މުޅިރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި, މުޅި މާލެ ފެނުއަޑިއަށް ގޮސް, ގެތަކާއި ފިހާރަތަކަށް ފެންވަދެ, މީހުންގެ މުދަލަށް ލިބުނު ގެއްލުމާއި އާންމު ރައްޔިތުން ތަހައްމަލްކުރި ދަތި އުނދަގޫ ރައީސް މުއިއްޒު ޕީއާރު ސްޓަންޓަކަށް ހައްދަވައިފިއެވެ.
އެގޮތުން, މިއަދު ހެނދުނުއްސުރެ މާލެއަށް ވެހެމުންދިޔަ ބޯ ވާރޭ, މިއަދު ހަވީރު ކުޑަކޮށް ތުނި ކުުރުމާއެކު ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ މީޑިއާ ޓީމާއެކު މާލެތެރޭގައި ހިންގަވަން ނިކުންނަވާފައެެވެ. އަދި ފެންބޮޑުވެ ގެއްލުން ލިބުނު ބައެއް ގެތަކަށް ވަންނަވާ މުއިއްޒުވަނީ އެ ގެތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކާއި ބައްދަލުކޮށްވެސް ހައްދަވާފައެވެ.
ވާރޭ މިއަދު ކުޑަކޮށް ތުނި ކުރުމާއެކު މުއިއްޒު ކެމެރާމަނުންނާއި ފޮޓޯ ގްރާފަރުންނާއެކު މާލޭގެ ފެންބޮޑުވެފައިވާ މަގުތަކަށް ނިކުންނެވިއިރު, މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރިޔަށް ނުދާތީ ގިނަބަޔަކު ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފައެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި, މާލޭގަ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރި 7 އަހަރުގެ މުއްދަތުގައިވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައެއް ނުވެއެވެ.
އަދި މިއަދު މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއެކު ފޮޓޯ ނެންގެވުމަށް މުއިއްޒު މާލޭގެ މަގުތަކަށް ނިކުންނެވުމުން ދޭހަވަގެންދަނީ, މާލޭއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދަވާ ދެއްވުމުގެ ބަދަލުގައި, ފެންބޮޑުވެފައިވާ މަގުތަކުން ހިނގާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ފޮޓޯއާއި ވީޑިއޯ އާންމުކޮށް, އަދި އާންމު ރައްޔިތުން ތަހައްމަލް ކުރަންޖެހުނު މި ދަތި އުނދަގުލުގެ ބޭނުން ކުރައްވައިގެން, ޕީއާރު ސްޓަންޓު ޖެއްސެވުމަކީ ލިބޭ އުފަލެއްކަމުގައި މުއިއްޒުއަށް ގަބޫލު ކުރެއްވުންކަމުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
މިއަދު ހެނދުނުއްސުރެ މާލެއަށް ވެހެމުންދާ ވާރޭގައި, އަމީނީ މަގާއި އަދި މާލޭ އެތެރޭގެ ގިނަ މަގުތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ. އަމީނީ މަގުގައި ފެންބޮޑުވެ, އެއްގަމު އުޅަނދުތަކަށް ދުއްވަން އުދަގޫވާވަރަށް ވަނީ ފެންގަޑު އުފުލިފައެވެ.
އޭގެ އިތުރަށް މާލޭގެ ވަރަށް ގިނަ ފިހާރަތަކަށް ފެންވަދެ, ފިހާރަތަކުން ވަނީ ވެލިބަސްތާތައްވެސް ޖަހާފައެވެ.
މާލެއަށް ބޯކޮށް ވާރޭވެހި, މުޅި މާލޭގައި ފެންބޮޑުވެ, ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިވެ, ފިހާރަތަކަށް ފެން ވަދެ, ތަކެއްޗަށް ގެއްލުން ލިބެމުންދިޔަ ނަމަވެސް ފެން ހިންދުމުގެ އެއްވެސް މަސައްކަތެއް މާލޭގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން މިއަދު ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.
އެހެންނަމަވެސް, މީގެ ކުރިންވެސް މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ފަހަރުތަކުގައި ސަރުކާރުގެ އިދާރާތަކުން މާލޭގެ ބޮޑެތި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވެއެވެ.
މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މެޓު އޮފީހުން ވަނީ މިއަދު ހުދު ސަމާލު ނެރެފައެވެ. މެޓުން ބުނެފައިވަނީ މުޅި ރާއްޖެއަށްވެސް ވިއްސާރަކުރަމުންދާކަމަށާއި، ގުގުރުމާއެކު ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ފެށުމާއި ގުޅިގެން ކުރާ ވިއްސާރައެވެ. އިރުވައި މޫސުން ފެށުނީ މިދިޔަ ހޯމަ ދުވަހުއެވެ.
ރޭ ދަންވަރުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށްވެސް ފެންބޮޑުވެފައިވެއެވެ. އަދި ބައެއް ފިހާރައަށާއި ގޭގެއަށް ވެސް ފެންވަދެފައިވެއެވެ.
މާލޭގައި އެންމެ ފެންބޮޑު މަގުތަކުގެ ތެރޭގައި މައި މަގުތައްވެސް ހިމެނެއެވެ. އަމީނީ މަގާއި މަޖީދީ މަގުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.