ޚަބަރު

ސަފާރީތަކުން އެރުވި ރަލާއެކު މަސްތުވެގެން ތިބެ, ޑީޖޭގެ ކުޅިވަރާއެކު މާފުށީގައި އާއަހަރު ފާހަގަ ކޮށްފި

ދިޔަވަރު
ސަފާރީތަކުން އެރުވި ރަލާއެކު މަސްތުވެގެން ތިބެ, ޑީޖޭގެ ކުޅިވަރާއެކު މާފުށީގައި އާއަހަރު ފާހަގަ ކޮށްފި

ރާއްޖޭގައި ގިނަ އަދަދަކަށް ގެސްޓް ހައުސް ހިންގާ ރަށެއްކަމުގައިވާ ކ. މާފުށީގައި ކުލަގަދަކޮށް އާއަހަރު ފާހަގަ ކޮށްފިއެވެ.

މިގޮތުން, ރޭ މާފުށީގައި އާއަހަރަށް މަރުހަބާ ކިޔާފައިވަނީ ދެ ޖިންސުން މަސްހުނިވެގެން ތިބެ ކުރިޔަށްދިޔަ "ޑީޖޭ"ގެ ކުޅިވަރުތަކާއެކީއެވެ. އަދި ރޭ މަފުށީގައި ދެޖިންސުން މަސްހުނިވެގެން ލަވަޔާއި މިއުޒިކާއެކީ އާ އަހަރު ފާހަގަކުރިއިރު, މާފުއްޓަށް ސަފާރީތަކުން ވަނީ ގިނަ އަދަދަކަށް ރާފުޅިތައްވެސް އަރުވާފައި ވެއެވެ. އެގޮތުން ރޭ މާފުށީގައި ކުލަގަދަކޮށް "ޑީޖޭ" ޖެއްސިއިރު މި ކުޅިވަރުތަކިގައި ބައިވެރިވި ގިނަ ދިވެހިންވެސް ތިބީ މަސްތުގެ ހާލުގައެވެ.

"ދިޔަވަރު އޮންލައިން"އަށް މާފުށިން މައުލޫމާތު ދިން ފަރާތްތަކުން ކިޔައިދިން ގޮތުގައި, މާފުށީގައި މަސްތުގެ ހާލުގައި ތިބެގެން ގިނަ އަދަދެއްގެ ދެޖިންސުގެ ދިވެހިންވެސް އާއަހަރު ފާހަގަކުރި އިރު, މި ފާހިޝް އަމަލުތައް ހުއްޓުވުމަށް ފުލުހުންވެސް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އަދި ސަފާރީތަކުން ރާފުޅިތައް އެރަށަށް ގިނަ އަދަދަކަށް އެރުވިއިރުވެސް ފުލުހުން އެކަންވެސް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް އެރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނެފައި ވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ރާފުޅިތައް އެރަށަށް ގިނަ އަދަދަކަށް އެރުވީ ފުލުހުންނަށް ދުރާލާ މައުލޫމާތު ލިބިގެން ކަމުގައެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކުގައި ކުރިސްމަސް ފާހަގަކުރުން މަނާކޮށްފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރުމަށްފަހު ވަނީ, ރިސޯޓުތަކުގެ ދިވެހިންނަށްވެސް ކުރިސްމަސް ފާހަގަކުރުމަށް ފުރުސަތުވެސް ވަނީ ދީފައެވެ. އެއަށްފަހު ފެނިގެން މިދިޔައއީ, ރާ ބޮއިގެން މަސްތުގެ ހާލުގައިތިބެ, "ޑީޖޭ"ގެ ކުޅިވަރާއެކީ އާއަހަރު ފާހަގަ ކުރުމުގެ ފުރުސަތު މީހުން ދިރިއުޅޭ ރަށްތަކުގައިވެސް ސަރުކަރުން ފަހިކޮށްދިން މަންޒަރެވެ.

އަދި މިކަމުގެ ކަންބޮޑުވުން މާފުށީގެ އާންމު ރައްޔިތުން ފާޅުކޮށްފައިވާއިރު, ގިނަ ބަޔަކު ރައީސް މުއިއްޒުގެ ދީނީ ސިޔާސަތު ސިފަ ކުރަމުންދަނީ "ދެފުއްދެގޮތް" ދީނީ ސިޔާސަތެއްގެ ގޮތުގައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބިދޭސީންވެސް ރާބުއިމަކީ ގާނޫނުން މަނާކޮށްފައިވާކަމަށްވާއިރު, ރަލަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ އެއްޗެކެވެ.