ސިފައިންނާއި ފުލުހުންގެ މުސާރަ، ޖެނުއަރީ 1 ގައި ބޮޑު ކުރުމަށް މުއިއްޒު ވަނީ ވައުދު ވެފައެވެ. ނަމަވެސް މި ސަރުކާރަށް މުހިންމުވީ ތައުލީމެއް ތަޖުރިބާއެއް ނެތް، ކިރިޔާ 18 އަހަރު ފުރުނު ކުދިންނަށް، ޑެޕިއުޓި މިނިސްޓަރު ކަމާއި، ސްޓޭޓް މިނިސްޓަރުކަން ދިނުމެވެ. ރާއްޖޭގެ އެއްވެސް ސަރުކާރެއްގައި ސްޓޭޓް މިނިސްޓަރުންނާއި، ނައިބުން އައްޔަން ނުކުރާ މިންވަރަށް އެ މަގާމުތަކަށް މީހުން އައްޔަން ކުރުމުން، މުސާރާގެ ގޮތުގައި ބަޖެޓް ކުރެވިފައިނެތް އެތައް ފައިސާއެއް މުއިއްޒު މި އުފެއްދި، ސިޔާސީ މަގާމުތަކަށް ދެން ދައުލަތަށް ވަނީ މަޖުބޫރުވެފައެވެ. މިކަމުގެ ސަބަބުން ސިފައިންނާއި ފުލުހުންނަށް މުސާރަ ބޮޑު ކުރަން ބަޖެޓުގައި ހުރި ފައިސާ ވަނީ ސްޓޭޓް މިނިސްޓަރުންނާއި، ނައިބުންނަށް ދިނުމަށް މަޖުބޫރުވެފައެވެ.
ސަރުކާރުން ދަނީ އައްޔަން ކުރަމުންދާ ސްޓޭޓް މިނިސްޓަރުންނާއި، ނައިބުންގެ އަދަދު ފޮރުވަމުންނެވެ. އެންމެ ފަހުން ދިޔަވަރަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސަރުކާރުގައި 81 ސްޓޭޓް މިނިސްޓަރުންނާއި 122 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވެ. ނަމަވެސް މިއަށްވުރެ، މިއަދަދު އިތުރުވުން އެކަށީގެން ވެއެވެ.
ފުލުހުންގެ ހެޑް އޮފް ވޯކް ފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު ސޮއިކުރައްވައި އިއްޔެ ނެރުނު ދެންނެވުމެއްގައި ވަނީ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް ފުލުހުންނާއި ސިފައިންނަށް އަންގާފަ އެވެ.
އެ އެންގުމުގައި ވަނީ ދައުލަތުގެ މުސާރަ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވޯކަށް" ފުލުހުންގެ މުސާރަ ބަދަލުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރެވެން ނެތީ ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
81 ސްޓޭޓް މިނިސްޓަރުން
މުސާރަ - 47,000ރ. (ސާޅީސް ހަތްހާސް ރުފިޔާ)
މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 3,760,000ރ. (ތިން މިލިއަން ހަތް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ)
އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 45,120,000 (ސާޅީސް ފަސް މިލިއަން އެއްލައްކަ ވިހިހާސް ރުފިޔާ)
ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވެސް ހިމަނާފައިވާނެ އެެވެ. ގައުމީ ޔުނިވާސިޓީއަށް ޗާންސެލަރު އައްޔަނުކޮށްފައި ވަނީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.
122 ޑެޕިއުޓީ މިނިސްޓަރުން
މުސާރަ - 35,000ރ. (ތިރީސް ފަސްހާސް ރުފިޔާ)
މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 4,270,000ރ. (ހަތަރު މިލިއަން ދެ ލައްކަ ހަތްދިހަ ހާސް ރުފިޔާ)
އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 51,240,000ރ. (ފަންސާސް އެއް މިލިއަން ދެ ލައްކަ ސާޅީސް ހާސް ރުފިޔާ)
އޭގެ ތެރެއިން އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން ތިއްބެވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ހަތް ސްޓޭޓް މިނިސްޓަރު އެބަ ތިއްބެވި އެވެ.
އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިއްބެވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 13 ބޭފުޅުން އެބަތިއްބެވި އެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާއިރު މިހާތަނަށް މިނިސްޓަރުންގެ ފެންވަރުގައި އެމަނިކުފާނު ވަނީ 21 ބޭފުޅުން އައްޔަނުކުރައްވައިފަ އެވެ.
އެހެންކަމުން, ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނާ 246 ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް މުސާރަ ދިނުމަށް އަހަރެއްގެ މައްޗަށް 128,832,000ރ. (ސަތޭކަ އަށާވީސް މިލިއަން އަށްލައްކަ ބައްތިރީސް ހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ އެވެ.
އެހެންކަމުން ސިފައިންނާއި، ފުލުހުންނަށް ދެވޭނެ އެއްޗެއް އަދި ދައުލަތުގައި ނެތެވެ.