އާ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކޮށްފައިވާ 22 ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސް ކޮށްފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައި ވަނީ ހުރިހާ ވަޒީރުންނަށް އެއްކޮށް ވޯޓަށް އެހުމަށެވެ.
މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރައީސް މުއިއްޒުގެ ކެބިނެޓުގެ 22 ވަޒީރުންނަށް ރުހުން އޮތްތޯ ޖުމްލަކޮށް އަހައިފަ އެވެ.
އެގޮތަށް ހުށަހެޅުއްވީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. އަދި ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެވެ.
ވޯޓަށް ހުޅުވައިލުމުން 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޮޓު ދެއްވީ ފަސް މެންބަރެކެވެ. 10 މެމްބަރުން ތިބި ކޮމެޓީގައި އެގޮތާއި ދެކޮޅަށް ވޯޓު ދޭނެ މީހަކު ހުރިތޯ ސުވާލު ކުރުމުން އެގޮތަށް ވޯޓުދޭނެ މީހަކު ނުވިއެވެ. ނަމަވެސް އެ ފުރުސަތުގައި އެމްޑީޕީ މެމްބަރުން ދެކޮޅަށް ވޯޓު ނުދިން ސަބަބެއް ސާފެއް ނުވިއެވެ. އެ ހުށަހެޅުމަށް ވޯޓު ދެއްވި ފަސް މެންބަރުންގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުހިމެނެއެވެ. އެ ހުށަހެޅުމަށް ޕީޕީއެމް-ޕީއެންސީގެ މެންބަރުން ފިޔަވާ ދެން ވޯޓް ދެއްވީ ދަ ޑިމޮކްރެޓްސްގެ މެންބަރުންނެވެ.