ޚަބަރު

އާޒިމާގެ ދަރަނީގެ މައްސަލަ ބޮޑުވެފައި ވަނިކޮށް, ދަރަނިވެރިޔާގެ ދަރަނި ލުއިކޮށްދިނުމަށް ޚުޡުބާގައި ގޮވާލައްވައިފި

ދިޔަވަރު
އާޒިމާގެ ދަރަނީގެ މައްސަލަ ބޮޑުވެފައި ވަނިކޮށް, ދަރަނިވެރިޔާގެ ދަރަނި ލުއިކޮށްދިނުމަށް ޚުޡުބާގައި ގޮވާލައްވައިފި

މަޙުޝަރުދުވަހުގެ ގަދަ ހޫނުން ސަލާމަތްކޮށްދޭނެ ފުރަތަމަކަމަކީ އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދިނުން ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް އާޒިމާ ޝަކޫރު ބޭންކުން ނަގާފައިވާ ލޯނެއް ނުދައްކައިގެން, ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ލޯނު ދެއްކުމަށް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް, މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވީ ދަރަނި ލުއި ކޮށްދިނުމަކީ މީސްތަކުންގެ މުދާ ބާތިލް ގޮތުގައި ކާމީހުންގެ ދަރަނި ލުއިކޮށްދިނުން ނޫންކަމަށާއި, އެހެންނަމަވެސް ދަރަންޏެއް ނެގިފަހުންވެސް ތަނަވަސްކަމެއް ނުލިބި ދަރަނި ދައްކަން ނުކުޅެދިފައިވާ މީހުންނަށް މުހުލަތު ދޭންޖެހޭ ކަމަށެވެ.

އަދި ވިޔަފާރިއެއް ބަގުރޫޓު ވެއްޖެނަމަ އޭނާގެ ދަރަނި އަދާކުރުމުގެ މުއްދަތު އިތުރުކޮށްދެވިދާނެކަމަށް ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވީ ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ގިޔާމަތްދުވަހުން މާތްالله އެކަނލާގެ އަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަމުގައެވެ.

ދަރަނިވެރިޔާގެ ދަރަނި ލުއިކޮށްދޭން ޚުޡުބާގައި ގޮވާލައްވާފައިވާއިރު, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު އިސްލާމިކް ބޭންކުން ނަގާފައިވާ 4 މިލިއަން ރުފިޔާގެ ލޯނު ނުދައްކައިގެން ކޯޓުންވަނީ ފައިސާ ދެއްކުމަށް ހުކުމް ކޮށްފައެވެ.

އަދި އޭގެ އިތުރުންވެސް އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން އެކުންފުނިންވެސް ވަނީ އާޒިމާގެ މައްޗަށް ދައުވާ އުފުލާފައެވެ.

ފަހަކަށް އައިސް ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ޚުޡުބާގައި ސަރުކާރަށް ފައިދާވާގޮތަށް ސިޔާސީ ވާހަކަތައް ގެންނަމުންދާތީ ގިނަބައެއްގެ ފާޑުކިއުންވަނީ ރައީސް މުއިއްޒުއަށް އަމާޒުވެފައެވެ.