ޚަބަރު

އާޒިމާގެ ކެމްޕޭން ބެނަރތައް ހަރުކޮށް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން

ދިޔަވަރު
އާޒިމާގެ ކެމްޕޭން ބެނަރތައް ހަރުކޮށް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން

ވެރިކަންކުރާ ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ, ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ ކެމްޕެއިން ބެނަރތައް ހަރުކުރުމުގެ މަސައްކަތުގައި މާލޭ ސިޓީގެ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރި ވެއްޖެއެވެ.

ކުރިޔަށް އޮތް މާލޭ ސިޓީ މޭޔަރ ބައި އިލެކްޝަންގައި ވާދަކުރާ އާޒިމާ ޝަކޫރުގެ ކެމްޕޭން ބެނަރތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް މާލޭ ސިޓީގެ މުވައްޒަފުން ހަރަކާތްތެރި ވެފައިވަނީ ރޭ ދަންވަރު 3:00 ހާކަންހާއިރުއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ބެނަރތައް ހަރުކުރުމަށް ބޭނުންކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލް ހޮޅިތައްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އަދި ދަންވަރުގެ ވަގުތުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ ސިޓީ ކައުންސިލްގެ ވަސީލަތްތައް އާންމު ރައްޔިތުންނަށް ސިއްރިޔާތުގައި ބޭނުން ކުރުމުގެ މަގުސަދުގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅަކު, މަގާމަށް އިންތިޚާބުވެސް ނުވަނީ ނުހަމަ ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ ވަސީލަތްތައް މިގޮތަށް ބޭނުންކުރަން ފެށުމުން އާޒިމާއަށް ގިނަ ބައެއްގެ ފާޑިކިއުންވަނީ އަމާޒުވެފައެވެ.

އަދި އަމުދުން ކެމްޕޭންގަ މިބީދައިން މާލޭ ސިޓީ ކައުންސިލްގެ ވަސީލަތްތައް ބޭނުން ކުރުމަކީ ސީދާ ކޮރަޕްޝަނަށް ވާއިރު, މިފަދަ ބޭފުޅަކު މާލޭ ސިޓީ ކައުންސިލަށް އިންތިޚާބު ވެއްޖެނަމަ, މާލޭ ސިޓީން ފޯރުކޮށްދޭ ޚިދުމަތްތަކުގައި އިންތިހާއަށް ކޮރަޕްޝަން އަށަގަންނާނޭކަމަ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.