ސިޔާސީ

އެމްޑީޕީގެ މެނިފެސްޓޯއިން ވައްކަން! ފައިނޭންޝިއަލް ސެންޓަރެއް އެޅުމުގައި، ހުރި ގޮންޖެހުންތައް މުއިއްޒަކަށް ނޭނގޭ!

ދިޔަވަރު
އެމްޑީޕީގެ މެނިފެސްޓޯއިން ވައްކަން! ފައިނޭންޝިއަލް ސެންޓަރެއް އެޅުމުގައި، ހުރި ގޮންޖެހުންތައް މުއިއްޒަކަށް ނޭނގޭ!

މުއިއްޒު މަޝްހޫރު ވަމުންދަނީ ވައްކަން ކުރުމާއި، ދޮގު ހެދުމާއި، ބުނާ ބަހާއި ސީދާ އިނދިކޮޅަށް މަސައްކަތް ކުރާ މީހެއް ގޮތުގައެވެ. މިއީ ފުރަތަމަ ފަހަރަށް ގައުމަށް އައި ވެރިއަކާއި މެދު މިހާ ގިނަ ބަޔަކު އެހާ އަވަހަށް ނާއުންމީދުވި ފަހަރެވެ.

ފުނަދޫއަށް ގެނެވޭ ހެޔޮ ބޮޑު ބަދަލުގެ ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރައީސް ސޯލިހްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ކުރުކޮށް ހިމަނާލާނަމެވެ.

  • ފުނަދޫގައި މިހާރު ހުރި، ފިއުލް ރައްކާ ކުރާ ތަންތަން އެހެން ތަނަކަށް ބަދަލު ކުރުން
  • ފުނަދޫ އާއި މާލެ އާއި ގުޅުވާލުން
  • ފުނަދޫގައި ކޮންވެންޝަން ސެންޓަރެއް އެޅުން
  • މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމު ކުރުން
  • ސިޓީ ހޮޓަލެއް ފުނަދޫގައި ތަރައްޤީ ކުރުން

މުއިއްޒުގެ ރިޔާސީ އެތައް ވައުދެއް ނުފުއްދައި، އަދި ހަފްތާ 14 ގައި ވެސް ކުރަން ވައުދުވި ކަންކަމުގެ ކުޑަ މިންވަރެއްވެސް ހާސިލް ނުކޮށް، އަނެއްކާވެސް މުއިއްޒު ދަނީ ވައުދުތައް އިތުރު ކުރަމުންނެވެ. ނަމަވެސް މުއިއްޒުގެ ބަހާއި އަމަލާއި ދިމާނުވުމުގެ ސަބަބުން ރައްޔިތުން ތިބީ މާޔޫސް ވެފައެވެ. މުއިއްޒުގެ ޖީބަށް ނުހައްޤު ފައިސާ ނުވަންނަ އެއްވެސް ގޮތަކަށް އެއްވެސް ކަމެއް އެކު މުއިއްޒު ކޮށްފައެއް ނުވެއެވެ.

މި ގޮތުން ފުނަދޫގައި މުއިއްޒު ކުރުމަށް ނިންމާފައިވާ ކަމަކީ, ފުނަދޫގައި މިހާރު ހުރި، ފިއުލް ރައްކާ ކުރާ ތަންތަން އެހެން ތަނަކަށް ބަދަލު ކޮށް، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެތާގައި ގާއިމުކުރުމެވެ.

ކާމިޔާބު ކަމާއި އެކު ބައިނަލްއަޤްވާމީ ފައިނޭންޝިއަލް ސެންޓަރެއް ޤާއިމު ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ރާއްޖެއަށް އޮތް ކަމެކެވެ. މި ގޮތުން ހުރި ގޮންޖެހުން ތައް ގިރާކޮށް އެކަން ކުރުމަކީ މުއިއްޒު ފަދަ ނާގާބިލު ކޮރަޕްޓު މީހަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ގޮންޖެހުންތައް

ވާދަވެރިކަން: ސިންގަޕޫރާއި ދުބާއީ ފަދަ މި ސަރަހައްދުގައި މިހާރު ހުރި ގިނަ ފައިނޭންޝިއަލް ސެންޓަރުތަކަކީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ ތަންތަނެވެ. ދުވަސްވީ ގަދަރުވެރި ތަންތަނެވެ. މި ހުރިހާ ތަންތަނުންވެސް، ރާއްޖެއިން ދެވެން ހުރި ހުރިހާ ހިދުމަތެއް އެއަށްވުރެ ފުރިހަމަ އަށް ފޯރު ކޮށްދެވެއެވެ. އެތަންތާގައި އެސްއީޒެޑްގެ އެތައް ވިޔަފާރިއެއް ކާމިޔާބު ކަމާއި އެކު ދަނީ ކުރަމުންނެވެ. އިންވެސްޓަރުން ޝައުގުވެރިކުރުވައި ހަރުދަނާ ގޮތެއްގައި ބޭރުގެ އެހެނިހެން ފައިނޭންޝިއަލް ސެންޓަރުތަކާއި ވާދަކުރުމަށް ރާއްޖެއިން އިންވެސްޓަރުންނަށް ދެއްކެން އޮތް އެއްވެސް އާ ކަމެއް ނެތެވެ.

