ސިޔާސީ

އަންނަ އަހަރަށް އަދުރޭގެ ދަރިފުޅުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން، ނަމަވެސް 4 މިލިއަން ފަތުރުވެރިންނާއި ނުލާ މުޅި ސިނާއަތް ބަނގުރޫޓުވާނެ!

ދިޔަވަރު
އަންނަ އަހަރަށް އަދުރޭގެ ދަރިފުޅުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން، ނަމަވެސް 4 މިލިއަން ފަތުރުވެރިންނާއި ނުލާ މުޅި ސިނާއަތް ބަނގުރޫޓުވާނެ!

އަންނަ އަހަރަށް ސަރުކާރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ކަމަށް އަބްދުއްރަހީމް (އަދުރޭގެ) ދަރިފުޅު މިހާރުގެ ޓުއަރިޒަމް މިނިސްޓަރ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމުގައި އޭނާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ގައި ހުރީ ވަރަށް ގާބިލު މެނޭޖިންގ ޑިރެކްޓަރެއް ކަމަށެވެ.

އެމްއެމްޕީއާރުސީގައި ވަރަށް ގާބިލު މެނޭޖިން ޑިރެކްޓަރެއް އެ ހުންނެވީ. އަދި މުޅި ޓީމާ އެކީގައި، ޓޫރިޒަމް މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތުން ހަމަ [ފަތުރުވެރިންގެ އަދަދު] ދެ މިލިއަނަށް ވުރެ އިތުުރުވުމަކީ ވެސް ގާތްކަމެއް.

ފައިސަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ އާއި ހަވާލުވެ ހުންނެވި ފާތުމަތު ތައުފީގަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް، އަދި ދުނިޔޭގެ އިގްތިޞާދީ ހާލަތަށް ލޯހުޅުވިފައި ނެތް ފަރާތެކެވެ. ފާތުމަތު ތައުފީގު ފުރަތަމަ އައްޔަން ކޮށްފައިވަނީ އެސްއެމްއީ ބޭންކަށެވެ. ނަމަވެސް އޭނާގެ ކިބާގައި އެ ޤާބިލުކަން ނެތުމުން، އެމްއެމްއޭއިން އެކަން ފާހަގަ ކުރުމުން މުއިއްޒު ވަނީ، ފާތުމަތު ތައުފީގު އެމްއެމްޕީއާރުސީ އަށް ފޮނުވާފައެވެ. ޕީޕީއެމް-ޕީއެންސީ ތެރޭގައި ފާތުމަތު ތައުފީގު ސިޔާސީ ކުރިއެރުން ހޯދާފައިވާ ގޮތަކީ އެއްވެސް ބަޔަކަށް އޮޅުން އަރާފައިވާ ކަމެއް ނޫނެވެ.

2023 ގެ ނިޔަލަށް ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، 2 މިލިއަން ފަތުރުވެރިންނަކީ ޓާރގެޓް ކުރަންވެސް، ކުޑަ ބޭކާރު އަދަދެކެވެ. އެއީ މި އިންޑަސްޓްރީ ޕްރްމޯޓް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރިއަސް ލިބޭނެ އަދަދެކެވެ. ޓުއަރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީ ގެ ޑައިރެކްޓަރ ގޭގައި ނިދި ކުރައްވަން 5 އަހަރު ތިއްބެވިއަސް ދުނިޔޭގެ އާބާދީ އިތުރުވާ މިންވަރާއި، މުއްސަނދިން އިތުރުވާ މިންވަރުގެ މައްޗަށް ބަލާއިރު އެއީ ރާއްޖެއަށް އަންނާނެ އަދަދެކެވެ. ނަމަވެސް އެއީ ދިވެހި ރާއްޖެއަށް ބޭނުންވާ އަދަދުތޯއެވެ؟

