ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމަށް އައްޔަންކޮށް އެހެލައިފި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މިކަން މި ނޫހަށް ކަށަވަރު ކޮށްދެއްވީ ސަރުކާރުގެ އިސް އޮފިޝަލަކެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މައުލޫމާތު ހުންނަ ޕޭޖުގައި ވެސް މިހާރު ބުނެފައި ވަނީ ޝަހީބަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޝަހީބު، ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ޝަހީބު އަކީ މީގެ ކުރިން ޔާމީން ސަރުކާރުގައި، ނޫސްތައް ބަންދުކޮށް، ޗެނަލްތައް ޖޫރީމަނާކޮށް، އެތައް ނޫސްވެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބުނު އަނިޔާގެ ބައިވެރިއެކެވެ. އަދި އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތައް މިފަހުން ކުރިއަށް ގެންދިޔަ ގޮތާމެދު ވެސް ބައެއް ނޫސްވެރިން ފާޑުކިޔެވެ.
މީގެ ފަސް އަހަރު ކުރިން 2019 ގައި ކޮމިޝަނުގެ މެންބަރު ކަމުން ޝަހީބު އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާފައި އޮއްވަ އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމު ޝަހީބު ހޯދާފައިވަނީ ނޫސްވެރިކަމުގައި އުޅެނީ ތިމަންނާގެ ރައްޓެހިން ކަމަށާއި، ބާކީ ތިބީ ތިމަންނާގެ ދަރިވަރުން ކަމަށް ބުނެ، މޮޅު ވާހަކަ ތަކެއް ދައްކައިގެންނެވެ. ނަމަވެސް ޝަހީބު ފެނިގެން ދިޔައީ ނާގާބިލު މީހެއް ގޮތުގައެވެ. އަދި މި އަނިޔާވެރި ސަރުކާރުގެ މޫނު މަތި ރީތިކުރުމަށް މާބޮޑު ކަމެއް ޝަހީބު މެދުވެރިކޮށް ނުކުރެވުނު ހިނދު، ފާއިތުވި 40 ދުވަސްތެރޭ އެކި މައްސަލަތަކަށް ސަރުކާރުން ޖަވާބުދާރީ ވުމަށް އުޒުރުވެރިވެ، ނޫސްތައް ބްލޮކް ކޮށް ރާއްޖޭގެ ނޫސްވެރިން ވަނީ ރުޅި އަރުވާލާފައެވެ.