ރާއްޖެއާއި މެދު އިތުބާރު ނެތުން: އެމްއެމްއޭ އަކީ 1800ގެ އަހަރުތަކުގެ ވިސްނުމުގައި ހިންގާ މުސްކުޅި މުއައްސަސާއެކެވެ. ޒަމާނީ ފިންޓެކް އަދި ފައިނޭންޝިއަލް ސެކްޓަރ އަށް ލޯ ހުޅުވިފައިނެތް ބައެއް ތިބި ތަނެކެވެ. އެތާގައި މުއައްޒަފުންގެ ގޮތުގައި ގިނައީ މުސްކުޅިންނެވެ. އަދި ފައިނޭންޝިއަލް ސެންޓަރެއްގެ އޮޕްރޭޝަން އަށް އެކުލަވާލަން ޖެހޭ އެއްވެސް ކަމެއް ކުރުމުގެ ޤާބިލު ކަމެއްވެސް އެމީހުންގެ ކިބާގައި ނެތެވެ. ފިންޓެކް ދަންނަ ބަޔަކުވެސް ނެތެވެ.

ރެގިއުލޭޓަރީ އޮނިގަނޑެއް ނެތުން: ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަރުދަނާ އަދި ދެފުށް ފެންނަ ރެގިއުލޭޓަރީ އޮނިގަނޑެއް ބިނާކުރުމަކީ މާލީ އިދާރާތައް ޝައުގުވެރިކުރުމަށާއި މަނީ ލޯންޑަރިން އާއި އެހެނިހެން ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް މުހިންމު ކަމެކެވެ. ނަމަވެސް ފައިނޭންޝިއަލް ސެންޓަރެއް ގާއިމު ކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑެއް ރާއްޖޭގައި ނެތެވެ. ކުޑަ މިނުން މިއަދާއި ހަމައަށް ކްރިޕްޓޯ ކަރަންސީ އާއި، ފޮރެކްސް ނުވަތަ އެފަދަ އެހެނިހެން ޑޭ ޓްރޭޑިންގ ތަކަށް ބޭނުންވާ އުސޫލެއް ހާ މިންވަރުވެސް ސަރުކާރަކަށް ޤާއިމު ކުރެވިފައެއް ނުވެއެވެ. އަދި ދައުލަތުން އެތައް މިލިއަނެއް އިސްރާފު ކުރުމަށްޓަކައި މިފަދަ އޮނިގަޑެއް ހެދުމަށް ރައްޔިތުން މަޖިލީހުން މުއިއްޒަށް އެއްބާރުލުން ލިބޭނޭ ކަމުގެ ޔަގީން ކަމެއް ނެތެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު މުއިއްޒާއި ދެކޮޅަށް ބަދަލުވެފައިވާ މިންވަރުން މަޖިލިސް މެޖޯރިޓީ މުއިއްޒަށް ލިބުމަކީ ނާދިރު ކަމެކެވެ.

ހުނަރާއި ތަޖުރިބާކާރުން: ފައިނޭންޝިއަލް ސެންޓަރެއްގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ހުނަރުވެރި ޓީމަކާއި ޒަމާނީ އިންފްރާސްޓްރަކްޗާއެއް ބޭނުންވާނެއެވެ. ހުނަރު ބިނާކުރަން ނުވަތަ ބޭރުގެ އެފަދަ ބަޔަކު ޝައުގުވެރިކުރުވަން ޖެހޭ އިރު އައިޓީ އިންފްރާސްޓްރަކްޗާ އާއި ފިޒިކަލް ފެސިލިޓީތަކަށް ބޮޑެތި ހަރަދުތައް ސަރުކާރުން ކުރަން ޖެހޭނެއެވެ. އަދި މިކަމަށް ބޭނުންވާ ފަންނީ މީހުންގެ މުސާރަ މަދުވެގެން، ކޮންމެ މީހަކަށް ދެއްލައްކަ ރުފިޔާ މަހަކަށް އަރާއިރު، ޑުބާއީ، ސިންގަޕޫރު ތަންތަނުން ފައިނޭންޝިއަލް ފެސިލިޓީ ހިންގުމަށް ފަންނީ މުއައްޒަފުންނަށް ފޯރުކޮށްދޭ ޕެކޭޖަށް އެކަނިވެސް، ރާއްޖޭގެ ހުރިހާ ސިވިލްސާވަންޓުންގެ މުސާރައަށްވުރެ ބޮޑުކޮށް ކޮންމެ މަހަކު ހަރަދު ކުރެއެވެ. އެހެން ކަމުން ފަންނީ މީހުންގެ މުސާއާއި، އިންފްރާސްޓްރަކްޗާ އާއި ފިޒިކަލް ފެސިލިޓީތަކަށް ބޭނުންވާ ފައިސާއެއް ރާއްޖޭގެ ބަޖެޓުން ނެރެވޭނެ ގޮތެއް ނެތް އިރު، ރާއްޖޭގެ ފައިނޭންޝިއަލް ސެންޓަރު ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލުން ވެގެން ދާނީ ޤައުމުގެ އިސްތިޤްލާލަށް ހުރި ބޮޑު ނުރައްކަލަކަށެވެ.

