ޚަބަރު

ވިއްސާރަވެ، ހާލުގައި ޖެހިފައިވާ މާލޭގެ ރައްޔިތުންގެ ހާލު ބެލުމަކީ އުފަލެއް ކަމުގައި ޓްވީޓް ކުރެއްވުމަށް ފަހު ނައިބް ރައީސް ޓްވީޓް ޑިލީޓް ކޮށްފި!

ދިޔަވަރު
ވިއްސާރަވެ، ހާލުގައި ޖެހިފައިވާ މާލޭގެ ރައްޔިތުންގެ ހާލު ބެލުމަކީ އުފަލެއް ކަމުގައި ޓްވީޓް ކުރެއްވުމަށް ފަހު ނައިބް ރައީސް ޓްވީޓް ޑިލީޓް ކޮށްފި!

ހާލުގައި ޖެހިފައިވާ މާލޭގެ ރައްޔިތުންގެ ހާލު ބެލުމަކީ އުފަލެއް ކަމުގައި ޓްވީޓް ކުރެއްވުމަށް ފަހު ނައިބްރައީސް ޓްވީޓް ޑިލީޓް ކޮށްފިއެވެ. 7 އަހަރު ވަންދެން ރާއްޖޭގެ ހައުސިންގ މިނިސްޓަރު ކަމުގައި މުއިއްޒު ހުންނަވައި، އިތުރު 2 އަހަރު މާލޭ މޭޔަރަކަށް ހުންނަވައި، މާލޭ ރައްޔިތުންނަށް ޖެހިފައިވާ ފެންބޮޑުވުމުގެ މައްސަލައަށް އެއްވެސް ހައްލެއް ނުގެންނަވާ، މިއަދު ފެންބޮޑުވެ، އެތައް ސަތޭކަ ގެއެއް ފެނުގެ އަޑިއަށް ދިޔުމުން، އެމަންޒަރު ބަލާލަން މުއިއްޒު މިއަދު ވަޑައިގަތީ ޕަބްލިކް ޕީއާރު ސްޓަންޓަކަށެވެ.

އެމަނިކުފާނު އާންމު ނިކަމެތި ރައްޔިތުންގެ ގެކޮޅަށް ވަނުމުގެ ކުރިން އެތަންތަނަށް ކެމެރާއާއި ސިފައިން ވައްދައި، ބޫޓުގައި މުޅިތާ ހިނގާ، އަދި މުއިއްޒު އާއި އެކު 22 މިނިސްޓަރުން ތެރެއިން އެތައް ބަޔަކު ގެތަކަށް ވަދެ ފުނިޖެހި އާންމުންގެ ދިރިއުޅުމަށް އިތުރު އެތައް އުނދަގުލެއް ޖެއްސީ ފޯޓޯ ގަނޑަކަށެވެ. މާ ބޮޑަށް މަގުބޫލު ކަން ގެއްލޭތީ ރައްޔިތުންގެ ސަމާލު ކަން ހޯދައި، އޯގާތެރި ކަން ހުރިކަން ދެއްކުމަށެވެ. ނަމަވެސް އޯގާތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރިނަމަ، 7 އަހަރު ހައުސިންގ މިނިސްޓަރުކަން ކުރެއްވި އިރު ފެނުގެ މައްސަލަ ހައްލު ކޮށްދިނީހެވެ.

އާންމުންގެ ނުރުހުން އަމާޒުވުމުން ފުހެލާފައިވާ ޓްވީޓް

ފޮޓޯއާއި އެކު، ނައިބް ރައިސް ތާއީދު ހޯދުމަށް ކުރި ޓްވީޓްގައި، ބުނެވުނީ ވީ އުފަލެއްގެ ބޮޑު ކަމުގެ ވާހަކައެވެ. މާލޭގައި ފެންބޮޑުވެ، ގޭތެރެއަށް ފެންވަދެ، މުދަލާއި ތަކެއްޗަށް ގެއްލުން ލިބި، ގެ ދޮރު ހަލާކުވެ، މިރޭ ނިދާލާނެ ގޮތެއްވެސް ނެތިފައިތިބި ރައްޔިތުންގެ ހާލު ބެލުމަކީ ނައިބު ރައީސް އަށް ލިބުނު އުފަލެއް ގޮތުގައި އެ މަނިކުފާނު ވަނީ ސިފަ ކޮށްފައެވެ. ނަމަވެސް، ރައްޔިތުން މިކަމާއި ނުރުހުން ފާޅު ކުރަން ފެށުމުން، އޭނާ ވަނީ މި ޓްވީޓް ޑިލީޓް ކޮށްފައެވެ.