ޚަބަރު

ސްޓޭޓް މިނިސްޓަރުންނާއި، ޑިޕިއުޓީން ގިނަވެ، އެމީހުންނަށް ހާއްސަ ކޮޓަރި ތައް ނުލިބި، ތިބޭނެ ޖާގަ ނެތިގެން މައްސަލަ ބޮޑު ވެއްޖެ!

ދިޔަވަރު
ސްޓޭޓް މިނިސްޓަރުންނާއި، ޑިޕިއުޓީން ގިނަވެ، އެމީހުންނަށް ހާއްސަ ކޮޓަރި ތައް ނުލިބި، ތިބޭނެ ޖާގަ ނެތިގެން މައްސަލަ ބޮޑު ވެއްޖެ!

މުއިއްޒު އައްޔަން ކުރި، ސްޓޭޓް މިނިސްޓަރުންނާއި، ޑިޕިއުޓީ މިނިސްޓަރުން ގިނަވެ، އެމީހުންނަށް ހާއްސަ ކޮޓަރި ތައް ނުލިބި، ތިބޭނެ ޖާގަ ނެތިގެން ބައެއް މިނިސްޓްރީ ތަކުގައި މައްސަލަޖެހިއްޖެ ކަމަށް ދިޔަވަރު ނޫހަށް ރައީސް އޮފީހުގެ އޮފިޝަލެއް މައުލޫމާތު ދެއްވައިފިއެވެ.

މި ސަރުކާރުގައި 81 ސްޓޭޓް މިނިސްޓަރުން އަދި 121 ޑެޕިއުޓީ މިނިސްޓަރުން މިހާތަނަށް އެބަތިއްބެވެ. މިއީ ކުރީ ސަރުކާރުތަކާއި އަޅާ ބަލާއިރު ވަރަށް ގިނަ އަދަދެކެވެ. އަދި ކުރީ ސަރުކާރު ތަކުގައި ކޯޑިނޭޓަރުން ގެ ލެވެލް ގައި ތިބި ފަރާތްތައް ސްޓޭޓް މިނިސްޓަރުން ހަދައި، މަގާމުގެ އަގާއި ހައިބަތު މި ސަރުކާރުން ވަނީ ވައްޓާލާފައެވެ. އަދި މި ގޮތަށް ބޮޑު މުސާރާގައި ތިބި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނަކީ ފެންވަރު ދަށް ޤާބިލު ނޫން މީހުންތަކެއް ކަމުން، ސަރުކާރުން ޚިދުމަތް ލިބުމުގައި މުއިއްޒު އައްޔަންކުރި އެއްވެސް މީހެއްގެ ފަރާތުން ދިވެހިރައްޔިތުންނަށް އިތުރު ފަސޭހައެއް ލިބިފައެއް ނުވެއެވެ.

ސްޓޭޓް މިނިސްޓަރުން ގިނަވެ، ތިބުމުގެ ޖާގައިގެ ދަތިކަން ކުރިމަތި ވެފައި ވާއިރު، މިކަން ހައްލު ކުރުމަށް ބައެއް މިނިސްޓްރީ ތަކުން ބޮޑު އަގުގައި އިތުރު އިމާރާތްތައް ހިފުމުގެ ވިސްނުންވެސް ސަރުކާރުން ދަނީ ގެންގުޅެމުންނެވެ. ބައެއް ސްޓޭޓް މިނިސްޓަރުންގެ ހަމަ އެކަނި ޒިންމާއަކީ އޮފީހަށް ޗެކްއިން ވެލުމެވެ. ތިބޭނެ ތަނެއް ނެތުމުން އެނބުރި ދަނީ ގެއަށެވެ. ސަރުކާރުން ސިޔާސީ މަގާމުތަކަށް މިހާ ބޮޑު އިސްރާފެއް ކުރަމުންދާއިރު އާންމު ހާލަތަށް ކުޑަވެސް ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ.