ޚަބަރު

ޝަހީބު މަގާމުން ވަކިކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިން އެދިގެން އެމްޖޭއޭއިން ފޮނުވި ސިޓީގެ ސަބަބުން!

ދިޔަވަރު
ޝަހީބު މަގާމުން ވަކިކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިން އެދިގެން އެމްޖޭއޭއިން ފޮނުވި ސިޓީގެ ސަބަބުން!

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރިތާ މަސް ދުވަސް ނުވެ، މުހައްމަދު ޝަހީބު އެ މަގާމުން ވަކިކޮށްފައިވަނީ ޝަހީބު އާއި ގުޅޭ ގޮތުން ހުރި އެކި މައްސަލަތައް ފާހަގަކޮށް އެމް.ޖޭ.އޭއިން މުއިއްޒަށް ފޮނުވި ސިޓީ އަށް ފަހުގައި ކަން، ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ދިޔަވަރު ނޫހަށް މިހާރު އެ ސިޓީގެ ކޮޕީ ލިބިފައިވާއިރު، މޯލްޑިވްސް ޗަރނަލިސްޓް އެސޯސިއޭޝަނުން އެފަދަ ސިޓީއެއް މުއިއްޒަށް ފޮނުވާފައިވަނީ އެ އެސޯސިއޭޝަނަށް ތަކުރާރުކޮށް ޝަހީބުއާއި ގުޅިގެން ލިބިފައިވާ ގިނަ ޝަކުވާތަކަކާއި ގުޅިގެންނެވެ.

މި ގޮތުން ވަރަށް ގިނަ އަންހެން ނޫސްވެރިންގެ ފަރާތުން ޝަހީބު ޝަކުވާ ލިބިފައިވާ ކަމަށާއި، އެގޮތުން ޝަހީބުގެ ފަރާތުން އެކި ފުރައްސާރައިގެ އަމަލުތަކާއި ކުރިމަތިވެފައިވާކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ. އަދި އެފަރާތްތަކުން، ވަނީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސްދިނުމަށް އެމްޖޭއޭ އަށް ތަކުރާރުކޮށް އެދިފައި ކަމުގައި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

ދަންވަރު ވަގުތުތަކުގަ އާއި އެނޫންވެސް މަސައްކަތާއި ގުޅުން ނެތް ކަންކަމުގައި އަންހެން ނޫސްވެރިންނަށް އެކި ފަހަރު މަތިން ޝަހީބު ވަނީ ޒިންމާދާރު މަގާމެއްގައި ހުންނަ ފަރާތަކުން މެސެޖްކޮށްގެން ނުވާނެ ފަދަ ބަސްތައް ބޭނުން ކުރައްވައިގެން މެސެޖްކުރައްވާފައި. އަދި އެ މެސެޖްތަކަށް ނޫސްވެރިން ޖަވާބު ނުދިނުމުން ވެސް ތަކުރާރުކޮށް އެ ފަރާތްތަކަށް އުނދަގޫކޮށް އިތުރު މުނާސަބަތު ނޫން މެސެޖްތައް ކުރައްވާފައިވޭ. އޭގެ ބައެއް ސްކްރީން ޝޮޓްތައް ބައެއް ނޫސްވެރިން ވަނީ މި ޖަމްއިއްޔާއާ ހިއްސާކޮށްފައި.

އެމް ޖޭ އޭ އިން ފޮނުވި ސިޓީގައި ލިޔެފައިވެއެވެ.

މީގެ އިތުރުން 17 ޑިސެމްބަރ 2023 ގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ޝަހީބާއި ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ސުވާލު ކުރި ނޫސްވެރިއާއި ދިމާލަށް "ތީ ކޮންއިރަކު ވީ ކަމެއްހޭ ތިކަން ކުރި ނަމަ އަހަރެން އޮންނާނީ ކުއްޖާއާ ބެހިފައި ނޫންހޭ" ޝަހީބު ވިދާޅުވި ވާހަކަ ވެސް ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީނުގެ ދައުރުގައި ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސްއަކަށް ހުންނަވައި، މީޑިޔާތައް ބޮޑެތި އަދަދު ތަކުން ޖޫރީމަނާ ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ކަމަށް ނޫސްވެރިންގެ އާއިލާއިން ގަބޫލު ކުރާކަމަށް އެސިޓީގައި ލިޔެފައިވެއެވެ.

މީގެ އިތުރުން، ސުވާލު ކުރުމުން ކަންކަމަށް ޖަވާބު ނުލިބުމާއި، އެކަށީގެންވާ އެއްބާރުލުމެއް ނޫސްވެރިންނާއި ނެތްކަން ފާހަގަ ކޮށް، އަދި ޝަހީބާއި މެދު ނޫސްވެރިންނާއި، ނޫސްވެރިންގެ އާއިލާއާއި މެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާކަން ފާހަގަކޮށް މިކަންކަމަށް ހައްލެއް ހޯދައި ދިނުމަށް އެދިފައިވެއެވެ.

އެހެންކަމުން ޝަހީބު މަގާމުން ވަކިކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިން އެދިގެން އެމްޖޭއޭއިން ފޮނުވި ސިޓީއާއި ގުޅިގެން ކަމަށް ބެލެވިދާނެވެ.