މިވަގުތު ލޯ ސީޒަންގައި ރާއްޖޭގެ ބެޑް ކެޕޭސިޓީ ހުރީ %25 ޕަސެންޓުގައެވެ. ހައި ސީޒަންގައި ހުރީ %75-80 އާއި ދޭތެރޭގައެވެ. ޓުއަރިސްޓުން ރާއްޖެ އަންނަ ވަރު، ބަލަން ޖެހޭނީ ބެޑް ކެޕޭސިޓީގެ މައްޗަށް ބިނާކޮށެވެ. ރާއްޖޭގައި 2023 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 63,059 ބެޑް ގެ ޓުއަރިސްޓް ޚިދުމަތް ދޭ ތަންތަން މިހާރު އެބަހުއްޓެވެ. މި އިންޑަސްޓްރީ ކުޑަމިނުން، ބަނގުރޫޓު ނުވެ އޮތުމަށް، 2024 ގައި 4 މިލިއަން ފަތުރުވެރިން ބޭނުންވެއެވެ. ނަމަވެސް، މީހާރު ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީ ހަވާލުވެތިބި މިކަމަށް ނާގާބިލު ދެ މީހުންނަށް މިއީ ހިތަށް ގެންނަށް ފަސޭހަ އަދަދެއްވެސް ނޫނެވެ. މިއީ އަދި 2024 ގައި ރާއްޖޭގައި އަލަށް ހުޅުވާނެ، ހޮޓާތަކާއި ގެސްޓް ހައުސްތައް ނުހިމަނާ، މިހާރު ހުރި ބެޑް ކެޕޭސިޓީގެ މައްޗަށް ބަލާއިރު ކަން އޮތް މަގެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމަށް އަސްލު ބޭނުންވަނީ ބޮޑު އަދަދެކެވެ. އެއީ ލޯ ސީޒަންގައި މަދުވެގެން %65 ބެޑް އޮކިޕަންސީކޮށް،، އަދި ހައި ސީޒަންގައި %75 އެނދު ފުރޭނަމަ، މިހާރު ރާއްޖެއަށް މި އެތެރެވާ 1.8 މިލިއަން ޓުއަރިސްޓުންގެ އިތުރަށް ރާއްޖެއަށް 12.5 މިލިއަން ޓުއަރިސްޓުން ބޭނުންވެއެވެ. ނަމަވެސް އެފަދަ ޓާރގެޓަކަށް މަސައްކަތްކުރަން މިހާ ދޯހަޅި ސަރުކާރަކަށް ނުކެރޭނެއެވެ. ރާއްޖެއަށް 2 މިލިއަން ޓުއަރިސްޓުން ގެނައުން އެއީ މޮޅު ކަމެއް ނޫނެވެ. އަދި އެއީ މި ސިނާއަތަށް ބޭނުންވާ މިންވަރު ދެނެގަނެ އެއްވެސް ވަރަކަށް ދިރާސާއެއްކޮށް ހަދާފައިވާ އަދަދެއްވެސް ނޫނެވެ. އެއީ އެއްވެސް މަސައްކަތެއް ނުކޮށް ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރެވޭ އަދަދެކެވެ.

ރާއްޖެއަށް 14 މިލިއަން ޓުއަރިސްޓުން ނުގެނެވޭނަމަ، ރާއްޖޭގެ އިޤްތިޞާދަށް އިތުރު އާ ސިނާއަތްތައް އިތުރުކޮށް، ކާމިޔާބު ނުހޯދޭނަމަ އަދި އިޤްތިޞާދުގެ ދޮރުތައް ފުޅާ ނުކުރާ ނަމަ، ރާއްޖޭގެ އިޤްތިޞާދު ދާނީ އަރާނުގަނެވޭ ފަދަ އަޑިގަނޑަކަށެވެ. ރާއްޖޭގެ ދަރަނި ބޮޑެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ރާއްޖެއަށް ހިންދެމިލެވޭނެ އެއްވެސް މަގެއް އަދި ނެތެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސަރުކާރު ހިންގިފައި އޮތީ އެކުވެރި ގައުމުތަކުން ދިން ދީލަތި ބަޖެޓް އެހީތަކުންނާއި، އިންޓްރެސްޓް ކުޑަ ލޯނުތަކުންނެވެ. ނަމަވެސް ޕްރައިވެޓް ސެކްޓަރ މިއަދު މި އޮތީ ނުރައްކަލަކަށް ވެއްޓިފައެވެ. އަދި އެއީ ރާއްޖޭގެ އެންމެ ގިނަ ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ ފަތުރުވެރިކަމުގެ ސިނާއަތެވެ.

