ޚަބަރު

ޝެއިޚް ޝަހީމްގެ ނުފޫޒުން ޝެއިޚް އިލްޔާސްގެ ދަރިފުޅު ޢަންމާރުގެ ވަޒީފާ ދަމަހައްޓައިފި

ދިޔަވަރު
ޝެއިޚް ޝަހީމްގެ ނުފޫޒުން ޝެއިޚް އިލްޔާސްގެ ދަރިފުޅު ޢަންމާރުގެ ވަޒީފާ ދަމަހައްޓައިފި

ރައީސް ސާލިހުގެ ވެރިކަމުގައިވެސް އޭރުގެ ސަރުކާރުގެ ސިޔާސީ ވަޒީފާއެއްގެ ހުންނެވި, ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސްގެ ދަރިފުޅު އައްޝައިޚް ޢައްމާރު އިލްޔާސްގެ ވަޒީފާ މި ސަރުކާރުން ދަމަހައްޓައިފިއެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރުމާއެކު, ޝެއިޚް އިލްޔާސްގެ ދަރިފުޅަށްވެސް ވަނީ ވަޒީފާއިން ވަކިވިކަމުގެ ނޯޓިސް ގޮސްފައެވެ.

ރައީސް ސާލިހުގެ ވެރިކަން ނިމިގެން ދިޔައިރު އައްޝައިޚް ޢައްމާރު އިލްޔާސް ހުންނެވީ ސަލްމާން ރަސްގެފާނު މިސްކިތުގެ އިމާމް ކަމުގެ މަގާމުގައެވެ. އެއީ މިނިސްޓަރުގެ ނާއިބުން ފެންވަރުގައެވެ.

އެހެންނަމަވެސް ޢައްމާރުގެ ވަޒީފާ މިސަރުކާރުން ދަމަހައްޓާފައިވަނީ ޝެއިޚް އިލްޔާސް ޝެއިޚް ޝަހީމަށް ދަންނަވައިގެންކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ޝެއިޚް އިލްޔާސްއަކީ ފައިތުވި ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް އިސްވެ ކެމްޕޭން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ސާލިހު ބައިވެރިވެވަޑައިގެންނެވި ގިނަ ކެމްޕޭން ޖަލްސާތަކުގައި އިސްވެ ދުޢާ ލައިދެއްވާފައިވަނީވެސް ޝެއިޚް އިލްޔާސްއެވެ.

ދާދިފަހުން މި ސަރުކާރުން ވަނީ, ރިޝްވަތުގެ ފައިސާއަށް, ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް ޕީއެންސީއަށް ސޮއިކުރެއްވުމާއެކު, މެލޭޝިއާގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ ވަޒީފާއި ހުންނެވި ޝަރީފްގެ ދަރިފުޅު މިޒުނާގެ ވަޒީފާވެސް ދަމަަހައްޓާފައެވެ.

"ދިޔަވަރު އޮންލައިން" މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް އިލްޔާސްއަށް މިސަރުކާރުން މިހާރުވަނީ ސިޔާސީ ވަޒީފާއެއް ހަމަޖައްސާފައެވެ. އެހެންނަމަވެސް އެ ވަޒީފާއީބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށްފަހު ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެ ކަމުގައި ދަންނަވަމެވެ.