ޚަބަރު

ރިޕޯޓު: ރައީސް މުއިއްޒުގެ ދެފުށް ދެގޮތް ދީނީ ސިޔާސަތު! މި މިންވަރަށް ދީން ސިޔާސީ ކުރި ވެރިއަކު ދެކުނިންތަ?

ދިޔަވަރު
ރިޕޯޓު: ރައީސް މުއިއްޒުގެ ދެފުށް ދެގޮތް ދީނީ ސިޔާސަތު! މި މިންވަރަށް ދީން ސިޔާސީ ކުރި ވެރިއަކު ދެކުނިންތަ?

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސާފު ވެރިކަމެއް ކޮށްދޭނެ ކަމުގެ ވައުދުތަކާއެކުއެވެ. އެއީ ރާއްޖޭގައި އަށަގެންފައިވާ ރިޝްވަތާއި ކޮރަޕްޝަން މޫތައް ލުހެލާ, ވަތަނީ ލޯބީ އާލާކޮށް, ދީނަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ ފޮނި ވައުދުތަކާ އެކީގައެވެ.

ރައީސް މުއިއްޒުގެ މި ސިޔާސަތުގެ ދަށުން, ފާއިތުވި ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުގެ ހަވީރު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި އިފްތިތާހީ ތަގުރީރު ނިންމާ އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ޖުމުހޫރީ މައިދާނުން ހިންގަވާފަ އިސްލާމީ މަރުކަޒަށް އެދުވަހުގެ މައުރިބު ނަމާދަށެވެ. އެދުވަހުގެ މައުރިބު ނަމާދު ވަނީ ޓީވީން ލައިވްސް ކޮށް ހަދާފައެވެ.

ދެން ފެނިގެން ދިޔައީ ރައީސް މުއިއްޒު ފަތިސް ނަމާދަށް ސަޖިދައިގައި އޮންނަވާ މަންޒަރު އެމަނިކުފާނުގެ އަރިސް ބޭފުޅުން ޓުވީޓު ކުރައްވަން ފެއްޓެވި މަންޒަރުތަކެވެ. އެއަށްފަހު ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ހުރިހާ މުވައްޒަފުން ފަތިސް ނަމާދަށް ދިއުމަށް އެންގުމުން ފެށިގެންގޮސް, ރައްޖޭގައި ކުރިސްމަސް ފާހަގަ ކުރުން މަނާ ކުރުންފަދަ, ދީނީގޮތުން ކުރުން ރަގަޅު އެތައް ކަމެއްގެ ސިޔާސަތު, މީޑިއާތަކުން އިސްތިހާރުކޮށް, ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ތަންފީޒު ކުރަން ފަށާފައެވެ.

އޭގެ އިތުރަށްވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު, ސަރުކާރަށް ތާއީދުކުރާ މީޑިއާގެ ވަސީލަތްތަކުން ވަނީ, ރައީސް މުއިއްޒުގެ އަނބިކަނބަލުން ފިރިހެނުންނާއި ސަލާމް ކުރެއްވުމުން ބަރީޢަވާ މަންޒަރުތައް ވަކީން ދައްކާ, އެކަމަނާއަކީ ދީނަށް ލޯބިކުރާ, ހެޔޮލަފާ އަންހެން ކަނބަލެއްކަން ދެއްކުމަށް, ސާޖިދާ ފިރިހެނުންނާއި ސަލާމް ކުރުމުން މަނާވެގެނަންނަތަން އިސްތިހާރު ކޮށް ހަދާފައެވެ.

ދީނީ ސިޔާސަތުގައި ހުސް ދެއްކުންތެރިކަމާއި ސިޔާސީ މަގުސަދު!

