ޚަބަރު

ޝަހީބަކީ އަންހެނުންނަށް ފުރައްސާރަ ކުރާ މީހެއްކަމަށް މުއިއްޒު ޤަބޫލު ކުރުމަށް ފަހު، ބޮޑު މަގާމެއް ދިނުން ގޯސް! 

ދިޔަވަރު
ޝަހީބަކީ އަންހެނުންނަށް ފުރައްސާރަ ކުރާ މީހެއްކަމަށް މުއިއްޒު ޤަބޫލު ކުރުމަށް ފަހު، ބޮޑު މަގާމެއް ދިނުން ގޯސް! 

ޗީފް ސްޕޯކްސް ޕާސަންގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބަކީ އަންހެން މުއައްޒަފުންނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް ބަޔާންކޮށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނުން މުއިއްޒަށް ފޮނުވި ސިޓީއާއި ގުޅިގެން އޭނާ މަގާމުން ބަދަލު ކޮށް ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް މުއިއްޒު ވަނީ އައްޔަން ކޮށްފައެވެ.

މުއިއްޒު އޭނާގެ ސްޕޯކްސް ޕާސަން ކަމަށް އަންހެނުންނަށް ފުރައްސާރަ ކުރާ މީހަކު ބެހެއްޓުމަށް ބޭނުން ނުވީ، މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ހުރި ކަންކަމަށް ރިއާޔަތް ކޮށް އެކަން ގަބޫލު ކޮށްގެންނެވެ. ޝަހީބަކީ އަންހެނުންނަށް ފުރައްސާރަ ކުރާ މީހެއްކަމަށް މުއިއްޒު ޤަބޫލު ކުރުމަށް ފަހު، ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝަހީބު އައްޔަން ކުރުން މުއިއްޒު ނިންމެވި ނިންމެވުމަކީ ހެއްދެވި ގޯހެކެވެ.

ރާއްޖޭގެ ނޫސްވެރިންނަކީ މޮޔަ ބޮއެއް ނޫނެވެ. ނޫސްވެރިންގެ އަޑު އަހާކަމަށް ދެއްކުމާއި، އެމީހުންގެ އަޑު އެހުމަކީ ތަފާތު ދެކަމެއް ކަން ނޫސްވެރިން ދަނެއެވެ. ޝަހީބަކީ ސިޔާސީ ގޮތުން އަދި ފަންނީ ގޮތުންވެސް ސަރުކާރަށް މާ ބޮޑު ބޭނުމެއް ހިފޭނޭ މީހަކަށް ނުވާއިރު، އަންހެން މުއައްޒަފުންތަކަކަށް ފުރައްސާރަކޮށްފައި ހުރި މީހަކު މިއަދު ސްޓޭޓް މިނިސްޓަރ ލެވެލް ގެ މަގާމު ތަކުގެ ހައިބަތު ކެނޑުވުމަށް ބެހެއްޓުމަކީ ސަރުކާރުގެ ފެންވަރު ދިވެހި ރައްޔިތުންނަށް ވަޒަން ކުރެވިގެން ދާ ކަމެކެވެ.

އަދި އަންހެނުންގެ ހައްޤުތަކަށާއި، ޖިންސީ ފުރައްސާރަ ކުރުމާއި، އަންހެނުންނަށް ލިބޭ އަނިޔާއާއި، އަންހެނުންގެ ކުރިއެރުމާއި، އިސްލާމީ އަޚްލާގަށް ޤައުމުގެ މިސްރާބު ނެގެހެއްޓުމުގައި، މުއިއްޒުގެ އެއްވެސް ކަހަލަ އިހްލާސްތެރިކަމެއް ނެތްކަން ފެނިގެންދާ ކަމެކެވެ.