ރާއްޖޭގެ އާބާދީގެ 71 އިންސައްތަ މީހުން ގަބޫލު ކުރަނީ މުއިއްޒުގެ ވެރިކަން ޤާނޫނީ ގޮތުން ސައްހަ ނޫން ކަމަށްކަން ދިޔަވަރު ނޫހުން X ގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ. މި ގޮތަށް އާބާދީގެ ބޮޑު ބައެއް މުއިއްޒުގެ ވެރިކަން ޤާނޫނީ ގޮތުން ސައްހަ ނޫން ކަމަށް ޤަބޫލު ކުރަނީ، އިސްލާމީ ޤައުމެއްގެ ވެރިކަމަށް ދޮގާއި، މަކަރާއި ހީލަތް ބޭނުން ކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ވަގަށް ނަގާފައި ވުމުންނެވެ.
ދިޔަވަރު ނޫހުން 24 ގަޑިއިރު ވަންދެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ޓްވީޓަރ ގައި ނެގި ވޯޓުގައި 309 ފަރާތަކުން ބައިވެރި ވެފައިވެއެވެ. މިއީ ޤައުމުގެ ސިޔާސީ ހާލަތު ދެނެގަތުމުގައި ރަނގަޅު މިންވަރެއްގެ ސާމްޕަލިންގ އަދަދެކެވެ.
މުއިއްޒު ވަނީ އިންޑިޔާއަކީ ދިވެހިންގެ ދުޝްމަނެއް ކަމަށް ދެއްކުމަށް، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ސިޔާސީ ހަރަކާތަކަށް ފައިސާ ހަރަދުކޮށް، ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބިކަމަށް ބުނެ ދޮގުހަދައި، ރައްޔިތުންނަށް ބިރު ދައްކައިގެން ވޯޓު ހޯދާފައެވެ. އެއަށްފަހު ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ މުއިއްޒު ވަނީ ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލާފައެވެ. އަދި މިކަން ދިފާއު ކުރުމަށް މިހާރުވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އިތުރަށް އޮޅުވާލުމަށް ދޮގު ހަދައި ދައުލަތުގެ ޚަރަދުން އެތައް މިލިއަނެއް މި ދޮގު ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.
މުއިއްޒު ދެން ވެރިކަމަށް އައުމަށް ބޭނުން ކުރެއްވީ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ނަމާއި، ފޮޓޯ ޖަހައިގެން އެމަނިކުފާނު މިނިވަން ކުރާނެ ކަމަށް ބުނެ، ވެރިކަމަށް އައުމަށް ފަހު ކޯޓު ތަކަށް އަތް ބާނައި، ޔާމީން މިނިވަން ކުރުމަށް ހުރި، ހުރިހާ މަގެއް މުއިއްޒު ވަނީ ބާރުން ބޭނުން ކޮށްގެން ހުއްޓުވާފައެވެ.
ރާއްޖޭގެ އާބާދީގެ %71 މީހުން މުއިއްޒުގެ ވެރިކަން ޤާނޫނީ ގޮތުން ސައްހަ ނޫން ކަމަށް ދެކޭއިރު، މުއިއްޒުގެ ވެރިކަން މަޖިލީހުން އަޒުލު ކޮށް އިންތިހާބެއް ބާއްވައިފި ނަމަ، ލަދުވެތި ގޮތަކަށް މުއިއްޒު އެ އިންތިހާބުން ބަލިވެގެން ދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އިސްލާމީ ޤައުމެއްގެ ވެރިއަކު ދޮގާއި މަކަރު ހަދައި، ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައުމަކީ ރައްޔިތުން ޤަބޫލު ކުރާ ކަމެއް ނޫނެވެ.