ޚަބަރު

އާއަހަރު ފާހަގަ ކުރަން މާފުއްޓަށް ގިނަ އަދަދަކަށް ރާފުޅިތަައް އެރުވީ ފުލުހުންނަށް އެގިތިބެ, ފުލުހުންގެ އެއްބާރުލުން ލިބިގެން

ދިޔަވަރު
އާއަހަރު ފާހަގަ ކުރަން މާފުއްޓަށް ގިނަ އަދަދަކަށް ރާފުޅިތަައް އެރުވީ ފުލުހުންނަށް އެގިތިބެ, ފުލުހުންގެ އެއްބާރުލުން ލިބިގެން

2024 ވަނަ އަހަރު ފާހަގަ ކުރުމަށް, މާފުށި ކައިރީގައި ތިބި ސަފާރީތަކުން އެރަށަށް ރާފުޅިތައް އަރުވާފައިވަނީ ފުލުހުންނަށް އެނގިގެން ކަމުގައި, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފުލުހުންގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދައްކަމުން މައުލޫމާތު އެނގިހުރި ފުލުހުންގެ އޮފިޝަލް ވިދާޅުވީ އާ އަހަރާއި ދިމާކޮށް މާފުއްޓަށް ގިނަ އަދަދަކަށް ރާފުޅިތައް އެރުވިކަމަށާއި, އެހެންނަމަވެސް އެރަށުގައި ޑިއުޓީގައި ތިބި ފުލުހުންނަށް އާއަހަރު ފާހަގަ ކުރުމަށް އެރަށަށް ރާ އެރުވުން މަނާ ނުކުރުމަށް އަންގާފައި އޮތް ކަމަށެވެ.

އެގޮތުން އެރަށުގައި ޑިއުޓީގައި ތިބި ފުލުހުން ނިއުއިޔަރ ނައިޓުގައި އަމަލު ކޮށްފައިވަނީ ޕޮލިސް ކޮމާންޑުން އެންގި އެންގުންތަކާ އެއްގޮތަކަށްކަމަށް, ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވިއެވެ. އަދި ދިވެހިންވެސް ރާބޮއި މަސްތުވެގެންތިބެ "ޑީޖޭ"އާއެކު އާއަހަރު ފާހަގަ ކުރަމުން ދިޔައިރު އެ ސަރަހައްދުގެ ސެކިއުރިޓީގެ ހުރިހާކަމެއް ފުލުހުން ބަލަހައްޓާދީފައި ވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ގެސްޓް ހައުސް ހިންގާ ރަށެއްކަމުގައިވާ ކ. މާފުށީގައި މިއަހަރު އާދަޔާ ޚިލާފަށް ކުލަގަދަކޮށް އާއަހަރު ވަނީ ފާހަގަ ކޮށްފައެވެ.

މިގޮތުން, ނިއުއިޔަރ ނައިޓުގައި މާފުށީގައި އާއަހަރަށް މަރުހަބާ ކިޔާފައިވަނީ ދެ ޖިންސުން މަސްހުނިވެގެން ތިބެ ކުރިޔަށްދިޔަ ”ޑީޖޭ“ގެ ކުޅިވަރުތަކާއެކީއެވެ. އަދި އެރޭ މަފުށީގައި ދެޖިންސުން މަސްހުނިވެގެން ލަވަޔާއި މިއުޒިކާއެކީ އާ އަހަރު ފާހަގަކުރިއިރު, މާފުއްޓަށް ސަފާރީތަކުން ވަނީ ގިނަ އަދަދަކަށް ރާފުޅިތައް އަރުވާފައި ވެއެވެ. އެގޮތުން އެރޭ މާފުށީގައި ކުލަގަދަކޮށް ”ޑީޖޭ“ ޖެއްސިއިރު މި ކުޅިވަރުތަކިގައި ބައިވެރިވި ގިނަ ދިވެހިންވެސް ތިބީ މަސްތުގެ ހާލުގައެވެ.

”ދިޔަވަރު އޮންލައިން“އަށް މާފުށިން މައުލޫމާތު ދިން ފަރާތްތަކުން ކިޔައިދިން ގޮތުގައި, މާފުށީގައި މަސްތުގެ ހާލުގައި ތިބެގެން ގިނަ އަދަދެއްގެ ދެޖިންސުގެ ދިވެހިންވެސް އާއަހަރު ފާހަގަކުރި އިރު, މި ފާހިޝް އަމަލުތައް ހުއްޓުވުމަށް ފުލުހުންވެސް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އަދި ސަފާރީތަކުން ރާފުޅިތައް އެރަށަށް ގިނަ އަދަދަކަށް އެރުވިއިރުވެސް ފުލުހުން އެކަންވެސް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް އެރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނެފައި ވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ރާފުޅިތައް އެރަށަށް ގިނަ އަދަދަކަށް އެރުވީ ފުލުހުންނަށް ދުރާލާ މައުލޫމާތު ލިބިގެން ކަމުގައެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ރަށްތަކުގައި ކުރިސްމަސް ފާހަގަކުރުން މަނާކޮށްފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރުމަށްފަހު ވަނީ, ރިސޯޓުތަކުގެ ދިވެހިންނަށްވެސް ކުރިސްމަސް ފާހަގަކުރުމަށް ފުރުސަތުވެސް ވަނީ ދީފައެވެ. އެއަށްފަހު ފެނިގެން މިދިޔައއީ, ރާ ބޮއިގެން މަސްތުގެ ހާލުގައިތިބެ, ”ޑީޖޭ“ގެ ކުޅިވަރާއެކީ އާއަހަރު ފާހަގަ ކުރުމުގެ ފުރުސަތު މީހުން ދިރިއުޅޭ ރަށްތަކުގައިވެސް ސަރުކަރުން ފަހިކޮށްދިން މަންޒަރެވެ.

އަދި މިކަމުގެ ކަންބޮޑުވުން މާފުށީގެ އާންމު ރައްޔިތުން ފާޅުކޮށްފައިވާއިރު, ގިނަ ބަޔަކު ރައީސް މުއިއްޒުގެ ދީނީ ސިޔާސަތު ސިފަ ކުރަމުންދަނީ ”ދެފުއްދެގޮތް“ ދީނީ ސިޔާސަތެއްގެ ގޮތުގައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބިދޭސީންވެސް ރާބުއިމަކީ ގާނޫނުން މަނާކޮށްފައިވާކަމަށްވާއިރު, ރަލަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ އެއްޗެކެވެ.