ލަންކާ އެއަރޕޯޓްގައި މީގެ ދެރޭ ކުރިން ދިވެހިންތަކެއް ލަންކާއަށް ވަނެ ނުދީ އެޤައުމުން ހިފަހައްޓައިފި ކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ. އެމީހުން ތިބީ އަދިވެސް ލަންކާ އެއަރޕޯޓްގައި ތާށިވެފައެވެ.
އެމީހުންގެ ކުޑަ ދަރިފުޅު ގަޔަށް ކުޑަކަމު ދެވި، ގައިން ތާހިރުވެސް ވާނެ ގޮތެއް ލަންކާ އެއަރޕޯޓްގައި ހިފަހައްޓާފައި ވާ އާއިލާ އަށް އެރޭ ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެނބުރި ރާއްޖެ އައުމަށްވެސް ފުރުޞަތު ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަމަށް މި އާއިލާ އެދިފައިވާ ކަމަށާއި، ނަމަވެސް އެއްވެސް އެހީތެރިކަމެއް ފޯރު ކޮށްދީފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ހައި ކޮމިޝަނާއި ހަވާލުވެ ހުންނެވީ އަންހެން ކަނބަލެއް ކަމަށާއި، އެހީތެރިކަމަށް އެދި އެ އާއިލާއިން ގުޅާލުމުން އޭނާއަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށާއި، އަދި މިއިނީ ރޭގަނޑުގެ ޑިނާގައި ކަމަށް ބުނެ ފޯނު ކަނޑާލި ކަމަށް މައުލޫމާތު ލިބެއެވެ.