ޕާޓްނަރުން ހޯދަން އުނދަގޫވުން: ރާއްޖޭގައި 200 ޑޮލަރު ބޭންކުން ނުލިބިގެން އުޅޭ އިރު، އެފަދަ ތަނަކަށް ދުނިޔޭގެ މަޝްހޫރު ފައިނޭންޝިއަލް ބްރޭންޑް ތަކުން އައިސް ފައިނޭންޝިއަލް ސެންޓަރ އެއްގައި މަސައްކަތް ކުރުމުގެ ބޭނުމެއް ކޮބައިތޯއެވެ. އެމީހުންގެ އެކައުންޓްތައް ބޭންކޮ އޮފް މޯލްޑިވްސްގައި ހުޅުވުމުން، އެމީހުންގެ އެކައުންޓުގައި ހުރި ފައިސާއަށް ވާނެ ގޮތެއް ނޭނގޭ ފަދަ ޤައުމީ ބޭންކެއް ހުރި ތަނެއްގައި ބޭރު ބަޔަކު އައިސް އެމީހުންގެ ފައިސާ ބަހައްޓާނެ ގޮތެއް ކޮބައިތޯއެވެ؟

ޓްރާންސްޕޭރެންސީ އެންޑް ގަވަރނަންސް: ހެޔޮވެރިކަމާއި، ދެފުށް ފެންނަ އަދި ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދޭ ސަރުކާރެއް ނެތުމަކީ އިތުބާރު އުފެއްދުމަށާއި ބައިނަލްއަގްވާމީ އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް އޮތް ހުރަހެކެވެ. ރާއްޖޭގެ ހަބަރުތައް ބަލާލާ ބޭރުގެ ކޮންމެ ބަޔަކަށް އޭސީސީ އޮތް ހާލު އެނގެއެވެ. މުއިއްޒު ވައްކަން ކުރަމުންދާ މިންވަރު ސާފުއެވެ. އަދި މުއިއްޒުގެ ސަރުކާރުގައި ހަމަ ޖެހުމެއް ނެތްކަން އެބަ އެނގެއެވެ. ފައިނޭންޝިއަލް ކުންފުނިތަކަށް މި އެނަލިސިސް ހަދާދޭ ކޮންމެ ބަޔަކު ވެސް ރާއްޖޭގައި ފައިނޭންޝިއަލް އިންވެސްޓްމެންޓެއް ކުރުމުގައި ހުރި ރިސްކު ބުނެދީ ނަސޭހަތްތެރި ވާނެއެވެ.

މުއިއްޒު ވެރިކަމަށް އައީ، ޕޭޕަލް ލިބޭނެ ކަމަށް ބުނެއެވެ. މުއިއްޒު ވެރިކަމަށް އައީ ހުރިހާ އޮންލައިން މާކެޓްތަކުގައި ރާއްޖޭގެ ވިޔަފާރިތަކަށް ބައިވެރިވެވޭނެ ކަމަށް ބުނެއެވެ. މުއިއްޒު ވެރިކަމަށް އައީ ޑޮލަރުގެ އަގު 15.45 އަށް ގެނެވޭނެ ކަމަށް ބުނެއެވެ. މުއިއްޒު ވެރިކަމަށް އައީ ވަކި ލިމިޓެއް ނެތި ޑޮލަރު ލިބޭނެ ކަމަށް ބުނެއެވެ. މިއީ ރާއްޖޭގެ ފައިނޭޝިއަލް ސެކްޓާރ އަށް މިހާރުން މިހާރަށް ބޭނުންވާ ފަރުވާއެވެ. މިއިން އެއްވެސް ވައުދެއް ފުއްދާ ނުދީ ރައްޔިތުން ލޮލުގައި އަނދުން އެޅުވުމަށް އިތުރު ވައުދު ވުމަކީ ބޮޑު ޖޯކެކެވެ. މިއީ މުއިއްޒު މިކަން މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުރެގެންވެސް ހަމަ ކުރި ގޮތެވެ.