ސަރުކާރު ބަދަލުވުމާއެކު، މިމަހުގެ 25ވަނަ ދުވަހު އައްޔަނުކުރެއްވި އާ ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު، މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
މިއަދު 2 ޖެހިއިރު އޮތް ނޫސްވެރިންގެ ބައްދަލުވުން ދިމާވީ މިއަދު ފަތިހުންސުރެ މާލެއަށް ހުއްޓާނުލާ ބޯކޮށް ވާރޭވެހެމުންދިޔަ ދަނޑިވަޅަކާ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ވަގުތު ޖެހުނުއިރު ވެސް ގަދައަށް ވާރޭ ވެހެމުންދިޔަ އެވެ. މަގުމަތީގައި ބޮޑުވެފައިވާ ފެންގަނޑާއި ވެހެމުންދިޔަ ބޯވާރެއަށް ނުބަލައި ނޫސްވެރިން އެ ބައްދަލުވުމަށް ދިޔަ އެވެ.
މޫސުން ގޯސްވުމާއެކު ދިމާވި ދަތިތަކާ ހުރެ، އެ ބައްދަލުވުން ފެށުނީ ވެސް ތާވަލުކޮށްފައިވާ ވަގުތަށްވުރެ 30 މިނެޓު ލަހުން ނެވެ. އޭނާގެ ޕްރެސްކޮންފަރެންސްވީ 14 މިނެޓުގެ ކުރު ސްޓޭޓްމަންޓަކަށެވެ. ޝުޖާއުގެ ކޮމިޝަނަރުކަމުގައި ކުރަން ގަސްތުކުރައްވާ ކަންކަން ހުލާސާކޮށް ވިދާޅުވުމަށް ފަހު، ސުވާލުކުރަން ވެސް ފުރުސަތުނުދީ އެ ބައްދަލުވުން ނިންމާލީ އެވެ.
އެއާ އެކު އެތަނުގައި ތިބި ބައެއް ނޫސްވެރިން ވެސް ޝަކުވާ ކުރި އެވެ. "ސުވާލު ނުކުރެވޭ ނަމަ މިތަނަކަށް ގެނައީ ކީއްކުރަންތޯ؟" އެ މީހުން ސުވާލުކުރި އެވެ.
އާ ކޮމިޝަނާގެ ފުށުން އާންމުން ހޯދަން ބޭނުންވާ އެތައް މައުލޫމާތުތަކެއް ސާފުކުރަން، ބޯވާރޭގައި ނޫސްވެރިން އެ ބައްދަލުވުމަށް ދިޔަ ނަމަވެސް، ސީޕީ ޝުޖާއު ނިންމަވާފައި އޮތީ ހަމައެކަނި ސްޓޭޓްމަންޓެއް ދެއްވާ ގޮތަށްކަން ނޫސްވެރިންްނަށް އެނގުނީ އެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަފަހުން ނެވެ. އެކަމަކު، މީޑިއާއަށް ދައުވަތު ކުރިން ދީފައި އޮތީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގެ ގޮތުގަ އެވެ.
ބައެއް ނޫސްވެރިން ބުނި ގޮތުގައި ޝުޖާއު ދެއްވާނީ ކުރު ސްޓޭމަންޓެއް ކަމަށް ކުރިން އެނގުނު ނަމަ ހަމަގައިމު ވެސް ބޯވާރޭތެރޭ އެ ބައްދަލުވުމަކަށް ނުދާނެ އެވެ. އެ ސްޓޭޓުމަންޓު ރެކޯޑްކޮށް ދުރަށް ދައްކާލުމުން ވެސް ފުދޭނެ އެވެ.