ވެރިކަމަށް މިހާރު 40 ދުވަސް ހަމަވެއްޖެއެވެ. ވެރިކަމަށް އައީ ސްޕާރތައް ބަންދު ކުރާނެ ކަމަށް ބުނެއެވެ. އަދާލަތު ޕާޓީ ސަރުކާރުގައި އޮވެމެ، އެއްވެސް ސްޕާއެއް ބަންދު ނުކުރާ ކަމަށް ބުނެ ސަރުކާރަށް އިންތިހާ އަށް ފާޑު ކިޔަމުން ގެންދިޔައެވެ. މުއިއްޒު ދައްކަމުން ދިޔައީ އޭނާއަކީ ދީނީ ކެނޑިޑޭޓެއް ގޮތުގައެވެ.
މަސާޖުކުރާ ތަންތަނުގެ ނަމުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުން މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް އާންމުވެފައި ވާކަމުގައި އޭރު ދިޔައީ ކިޔަމުންނެވެ. ފާޑު ކިޔުންތަކާއި އެކު، އޭރުގެ ސަރުކާރުން އެކަންކަން ކޮންޓްރޯލް ރެގިއުލޭޓް ކުރުމަށް ޤަވާއިދުތައް އެކުލަވާލައި، އިންސްޕެކްޝަން ކުރެވޭ ގޮތް ހެދިއެވެ. ނަމަވެސް ފާޑު ކިޔުންތަކެއް ނުހުޓެއެވެ.
ވެރިކަމަށް އައީ އެކަމަށް ހައްލު ލިބޭނޭ ކަމަށް ބުނެ، ފާޑުކީ މީހުންނެވެ. ވެރިކަމަށް އައިސް 40 ދުވަސް ވީ އިރު ސްޕާތައް ހުއްޓުވަން އެއްވެސް ކަމެއް ސަރުކާރުން ކޮށްފައެއް ނުވެއެވެ. 40 ދުވަހު ނުވި ކަމެއް ކުރިއަށް ހުރި ދުވަސްތަކުގައި ވަކި ނުކުރެވޭނެއެވެ.
ކުށް މަދުކުރަން ސަރުކާރުގެ ސްޕީޑް ހުރި ވަރަކީ ޕޮލިސް ކޮމިޝަނަރެއް އައްޔަން ކުރެވުނީ، އެކަމާއި ގުޅިގެން ފާޑު ކިޔުންތައް އިތުރުވެ، ދޮޅު މަސް ވީ ފަހުންނެވެ. މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި ފާހިޝް އަމަލު ހިންގާ ތަންތަން ހުއްޓުވައި ވިޔަފާރި ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ދާދިފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރި އަލީ ޝުޖާއު މިއަދު ވިދާޅުވި އިރު، އެކަން ކުރަން ރާވާފައިވާ ގޮތެއް ވިދާޅެއް ނުވެވުނެވެ.