ރައީސް ޑރ. މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގ.ވަށަފަރު އިގްބާލު އާދަމް އަކީ މިނިސްޓަރުގެ ފެންވަރުގައި ރިޔާސީ ގަނޑުވަރަށް އައްޔަންކޮށްފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ، މުލިއާގޭގައި (ރިޔާސީ ގަނޑުވަރުގައި) ކުރިން ބޭނުން ނުކުރާ 3 ކޮޓަރި އޭނާގެ ކެބިން އަށް ހަދާފައެވެ. މި ގޮތުން މެދު ކޮޓަރިއަށް އެނދު ވައްދައި އާ ފަރުނީޗަރު ލައި، ދެން ހުރި ކޮޓަރިއަކީ ސެކްރެޓަރީންގެ އޮފީހަށް ހަދައި، 4 ޒުވާން އަންހެން ކުދިން އޭނާގެ ސެކެރެޓަރީންނަށް ހަމަ ޖައްސައި ވަނީ، މަގާމު ދީފައެވެ.
އިގްބާލު އާދަމް ގެންގުޅުއްވާ ތޫބާ ކިޔާ އަންހެން ކުއްޖަކު، ގެނެސް ކޮޓަރިއަށް ވެއްދުން އާންމު ކަމަކަށް ހަދާފައި ވާއިރު، އެކަން އާންމު ސްޓާފުންނަށް އެނގި އެވާހަކަ މުޅި ރިޔާސީ ގަނޑުވަރުތެރޭގައި ދަނީ ދައްކަމުންނެވެ. ގަނޑުވަރުތެރޭގައި އެކި ތަންތާގައި ތޫބާއާއި އެކު އިގްބާލު އުޅުއްވަނީވެސް ސިއްރަކުންނެއް ނޫނެވެ. ނަމަވެސް، އާއިލީ ބޭފުޅަކަށް ވުމުން ޑރ. މުއިއްޒު މިކަމަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވެއެވެ.
މިކަން ބޮޑުވެ، ރާއްޖޭގެ ވަލީއަލްއަމްރު އުޅުއްވާ ގެކޮޅުގެ ބަރަކާތް ކެނޑި، އެތާގައި ތިބޭ މުއައްޒަފުންނަށް މިކަން އުނދަގޫވެ، މާލެތެރޭގައި މިހާރު މިވާހަކަ ދަނީ ދެކެވެމުންނެވެ. މިއީ ދިވެހި ރައްޔިތުން މިކަމާއި ރުހޭ ކަމެއް ނޫނެވެ. އަދި މުލިއާގެއަކީ، ރައީސް މުއިއްޒުގެ ފަހުންވެސް އަންނާނެ ވެރިން ދިރިއުޅުއްވާނެ ގެކޮޅަށް ވާތީ އެތާގެ ހުރުމަތް މިފަދަ ގޮތަކަށް ނަގާނުލުމަށް ވަރަށް އިހްލާސްތެރި ކަމާއި އެކު އެދެމެވެ.
މިވަގުތުވެސް، ތޫބާ ހުންނެވީ ރިޔާސީގަނޑުވަރުގައި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ. ތޫބާ ރިޔާސީގަނޑުވަރަށް ވަދެ ނުކުންނަތަން އެސަރަހައްދުގައި އުޅޭ އާންމުންނަށްވެސް ވަނީ ފާހަގަވެފައެވެ.