ކުރީ ސަރުކާރުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް ހުންނެވި އައިޝަތު ނަހުލާ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމެވީ ވެރިކަންކުރާ ޕާޓީ, ޕީއެންސީގެ ޓިކެޓް ނަހުލާއަށް ދޭން ނިންމުމުން ކަމަށް "ދިޔަވަރު އޮންލައިން" މައުލޫމާތު ލިބިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ދާދިފަހުން ނަހުލާގެ ފިރިކަލުން, އަދި ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ރައީސް މުއިއްޒުއާއި ބައްދަލުކުރި ދުވަހު ގާސިމް ރައީސް މުއިއްޒުގެ ކިބައިން އެދިލެއްވީ މާމިގިލީ ދާއިރާގެ މަޖިލިސް ޓިކެޓްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީގެ ޓިކެޓް ޖުމުހޫރީ ޕާޓީއަށް ދިނުމަށެވެ.
އޭގެ ބަދަލެއްގެ ގޮތުން, ޕީއެންސީގެ މަޖިލިސް ކެމްޕޭންއަށް 30 މިލިއަން ރުފިޔާ ޚަރަދު ކޮށްދިނުމަށް މުއިއްޒު އެދިލެއްވިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން ގާސިމްގެ ގޮޑިއާއި ނަހުލާގެ ގޮނޑި ދޫކޮށް ދީފިނަމަ 50 މިލިއަން ރުފިޔާ ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ޚަރަދު ކޮށްދެއްވުމަށް ގާސިމް އެއްބަސްވެވަޑައިގަތުމުން, ދެ ދެދާއިރާ ދޫކޮށްދެއްވުމަށް މުއިއްޒު އެއްބަސްވެވަޑައިގެންނެވިކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސިގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނުވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ރުހުން ދުންޔާއަށް ނެތްކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ހުޅުމާލެ ދެކުނު ދާއިރާއަށް ނަހުލާ ވާދަކުރައްވާއިރު, ކުރީ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި އޭނާ ހުންނެވިއިރު ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަށް އަދިވެސް ވީ އޭސީސީގައެވެ.
ނަހުލާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް އޭނާ ނިންމާފައި ވާކަމުގައެވެ.
މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީ މެވެ. އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަ ބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން.
ނަހުލާ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.