ޚަބަރު

އިންޑިޔާ ސިފައިންގެ އަދަދު އުޅެއުޅެ ސަރުކާރަށް އެނގޭ ކަމަކަށް ނެހެދި! މިހާރު 88 މީހުން! ކުރިން 89، އޭގެ ކުރިން 77 މީހުން!

ދިޔަވަރު
އިންޑިޔާ ސިފައިންގެ އަދަދު އުޅެއުޅެ ސަރުކާރަށް އެނގޭ ކަމަކަށް ނެހެދި! މިހާރު 88 މީހުން! ކުރިން 89، އޭގެ ކުރިން 77 މީހުން!

ރާއްޖޭގައި ތިބި އިންޑިއާ ސައިފައިންގެ އަދަދަކީ މިހާރު 88 ކަމަށް ސަރުކާރުން މިއަދު ހާމަ ކޮށްފި އެވެ. ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި ގޮތުގައި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދަކީ 77 އެވެ. އޭގެ ފަހުން ސަރުކާރުން ހާމަ ކުރީ ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށެވެ.

ސަރުކާރުން މި އަދަދު ހާމަކޮށްފައި ވަނީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

"އެންމެ ފަހުން ސަރުކާރުގެ އެކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރި މައުލޫމާތު ދައްކާ ގޮތުން 88 އިންޑިއާ ސިފައިން ތިބި ކަމަށް ކަށަވަރުވެފައި ވަނީ،"  އެ ބައްދަލުވުމުގައި އިންޑިއާ ސިފައިން ތިބި އަދަދާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

"މީގައި މުހިންމީ [އިންޑިއާ ސިފައިން] ތިބި އަދަދަށް ވުރެ، ތިބިއްޔާ ތިބި ބަޔަކު ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާކަން ދިވެހި ރައްޔިތުންނަށް ކަށަވަރުވެގެން ދިޔުން."