ޚަބަރު

އާންމުން އޭސީސީއަށް ވަދެ މުޒާހަރާ ކުރުމުން، ގޯއްޗާއި ފްލެޓް ހަވާލު ކުރާނެ ކަމަށް އެންމެ ފަހުން މުއިއްޒު ވިދާޅުވެއްޖެ!

ދިޔަވަރު
އާންމުން އޭސީސީއަށް ވަދެ މުޒާހަރާ ކުރުމުން، ގޯއްޗާއި ފްލެޓް ހަވާލު ކުރާނެ ކަމަށް އެންމެ ފަހުން މުއިއްޒު ވިދާޅުވެއްޖެ!

'ގެދޮރުވެރިޔާ ސުކީމް'ގެ ދަށުން އިއުލާންކުރި 4،000 ފުލެޓު ލިސްޓު ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މަޝްރޫއުގެ ފްލެޓުތައް ހަވާލުކުރުން ހުއްޓާލަން އަންގާފައިވާތީ އޭސީސީގެ ތެރޭގައި މިއަދު ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގޯއްޗާއި ފްލެޓް ހަވާލު ކުރާނެ ކަމަށް އެންމެ ފަހުން މުއިއްޒު ވިދާޅެއްޖެއެވެ.

ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ މީހުންނަށް ރެޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓު ހަވާލުކުރުމަކީ އަޅުގަނޑު ވީ ވައުދާ އެއްގޮތަށް ކުރިއަށް ދާނެ ކަމެއް ކަމުގައި މި ޕޯސްޓުގައި މުއިއްޒު ލިޔުއްވިއެވެ.

މި ހަފްތާއާ އަންނަ ހަފްތާއާ ދޭތެރޭ ރެޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށާއި،
ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށާއި،
ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށް ވެސް ތައްޔާރުވަމުން ދާކަމަށް ވިދާޅު ވިއެވެ.

ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރައްވަން އެއް ދުވަހަށް ވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެ، ފްލެޓް ލިބޭ މީހުންގެ މެދުގައި ގުރުނަގަން ފަށާފައި ވަނިކޮށް އޭސީސީއިން ވަނީ އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުން ހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާފަ އެވެ. މިގޮތަށް ހުއްޓާލުމަށް އަންގާފައި ވަނީ އެއްވެސް ކޮރަޕްޝަނެއް ނުފެނި، މުއިއްޒުގެ ފަރާތުން އޭސީސީއަށް ކުރިމަތިވި ފިއްތުންތަކުންނެވެ.

އަދި އަދަށް ދާންދެން ގޯތި ދިނުމާއި ގުޅޭގޮތުން ކުރީ ސަރުކާރުން ކޮށްފައިވާ އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވާކަން އޭސީސީއަށް ހާމަ ކޮށްދެވިފައި ނުވާއިރު، ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތް ހުއްޓާލަން އެންގީ، 'ގެދޮރުވެރިޔާ ސުކީމް'ގެ ޕޯޓަލް އަށް ނުވެސް ވަދެ އެވެ. ފަހުން ހާމަ ވެގެން ދިޔައީ އޭރު އޭސީސީއަށް އެ ޕޯޓަލް އަށް އެކްސެސް ނެތްކަމެވެ.