ސިޔާސީ ފަރާތްތަކުން ދީން ސިޔާސީ ހަތިޔާރަކަށް ހަދާކަމުގެ ޝަކުވާތަކަކީ އަބަދުވެސް އިވޭ ވާހަކަ ތަކެވެ. އެހެންނަމަވެސް ރާއްޖޭގައި މީގެކުރިން ވެރިކަން ކުރި ވެރީންގެ ވެރިކަމުގައި, ދީނީ ސިޔާސަތުތައް ދެމެހެއްޓިނަމަވެސް, ސިޔާސީ މަގުސަދު ހާސިލްކުރުމަށްޓަކާ, ވެރީން ސަޖިދާގައި އޮންނަ މަންޒަރު ޓީވީތަކުން ދައްކާ އިސްތިހާރުކޮށް ހަދާފައެއް ނުވެއެވެ.

ސްކޫލް ކުދީން އަވީގައި ބައިތިއްވާ އެކުދީންގެ ބޭނުންކޮށްގެން ޅެން ބަހުރުވައިން ވެރީންނަށް ޝުކުރާ ސަނާ ކިޔުއްވާ, ކުރިނީސް ކުރުވާ ހަދާފައެއް ނުވެއެވެ. ހުޅުމާލޭގައި ބޭއްވި, އާ ސްކޫލުގެ ބިންގާ އެޅި ރަސްމިއްޔާތުގައި މިސަރުކާރުންވަނީ ސްކޫލުކުދިން ލައްވާ ނައްޓުވާ, މުއިއްޒުއަށް ޅެންބަހުރުވައިން ތައުރީފުކޮށް ސަނާ ކިޔުއްވާ ހަދާފައެވެ.

ހަމައެއާއެކު ކޮރަޕްޝަންގެ މޫތައް ލުހެލުމަށް ވައުދުވުމަށްފަހު, ޖެހިގެން އައި ދުވަހު, ކޮރަޕްޝަންގެ ފައިސާއިން ޚަރަދުކޮށްގެން މެމްބަރުން "ރޯމާ ދުވާލު" ގަނެހަދާ, އަދި އެނުބައި އަމަލު ހިންގުމަށްފަހު, ރައީސް މުއިއްޒު ދަރުބާރު ގޭގައި ޖަލްސާ ބާއްވާ އުފާފާޅުކޮށް އަތްޖައްސަވާ ހެއްދެވި ބީދައިން އެކަން ހިނގި ޒަމާނެއް ދިވެހީން މިހާތަނަށް ދެކެފައެއް ނުވެއެވެ.

އިތުރަށް, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވައުދުވެވަޑައިގެންފައިވަނީ, މި ދިވެހި ބިމުން އެންމެހާ ފާހިޝް އަމަލުތައް ފޮފެލައްވާނެ ކަމުގައެވެ. އެގޮތުން މިމަހު ކުރިސްޓިއަނުން ފާހަގަކުރި ކުރިސްމަސް ދުވަސް ރާއްޖޭގެ މީހުންއުޅޭ އެއްވެސް ރަށެއްގައި ފާހަގަކުރުން މި ސަރުކާރުން މަނާކުރިއެވެ. އެހެންނަމަވެސް އެއާއެކު މި ސަރުކާރުން ވަނީ ރިސޯޓުތަކުގައި ކުރިސްމަސް ފާހަގަކުރުން ހުއްދަކޮށްފައެވެ. ރިސޯޓުތަކަށް ދިވެހީންގޮސް, ކުރިސްމަސް ފާހަގަވެސް ކުރަންވީއެވެ. އެދުރުސަތު އޮތީ ދިވެހީންނަށް ތަންމިނަށް ހުޅުވާދީފައެވެ.

