ޚަބަރު

މުޅި މާލެ ފެނުއަޑީގަ, ފެން ހިންދަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ

ދިޔަވަރު
މުޅި މާލެ ފެނުއަޑީގަ, ފެން ހިންދަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރޭ

މުޅިރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި, މުޅި މާލެ ފެނުއަޑިއަށް ގޮސްފައިވާއިރު, ފެން ހިންދުމުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު ހެނދުނުއްސުރެ މާލެއަށް ވެހެމުންދާ ވާރޭގައި, އަމީނީ މަގާއި އަދި މާލޭ އެތެރޭގެ ގިނަ މަގުތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ. އަމީނީ މަގުގައި ފެންބޮޑުވެ, އެއްގަމު އުޅަނދުތަކަށް ދުއްވަން އުދަގޫވާވަރަށް ވަނީ ފެންގަޑު އުފުލިފައެވެ.

އޭގެ އިތުރަށް މާލޭގެ ވަރަށް ގިނަ ފިހާރަތަކަށް ފެންވަދެ, ފިހާރަތަކުން ވަނީ ވެލިބަސްތާތައްވެސް ޖަހާފައެވެ.

މާލެއަށް ބޯކޮށް ވާރޭވެހި, މުޅި މާލޭގައި ފެންބޮޑުވެ, ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިވެ, ފިހާރަތަކަށް ފެން ވަދެ, ތަކެއްޗަށް ގެއްލުން ލިބެމުންދިޔަ ނަމަވެސް ފެން ހިންދުމުގެ އެއްވެސް މަސައްކަތެއް މާލޭގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން މިއަދު ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

އެހެންނަމަވެސް, މީގެ ކުރިންވެސް މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ފަހަރުތަކުގައި ސަރުކާރުގެ އިދާރާތަކުން މާލޭގެ ބޮޑެތި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވެއެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މެޓު އޮފީހުން ވަނީ މިއަދު ހުދު ސަމާލު ނެރެފައެވެ. މެޓުން ބުނެފައިވަނީ މުޅި ރާއްޖެއަށްވެސް ވިއްސާރަކުރަމުންދާކަމަށާއި، ގުގުރުމާއެކު ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ފެށުމާއި ގުޅިގެން ކުރާ ވިއްސާރައެވެ. އިރުވައި މޫސުން ފެށުނީ މިދިޔަ ހޯމަ ދުވަހުއެވެ.

ރޭ ދަންވަރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށްވެސް ފެންބޮޑުވެފައިވެއެވެ. އަދި ބައެއް ފިހާރައަށާއި ގޭގެއަށް ވެސް ފެންވަދެފައިވެއެވެ.

މާލޭގައި އެންމެ ފެންބޮޑު މަގުތަކުގެ ތެރޭގައި މައި މަގުތައްވެސް ހިމެނެއެވެ. އަމީނީ މަގާއި މަޖީދީ މަގުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.