ސިޔާސީ

މުއިއްޒު ސަރުކާރު މާ ބުރަކޮށް މަސައްކަތް ކުރަމުން ދަނީ، ކުރީ ސަރުކާރުން ނިންމާފައި ހުރި ކަންކަމުން ކުރެޑިޓް ނެގުމަށް! 

ދިޔަވަރު
މުއިއްޒު ސަރުކާރު މާ ބުރަކޮށް މަސައްކަތް ކުރަމުން ދަނީ، ކުރީ ސަރުކާރުން ނިންމާފައި ހުރި ކަންކަމުން ކުރެޑިޓް ނެގުމަށް! 

ކުރީ ސަރުކާރުތަކުން ނިންމާފައި ހުރި ކަންކަމުން ކްރެޑިޓް ނަގައި، މިއީ މުއިއްޒު ކުރި ކަމެއް ކަމަށް ދެއްކުމަށް އޮޅުވާލަން މިވަރަށް މަސައްކަތް ކުރާ އެއްވެސް ސަރުކާރެއް އަދި ނެތެވެ. މުއިއްޒުގެ ސަރުކާރު ވުޖޫދަށް އައީ މަކަރާއި ހީލަތުން ރައްޔިތުންނަށް ގިން ކަންކަން އޮޅުވާލައިގެނެނެވެ. ވެރިކަމުގައި ދެމި އޮތުމަށްވެސް ހަދަމުން މިދަނީ ދޮގާއި މަކަރެވެ.

މެރިން ހެޗަރީގެ މަސައްކަތް

ޔޫއޭއީގެ ކުންފުންޏަކާއި ގުޅިގެން، ފިޝަރީޒް މިނިސްޓްރީއިން ފެށި މެރިން ހެޗަރީގެ މަސައްކަތަކީ ރައީސް ސޯލިހް ގެ ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ވަޑައިގެން މިއީ މިސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައި ވެއެވެ.

މެރިން ހެޗަރީގެ މަސައްކަތް ފެއްޓެވުމަށް ފިޝަރީސް މިނިސްޓްރީ އިން ވަނީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން ގޮސްފައި

ތެލަސީމިޔާ ކުދިންނަށް ހިލޭ ބޯން މެރޯ ހަދައިދިނުން

މި ސަރުކާރުން ހިންގާ ހަފްތާ 14ގެ ޕްރޮގްރާމް ތެރެއަށް ތެލަސީމިޔާ ކުދިންނަށް ހިލޭ ބޯން މެރޯ ހަދައިދިނުމަކީ އަލަށް ސަރުކާރުން ފަށާ ކަމެއް ކަމަށް ދެއްކުމަށް ވަނީ ހިމަނާފައެވެ. މި ގޮތުން ރައްޔިތުންނަށް އޮޅުވާލުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ ދޮގު ހަދާފައެވެ. ފިރުޒުލް ހަދާފައިވާ ދޮގަކީ، ސަރުކާރުގެ އެހީގައި ހިލޭ ބޯން މެރޯ ހަދާ ފުރަތަމަ ޕޭޝަންޓް މިހާރު ރާއްޖެއިން ބޭރަށް ފުރާފައިވާކަމަށް ބުނެ ދެއްކި ވާހަކަ އެވެ. ނަމަވެސް، މިއީ އެންޖީއޯއަކާއި ގުޅިގެން އެންމެ ފުރަތަމަ އުފެދުނު އެމްޑީޕީ ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. އަދި ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ގިނަ އަދަދެއްގެ ތެލަސީމިޔާ ކުދިން، ސަރުކާރުގެ ހަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. ނަމަވެސް މި ސަރުކާރުން ބުރަކޮށް މަސައްކަތް ކުރަމުން ދަނީ މިކަން މިއީ މުއިއްޒު ފެއްޓެވި ކަމަކަށް ހެދުމަށެވެ.

ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފުރުސަތު ލިބުނު ކުއްޖަކަށް، އެރުގެ ފަސްޓް ލޭޑީ ފާތުން ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.

