ޚަބަރު

ލޯނު ނުދައްކައިގެން ހުކުމް ކޮށްފައިވާ އަޒިމާ, ލޭންދޭނަށް ނެގި ފައިސާ ނުދައްކައިގެ އަނެއްކާވެސް އިތުރު ދައުވާއެއް!

ދިޔަވަރު
ލޯނު ނުދައްކައިގެން ހުކުމް ކޮށްފައިވާ އަޒިމާ, ލޭންދޭނަށް ނެގި ފައިސާ ނުދައްކައިގެ އަނެއްކާވެސް އިތުރު ދައުވާއެއް!

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން އާޒިމާގެ މައްޗަށް ދައުވާ އުފުލައިފިއެވެ. 

އެ މައްސަލައާ ގުޅޭ ކޯޓް ލިޔުންތަކުގައި ވާގޮތުން ޕްލެޓިނަމް ފްލެޓްތައް އިމާރާތްކޮށްފައިވާ ކުންފުނި 'ޕްލެޓިނަލް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް'އިން ސިވިލް ކޯޓަށް 2021 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އާޒިމާގެ އެދުމުގެ މަތިން ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓް ގަތުމަށް ފަހުން ދައްކާ ގޮތަށް އޭނާއަށް 1.96 މިލިއަން ރުފިޔާ ލޯނެއްގެ 2016ގައި އެ ކުންފުނިން ދީފައިވާ ކަމަށެވެ.

އަދި އާޒިމާ އެ ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން 2019 އަދި 2020ގައި ވެސް އެ ފައިސާ ދައްކާ ހަލާސްކުރަން އޭނާއަށް ކުންފުނިން ނޯޓިސް ފޮނުވި ކަމަށްވެސް ކުންފުނިން ކުރި ދައުވާގައި ބުނެފައި ވެއެވެ. އެ ދައުވާގައި ބުނެފައިވަނީ އެހެން ނަމަވެސް އެ ނޯޓިސްތައް ފޮނުވުމުން ވެސް އާޒިމާ ފައިސާ ދައްކަމުން ނުދާ ކަމުގައެވެ.

ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑެވަލޮޕްމަންޓު ޕވޓ ލމޓ ގެ ފަރާތުން އާއިޝަތު އާޒިމާ ޝުކޫރުގެ އެދުމުގެ މަތިން ދައުވާ ލިބޭ ފަރާތުން [އާޒިމާ] ފަހުން ދައްކާ ގޮތަށް ދީފައިވާ ލޯނަށް 1،961،315.84ރ. [އެއްމިލިއަން ނުވަލައްކަ ފަސްދޮޅަސް އެއްހާސް ތިން ސަތޭކަ ފަަނަރަ ރުފިޔާ އަށްޑިހަ ހަތަރު ލާރި] އެކީ އެއްފަހަރާ ދައުވާ ކުރާ ފަރާތަށް ދެއްކުމަށް ދައުވާ ލިބޭ ފަރާތުގެ [އާޒިމާގެ] މައްޗަށް އަމުރުކޮށް ދެއްވުން އެދެމެވެ. 

ޕްލެޓިނަމް ރިއަލް އެސްޓޭޓުން ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވެ އެވެ. 

އެ މައްސަލައިގައި ހުކުމް ކުރަން ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށްވެސް ޔަގީން ކުރެވިފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިހާތަނަށް ބޭއްވި އަޑުއެހުންތަކަށް ވެސް އާޒިމާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.