2022 ވަނަ އަހަރު އޮކްޓޯބަރ މަހު 9 އެއްގައި، ނޫސްވެރިންނާއި ބައްދަލުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލޭގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލު ގެނައުމަށް މާލޭ ސިޓީ ކައުންސިލުން ހަރަދުކޮށްގެން ޤާއިމުކުރަން ނިންމާފައިވާ “އެނިމަލް ކެޓް ފެސިލިޓީ” ގެ މަސައްކަތް މި ފެށޭ އަހަރުގެ ޖެނުއަރީ މަހު ފެށާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްދު މުއިއްޒު ވިދާޅުވިއެވެ.
އޭގެ އެއްމަސް ކުރިން 1 ސެޕްޓެމްބަރ 2022 ގައި، ބުޅަލުގެ އުނދަގުލުން ސަލާމަތްވުމަށްޓަކައި، ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތްކުރުމަށް މާލޭ ސިޓީ ކައުންސިލުން މުއިއްޒު ފާސްކުރިއެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ޖަލްސާއެވެ.
އޭގެ އަހަރެއް ކުރިން 8 ޖޫން 2021 ގައި ނޫސްވެރިން ނާއި ބައްދަލުކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ތެރޭ މަގުތަކާއި އާންމު ތަންތަނުގައި އާންމުނަށް އުނދަގޫ ވާގޮތަށް އުޅޭ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.
މިއިން އެއްވެސް ކަމެއް މުއިއްޒުގެ ވައުދާއި އެއްގޮތަށް ކޮށްފައި ނުވެއެވެ. އޭރުވެސް މަސައްކަތް ކުރީ، އިހްލާސްތެރި ކަމާއި އެކު ނޫންކަން ދައްކަމުން ދިޔަ ވާހަކަ ތައް ދެކޮޅު ނުޖެހޭތީ ސާފު ކޮށް އެނގެއެވެ. މި ގޮތަށް ސިޓީ ކައުންސިލުން ހައްލު ކުރަން ހުރި، މާލޭގެ ބޮޑެތި މައްސަލަތަކާއި ގުޅޭ ގޮތުން މުއިއްޒު ދިޔައީ މާލޭ ރައްޔިތުންނަށް ތަކުރާރުކޮށް ދޮގު ހަދައި އޮޅުވާލަމުންނެވެ.
ނަތީޖާއަކީ ބުޅަލުގެ މައްސަލަ ރާއްޖޭގައި ހައްލު ނުވެ، ގިނަ ބަލިތަކަށް ވެރިކަން ކުރާ މާލެ ހުޅުވިގެން ދިޔުމެވެ.
2024 ވަނަ އަހަރު ފެށިގެން ދިޔައީ، މާތް ﷲގެ އިރާދަފުޅުން، މުއިއްޒު ހަދާފައިވާ ދޮގު ވައުދުތަކުގެ ނަތީޖާ ދިވެހިންނަށް ދައްކަމުންނެވެ.
މުޅި މާލެ ފެންބޮޑުވެ އެތައް ސަތޭކަ ގެއަކަށް ފެން ވަދެފައި ވާއިރު، އެއީ ބުޅާ ނަޖިހުން ތަޣައްޔަރު ވެފައިވާ ފެނެވެ. ދިވެހިން މަގުތަކުގައި ދަތުރުކޮށް ހެދީ ފައި ޖައްސާލަން ހެޔޮނުވާ ފެނުގެ ކޯރުތަކުގެ ތެރޭގައެވެ. މާލޭ މީހުންގެ ގެތަކަށް ވަނީ މުޅާ ޖަނިސް ފެނެވެ. މިއީ މުއިއްޒުގެ ފަރާތުން މާލޭ ރައްޔިތުންނަށް ދިން އާއަހަރުގެ ހަދިޔާއެވެ.