އައިވީއެފް ޓްރީޓްމަންޓް' ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތް އާސަންދާގައި ހިމެނުން

އައިވީއެފް ޓްރީޓްމަންޓް' ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތް އާސަންދާގައި ހިމެނުމަކީ މިދިޔަ ސަރުކާރުން ކޮށް ނިންމާފައިވާ ކަމެކެވެ. ނަމަވެސް ހަފްތާ 14 ގައި ކުރާނެ ކަންކަމުގެ ތެރެއަށް މިކަންވެސް ހިމަނައި، މިއީ މުއިއްޒު ކުރި ކަމެއް ކަމަށް ވަނީ ދައްކާފައެވެ. ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމްގެ ނަމުގައި މި މަސައްކަތް މާކުރިން ފަށާފައެވެ. މި ޕްރޮގްރާމަކީ މިކަން ކުރުމަށް ފުރިހަމަ ނިޒާމެއް އެކުލަވާލާ، މިކަމަށް ދާ ޚަރަދު އާސަންދައިގެ ތެރެއަށް ވެއްދުމާއި، މިކަމުގެ ދަތިކަން ތިބި މީހުން ދަނެގަނެ، އެމީހުންނަށް ފަރުވާ ލިބޭނެ ޤައުމީ ފެންވަރުގެ ނިޒާމެއް ގާއިމު ކުރުމެވެ.

ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުން

ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުން ފަދަ ކުޑަ ކުޑަ ކަންކަމަކީވެސް، މުއިއްޒުގެ ގައުމީ ކުލުނު ދައްކުވައިދޭ ކަންކަން ކަމަށް ސިފަކޮށް، އެއީ މުއިއްޒުގެ އިސްނެންގުވުމަށް ސްޓެލްކޯ އިން ކުރާކަމެއް ކަމަށް ސްޓެލްކޯގެ އެމްޑީ ވަނީ ޓްވީޓް ކޮށްފައެވެ. ނަމަވެސް ސްޓެލްކޯ މެދުވެރިކޮށް ހުކުރު މިސްކިތުގެ މުންނާރު ސާފު ކުރުމަށް ކުރީ ސަރުކާރުން ވަނީ 2019 ގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ސްޓެލްކޯއިން މުންނާރު ސާފުކުރަން ޖެހޭ މުއްދަތު މިހާރުވެސް ފަހަނައަޅައި ގޮސްފައިވާއިރު، ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އެ އެއްބަސްވުމުގެ ދަށުންނެވެ. މުއިއްޒުގެ ހެޔޮފުޅު ކަމަކުން ނޫނެވެ.

ސީ އެމްބިއުލާންސް ޚިދުމަތް

04 ސެޕްޓެމްބަރ 2023 ގައި ސިއްހީ ފަރުވާގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި "މޯލްޑިވްސް ހެލްތު ލައިން" އިފުތިތާހުކޮށްފައި ވަނިކޮށް، ސީ އެމްބިއުލާންސް ޚިދުމަތުގެ ނަމުގައި ހަމަ އެއްކަމެއް މިސަރުކާރުން ފެށުމުން، އެކަމަށް ސޯޝަލް މީޑިޔާގައި ފާޑު ކިޔުން ވަނީ އިންތިހާއަށް އިތުރު ވެފައެވެ.

މޯލްޑިވްސް ހެލްތް ލައިން، ސީ އެމްބިއުލާންސްގެ ނަމުގައި މިސަރުކާރު ކަމެއް ކަމަށް ހެދުމަށް ކުރި މަސައްކަތަށް ވަނި ފާޑުކިޔުން އަމާޒުވެފައި

ޑްރޯން މެދުވެރިކޮށް ބޭސް ފޮނުވުން

ޑްރޯން މެދުވެރިކޮށް ރާއްޖެތެރެއަށް ބޭސް ފޮނުވުމަކީ ހަޤީގަތުގައި ރާއްޖެއަށް އެކަށޭނެ ކަމެއް ނުވެސް ނޫނެވެ. ނަމަވެސް މިއީ ކުރީ ސަރުކާރުން ފެށި، މި ސަރުކާރުން މޮޅު ކަމެއް ކަމަށް ހީކޮށް، ކްރެޑިޓް ނެގި ކަމެކެވެ. މި މަސައްކަތް ވަނީ 05 ސެޕްޓެމްބަރ 2023 ގައި ފަށާފައެވެ. އަދި އޭގެ އެއްމަސް ކުރިން އޮގަސްޓް 2023 މަހުގައި އޭގެ ޓެސްޓް ދަތުރުތައް ވެސް ވަނީ ކޮށްފައެވެ. ނަމަވެސް ހެލްތު މިނިސްޓަރަކަށް ހުރި ބޭފުޅާ ވަނީ މިއީ މުއިއްޒު ސަރުކާރުން ކުރާ ކަމެއް ކަމަށް ދެއްކުމަށް ފޮޓޯ ނަގާ، އޮޅުވާލަން މަސައްކަތް ކޮށްފައެވެ.

ޑްރޯން މެދުވެރިކޮށް ބޭސް ފޮނުވުން އިފްތިތާހް ކުރުން

މިއީ މިސަރުކާރުން ކްރެޑިޓް ނަގަމުންދާ ކަންކަމުގެ ތެރެއިން ފާހަގަ ކޮށްލެވޭ މަދު ކަމެކެވެ. މުއިއްޒުގެ ސަރުކާރު ވުޖޫދަށް އައީ، ރައްޔިތުންނަށް އޮޅުވާލައިގެން، ދޮގާއި މަކަރުންނެވެ. މުއިއްޒުވަނީ ވޯޓު ހޯދުމަށް، ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް، މީހުންނަށް ފައިސާ ދީގެން ނޫސްތަކުގައި ޖަހުވައި އެ ފިތުނަ މުޅި ރާއްޖެއަށް ފަތުރާފައެވެ. ގެއްލިގައި ކަނޑުން ބައެއް ވާކަމަށް ބުނެ ވަނީ ދޮގު ހަދާފައެވެ. މުއިއްޒަކީ މީހުންގެ ތާއީދު އޮތް މީހެއް ނޫނެވެ. ވެރިކަމަށް އައީ ޔާމީން މިނިވަން ކުރާނެ ކަމަށް ބުނެ ދޮގު ހަދައިގެންނެވެ. އަދި ވެރިކަމުގައި ހުރުމަށް ވެސް ދަނީ އެ ދޮގު ތައް ތަކުރާރު ކުރަމުން އިތުރު އެތައް ހާސް ދޮގެއް ހަދަމުންނެވެ. ގޯތިތައް ފޭރުމުގެ ސަބަބުން، މުއިއްޒަށް ބައެއް މީހުން ފޭރޭ މުއިއްޒު ކިޔާއިރު، ބައެއް ފަރާތްތަކުން އެމަނިކުފާނު ހައްދަވާ ދޮގާއި، ބުނާއި ބަހާއި ސީދާ ދެކޮޅަށް ކަންކުރާތީ، ކައްޒާބޭވެސް ކިޔައެވެ.

މުއިއްޒުގެ ސަރުކާރަށް ދެމަސް ވެގެން ދާއިރު، ފެންނަނީ ބަލިކަށިކަމެވެ. ސަރުކާރުން އަމިއްލައަށް އެއްވެސް ކަމެއް ފަށައި ކުރިއަށް ނުގެންދެވިގެން އުޅޭ މަންޒަރެވެ. ސަރުކާރު ނުހިގައި ހުއްޓިފައިވާ މަންޒަރެވެ. ކަން މިހެން ހުރުމުން މުއިއްޒުގެ ސަރުކާރުގައި ތިބި ނަގާބިލު ވަޒީރުން، ކުރީ ސަރުކާރުތަކުގައި ކޮށްފައިހުރި ކަންކަމުން މެޑެލްޖަހައި ރައްޔިތުންނަށް އޮޅުވާލެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.