ހައްލު އޮތީ 14 މިލިއަން ޓުއަރިސްޓުން އަހަރަކު ގެންނަށް ޓަރގެޓް ކުރަން ކެރޭ ސަރުކާރަކަށެވެ. އަދި ރާއްޖެ މާކެޓް ކުރުމަށް ދުނިޔޭގައި އެމަސައްކަތް ކުރާނެ ބަޔަކަށެވެ. ރާއްޖޭގެ ރިސޯޓުތަކަށް ދުނިޔޭގެ މާކެޓަށް އަންނަ ބަދަލާއި އެއްގޮތަށް ބަދަލު އައިސްގެން ނުވަތަ އާ ރިސޯޓުތައް އެބަދަލުތައް ގެނެސްގެންނެވެ. މާލެ ކައިރި ރިސޯޓުތަކަށް ބޮޑެތި ބްރޭންޑްތަކާއި، ޝޮޕިންގ މޯލްތަކާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުން ފަތުރުވެރިންނަށް ލިބޭ ޚިދުމަތްތައް ރާއްޖެއިންވެސް ލިބިގެންނެވެ. ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނެތެވެ. ރާއްޖެ ޕްރޮމޯޓް ކުރުމަށް، ބޭރުގެ ކުންފުނިތަކާއި އެކު ހަދާފައިވާ އެއްބަސް ވުންތަކަކީ އަދީބުގެ ޒަމާނުގައި ހޯދި ގޭސް ކުންފުނިތަކެވެ. އަދި ވެސް ތިބީ އެ ނާގާބިލު ކުންފުނިތަކެވެ.

ރެޑް ސީގައި ދަ ސެއިންޓް ރެޖިސް ރެޑް ސީ ރިސޯޓް، ނުޖުމާ، ރިޓްޒް-ކާލްޓަން ރިޒާވް އަދި ސިކްސް ސެންސަސް ސަދަން ޑޫންސް ވަނީ ރާއްޖޭގެ ރިސޯޓުތަކަށްވުރެ ލަގްޒަރީކޮށް، މާރީތި މޫދު އަޑީގެ ދިރުންތައް ފެންނަހެން ހެން ހުޅުވާލެވިފައެވެ. މެދުއިރުމަތީގެ މުއްސަނދިން ދަތުރުކުރާ ދެވަނަ ރާއްޖެއަކީ މިހާރު ރެޑްސީގެ ރިސޯޓްތަކެވެ. 2024 ގައި އިތުރު 13 ލަގްޒަރީ ރިސޯޓް ރެޑް ސީގައި ހުޅުވުމުން، ރާއްޖޭގެ މާކެޓަށް އޭގެ ސީދާ އަސަރު އިންތިހާއަށް ކުރާނެއެވެ. އަދި 2030 ގެ ނިޔަލަށް 50 ހެދިގެން ދާއިރު، ރާއްޖޭގައި ނެތް އެތައް ޚިދުމަތަކާއި އެތައް ކަމެއް ރެޑް ސީގައި ތަޢާރަފް ވެގެން ދާނެއެވެ.

ދަ ސެއިންޓް ރެޖިސް ރެޑް ސީ ރިސޯޓް

ޗައިނާގައިވެސް ރާއްޖެ އާއި ވާދަ ކުރުމަށް 4 ރަށެއް ތަރައްޤީ ކޮށްފައިވާއިރު، އިތުރު ރާއްޖެ ކަހަލަ އާޓިފިޝަލް ރަށްތައް ޓުއަރިޒަމަށް ދަނީ ތައްޔާރު ކުރަމުންނެވެ. މިއީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

2 މިލިއަިން ޓުއަރިސްޓުން ގެނައުމަށް އެމްއެމްޕީއާރުސީ އެއް ބޭނުމެއް ނުވެއެވެ. އެހެން ކަމަށް ވާނަމަ އެމްއެމްޕީއާރުސީ އުވާލާށެވެ. އެތަނަށް ދާ ހަރަދު އިޤްތިޞާދީ އެހެން ކަމަކަށް ބޭނުން ކުރުން މާ ރަގަޅެވެ. ޓާގެޓަކަށް ވާންވީ 14 މިލިއަން ޓުއަރިސްޓުން ރާއްޖެއަށް ގެނައުމަށް މުޅި ސިނާއަތަށް އިންގިލާބެއް ގެނައުމަށެވެ.