތް ނުކުރެވިގެން ރައީސް މުއިއްޒުވަނީ ދެ ނޫސްވެސް އަން ބުލޮކު ކޮށްފައެވެ.

އެހެންނަމަވެސް މި ދެނޫހަކީވެސް ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިން (އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފު ނުވާ ގޮތުގެމަތިން), ހަމަހަމަ ކަމާއެެކު ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުން އަންނަ ދެ ނޫސްކަން ފާހަގަ ކޮށްލެވެެއެވެ.

"ތެދު ބުނުމުގެ މާތްކަމާއި، ދޮގުހެދުމުގެ ނުބައިކަން" މި މައުޟޫއަށް ޚާއްސަކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ބަޔާން ކޮށްފައިވަނީ, މީސްތަކުންގެ ހައްގުތައް ގެއްލިގެން ދިއުމުގެ އެއް ސަބަބަކީ ދޮގު ބުނުން ކަމުގައެވެ. އަދި އެއީ ރުޅިވެރިކަމާއި އާދާވާތްތެރިކަން ފެތުރުމުގެ ސިއްރެއްކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވީ އެއީ ކުށެއްނެތް އެތައް ބައެއްގެ ރީތި ނަމާއި އަބުރު ނަގާލުމަށް ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރު ކަމުގައެވެ.

ސަރުކާރުން މިއަދުގެ ޚުތުބާގައި މީހުންގެ އަބުރު ނަގާލުމުގެ ނުބައިކަން ބަޔާންކޮށް, ދޮގު ޚަބަރު ފަތުރާ އަދާވާތްތެރިކަމާއި ރުޅިވެރިކަން މުޖުތަމައުގައި ފެތުރުމުގެ ނުރައްކާތެރިކަމުގެ ވާހަކަތައް ބަޔާން ކުރީ, ރާއްޖޭގައި ކުރެވެމުންދާ ނޫސްވެރިކަަމަކީ އެބީދައިން ކުރާ ނޫސްވެރިކަމެއްކަމަށް އަނެކުން ހިތްތަކަށް ވައްދައިދިނުމަށް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އަދި ސަރުކާރުގެ މަގުސަދަކީ ހުކުރު ޚުޡުބާގެ ބޭނުންކޮށްގެން, ނޫސްވެރިންނަށް ބިރުދައްކާ, އަދި ނޫސްވެރިކަމުގެ އަގުވައްޓާލާ, ނޫސްވެރިކަމަކީ އަނެކުންނަށް އިތުބާރު ނުކުރެވޭ ޕްރޮފެޝަންއެއްގެ ގޮތުގައި ލޭބަލް ކުރުންކަމަށްވެސް, މިއަދުގެ ހުކުރު ޚުޡުބާއަށް ފާޑުކީ ގިނަބަޔަކު ބުނެފައި ވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ހިމެނިގެން ގޮސްފައިވަނީ, މިނިވަންކަމާ ހަމަހަމަކަމާއެކު ހިނގަމުންއަންނަ ނޫސްތަކެއް މަގުބޫލު އުޒުރެއް ނެތި ބްލޮކު ކުރި ފުރަތަމަ ސަރުކާރު ކަމުގައެވެ. އަދި ސަރުކާރަށް ކުރިމަތިވީ ޕްރެޝަރަށް ކެތް ނުކުރެވިގެން, ބްލޮކު ކުރި ދެނޫސް އަންބުލޮކް ކުރުމަށްފަހު, މިހާރު ފެންނަމުންދަނީ މި ސަރުކާރުން ދީން ހަތިޔާރަކަށް ހަދާ, ހުކުރު ޚުޡުބާގެ ބޭނުންކޮށްގެން, ނޫސްވެރިންނަކީ ދޮގު ޚަބަރު ފަތުރާ ބައެއްކަމަށް ލޭބަލް ކުރުމަށް މަސައްކަތް ފަށާފައިވާތަނެވެ.

އަދި ސަރުކާރުގެ މަގުސަދަކީ ނޫސްވެރިންނާއި ނޫސްވެރިކަމުގެ އަގު ވައްޓާލާ, ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ, އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުންވެސް ނޫސްވެރިންގެ ދޫ ބަންދުކުރުން ކަމަށް ގިނަ ނޫސްވެރިން ދަނީ ބުނަމުންނެވެ.