ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ރުހުން ދިނުން ލަސްވީ، ސަރުކާރުން އެކަމުގެ ތެރެއަށް ވަނުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރުހުން ދިނުމުގެ ކަންކަމުގެ ތެރެއަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވަދެ، ރުހުން ދިނުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"ސަރުކާރުގެ ތެރެއިން ބައެއް ބޭފުޅުން އަޅުގަނޑުމެންގެ މެމްބަރުންގެ ތެރެއަށް ވަދެގެން ވަކި ގޮތަކަށް ބައްޓަން ކުރަން ކުރި މަސައްކަތުގެ ނަތީޖާ އިން އެ އޮތީ ލަސްވެފައި،" ކެބިނެޓަށް ރުހުން ދިނުން ލަސްވި ސަބަބާ ގުޅޭ ގޮތުން ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ކެބިނެޓަށް ރުހުން ނުދެވި ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ނަމަވެސް އެއީ ސަރުކާރުން ހެދި "ޅަ އެއްޗެއްގެ" ނަތީޖާ ކަމަށެވެ. ސަރުކާރުން ވަނީ އެމްޑީޕީގެ ޕީޖީގެ މެމްބަރުންނަށް އެކި ކަހަލަ އޮފާތައް ހުށަހަޅާފައި ކަމަށްވެސް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަދި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދިނުމާމެދު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އެބަ އޮތް ކަމަށެވެ. ނަމަވެސް ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމަށް އެމްޑީޕީގެ ލީޑާޝިޕުން ވަނުމުގެ ބަދަލުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެކަން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.