އޭގެފަހު ދެން މި ސަރުކާރުން އިއުލާންކުރީ އާ އަހަރު ފާހަގަކުރުމަށް ކުލަގަދަ ކޮށް ފާހަގަ ކުރުމަށެވެ. ދެޖިންސުން މަސްހުނިވެ މިއުޒިކު ޝޯ ބޭއްވުމާއި ބަޑިބޭހުގެ ކުޅިވަރުތަކެވެ. ލަވަކިއުމާއި, ޑީޖޭ ޖެއްސުމާއި, ލޭޒަރ ކުޅިވަރުތައް އެކުލެވިގެންދާގޮތަށް, މިއުޒިކީ ބޮޑު އީދެއް އިންތިޒާމްކުރީ ޔޫތު މިނިސްޓްރީންނެވެ. މުއިއްޒުގެ ވަށައިގެން ތިއްބެވި އިލްމުވެރިންނާއި, އެމަނިކުފާނުގެ ޅިޔަނުން ޝޭޚު ލަތީފުއަށްވެސް ރައީސް މުއިއްޒުގެ މިސިޔާސަތު ބަރާބަރު ވީއެވެ.

ދެފުށް ދެގޮތްކަމުގެ ފުރިހަމަ މިސާލެއް!

ވަގުތަށް ފަތިސް ނަމާދަށް ވަޑައިގެންނެވި ނަމަވެސް, ބިރަކާ ނުލާ, ހަރާމް ފައިސާއިން ރިޝްވަތު ދީގެން މެމްބަރުން ގަނެ ކޮރަޕްޝަންގެ ނުބައި ފަސާދަ އާންމު ކުރައްވަން ފެއްޓެވީ ޚުދު ރައީސް މުއިއްޒުއެވެ. 52 މިލިއަން ރުފިޔާގެ މި ބޮޑު ކޮރަޕްޝަން ރައީސް މުއިއްޒުއަށްވީ ހަލާލު މުއާމަލާތަކަށެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް, ސަރުކާރު މުވައްޒަފުން ފަތިސް ނަމާދަށް ދިއުމަށް އެންގުމަށްފަހު, އާ އަހަރު ފާހަގަކުރަން ދެޖިންސުން އެއްވެ, ސަރުކާރުން އިންތިޒާމްކޮށްގެން ޑީޖޭ ޖެއްސުންވެސް ރައީސް މުއިއްޒުއަށް އޯކޭ ވީއެވެ. ކުރިސްމަސް ފާހަގަ ކުރުން މުޅި ރާއްޖޭގައި މަނާކުރިކަމަށް އަންގާ, ދިވެހީން ރިސޯޓުތަކުގައި ކުރިސްމަސް ފާހަގަކުުރުމުގެ ސިޔާސަތުވެސް ތަންފީޒު ކުރެއްވީ ސީދާ ރައީސް މުއިއްޒު ބޭނުންފުޅު ވީ ގޮތަށެވެ.

ވެރިކަމަށް ވަޑައިގަންނެވުމާއެކު, ފިރިހެނުންނާއި ސަލާމް ކުރެއްވުން ހުއްޓަވާލެއްވި, ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މިހާރުވަނީ ޖަލްސާތަަކަށް ވަޑައިގެން ސަރުކާރުގެ ވަޒީރުންނާއި ސަލާމްވެސް ކުރައްވަން ފައްޓަވާފައެވެ. އަނބިކަބަލުން މީޑީއާ ކުރިމަތީގައި ފިރިހެނުންނާއި ސަލާމް ނުކޮށް, ސަރުކާރުގެ ޖަލްސާތަކުގައި ދައުލަތުގެ ވަޒީރުންނާއި ސަލާމް ކުރުން ހަލާލު ވީއެވެ.

މިއީ ހަގީގަތުގައިވެސް ރައީސް މުއިއްޒުގެ ދެފުށް ދެގޮތް ދީނީ ސިޔާސަތުގެ ކުޑަ މިންވަރެކެވެ. އެހެންނަމަވެސް, ސިޔާސީ މަގުސަދު ހާސިލް ކުރުމަށް މިމިންވަރަށް ދީން ސިޔާސީ ހަތިޔާރަކަށް ހެއްދެވި ވެރިޔަކު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައި ނުވާކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.