ޚަބަރު

ސިޔާސީ މަގާމްތައް ގިނަވެ ފާޑުކިޔުން އަމާޒުވާން ފެށުމުން, ފަތްކޮޅު އެރުވުމަކާ ނުލާ, ސިއްރިޔާތުގައި ސްޓޭޓް މިނިސްޓަރުކަމަށް ބޭފުޅުން އައްޔަން ކުރައް ފަށައިފި

ދިޔަވަރު
ސިޔާސީ މަގާމްތައް ގިނަވެ ފާޑުކިޔުން އަމާޒުވާން ފެށުމުން, ފަތްކޮޅު އެރުވުމަކާ ނުލާ, ސިއްރިޔާތުގައި ސްޓޭޓް މިނިސްޓަރުކަމަށް ބޭފުޅުން އައްޔަން ކުރައް ފަށައިފި

މި ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު އެންމެ ދެމަހެއްހާ ދުވަހުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނަވެ, ގިނަބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން, ފަތްކޮޅު އެވުމަކާ ނުލާ, އަދި އާންމުކޮށް އިއުލާން ނުކޮށް, ސިއްރިޔާތުގައި ސްޓޭޓް މިނިސްޓަރުކަމަށް ބޭފުޅުން އައްޔަން ކުރަން ފަށައިފިއެވެ.

މިގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ވާގޮތުން, ވަޒީފާދިންކަން އިއުލާނު ނުކޮށް, ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް މިހާރުވަނީ އާ ބޭފުޅުންތަކެއް އައްޔަން ކޮށްފައެވެ.

އެގޮތުން ރައީސް އޮފީހުގެ ވެބްސަައިޓްގައި އަލަށް ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މަދުވެގެން 4 ބޭފުޅަކު ވަނީ ހިމަނާފައެވެ. އެގޮތުން އެމްއެންޕީގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ޙުސައިން އިސްމާޢީލްވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އަދި އެމްއެންޕީގެ ރައީސް ނާޒިމްގެ ރަނިންމޭޓުގެ ގޮތުގައި ފާއިތުވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑޮކްޓަރ އަޙްމަދު ޢަދީލް ނަޞީރު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަންގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

އޭގެ އިތުރުންވެސް އެމްއެންޕީގެ ބޭފުޅެއް ކަމުގައިވާ, ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) ޑޮކްޓަރ ޢަބްދުﷲ ފައިރޫޝް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާއިރު, ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަން ކުރިން ކުރައްވާވާ ޑރ. އަބުދުﷲ ނަޒީރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ.

ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަކީ އަބަދުވެސް ފަތްކޮޅަކުން ހަވާލުކުރައްވާ މަގާމަކަށްވި ނަމަވެސް, މިމަގާމްތަކަށް މިބޭފުޅުން އައްޔަން ކުރެއްވިކަމެއް ސަރުކާރުން އިއުލާން ކޮށްފައެއް ނުވެއެވެ.

ސަރުކާރުން އިސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާގޮތުގައި, ސްޓޭޓް މިނިސްޓަރުކަމަށް ސިއްރިޔާތުގައި މިބޭފުޅުން އައްޔަން ކޮށްފައިވަނީ, ސިޔާސީ މަގާމްތަކުގެ އަދަދު އިންތިހާއަށް މަތިވެ, ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާތީ, ސްޓޭޓް މިނިސްޓަރުންގެ އަދަދު ސިއްރުކޮށް, ސިޔާސީ މަގާމްތަކަށް އެއްވެސް ހައްދެއްނެތި ބޭފުޅުން އައްޔަން ކުރެވެމުންދާދިއުން މީޑިއާގެ ސަމާލުކަމަށް އަޔަ ނުދިނުމަށްޓަކައެވެ.