މުއިއްޒު ކޮންމެ ދުވަހަކުވެސް ދިޔަވަރު.ކޮމް އަށް ވަންނަވައި ހަބަރުތައް ކިޔުއްވާ ކަމަށް، މުއިއްޒުގެ ވަރަށް އަރިސް ފަރާތަކުން ދިޔަވަރަށް މައުލޫމާތު ދެއްވައެވެ. އަދި ދިޔަވަރުގައި ލިޔާ ބައެއް ހަޤީގަތާއި މެދު ހިތް ހަމަ ނުޖެހިގެން ރައީސް އޮފީހުގެ ބައެއް ފަރާތްތަކާއި ވާހަކަފުޅު ދައްކަވާ ކަމަށާއި، ދިޔަވަރު ކިޔުމަކީ މުއިއްޒުގެ އާދައެއް ކަމުގައި މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ އަނބިކަބަލުން ވަޒީފާގައި ހުރުމަށް ކުރި މަސައްކަތާއި ގުޅިގެން އެކަމުގައި ނަފްސާނީ އެހީތެރިކަން ހޯދުން މުހިންމު ކަމަށް ބުނެ، ނަފްސާނީ ޑޮކްޓަރެއްގެ ލަފަޔާއި އެކު ލިޔުނު ލިޔުން އެއީ މުއިއްޒު އެންމެ ހިތްހަމަ ނުޖެހުނު ލިޔުން ކަމުގައި މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ. އަދި މުއިއްޒަކީ ފާޑު ކިޔުން ޑައިޖެސްޓް ކުރެވޭ ބޭފުޅެއް ނޫން ކަމަށާއި، ހުށިޔާރުވެ ތިބުމަށް އެފަރާތުން ދިޔަވަރަށް ނަސޭހަތްތެރިވިއެވެ.
މުއިއްޒުގެ ސަރުކާރާއި މެދު އާންމުންގެ މަގުބޫލުކަން މިހާ ބޮޑަށް ދައްވެގެން ދިޔައީ ދިޔަވަރު ނޫހުގައި ޖަހާ ލިޔުންތަކާއި ހުރެ ކަމަށާއި، ޕީއެންސީގެ ސޯޝަލް މީޑިޔާ މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކޮށްފައިވެއެވެ. ދިޔަވަރު ނޫހުން ދަނީ މުއިއްޒުގެ ސަރުކާރުން ހިންގަމުންދާ ވައްކަމުގެ ވާހަކަތަކާއި، އަދި ސަރުކަރު ޒިންމާދާރު ކުރުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތް ހަރުދަނާ ކޮށް ކުރަމުންނެވެ.
ދިޔަވަރު.ކޮމް ބްލޮކް ކޮށްފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށެވެ. ނަމަވެސް އެމަނިކުފާނަށް އެގޮތަށް ޚިޔާލު ދެއްވާފައިވާ ފަރާތްތަކުގެ ތެރޭގައި އަޒާން ހިމެނޭ ކަމަށް ވެސް ދިޔަވަރަށް މައުލޫމާތު ދެއްވި އަޒާންގެ އެކުވެރިއަކު މީގެ ކުރިން މައުލޫމާތު ދިނެވެ.
މުއިއްޒު ކޮންމެ ދުވަހަކުވެސް ބަރާބަރަށް ދިޔަވަރު.ކޮމް ބައްލަވައި، ހަސަން ކުރުސީގެ ޓްވީޓްތައް ބައްލަވާއިރު، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިނދިކޮޅު ހަރަކާތަކީ ދިޔަވަރު.ކޮމް އާއި، ހަސަން ކުރުސީ ކަމަށް މުއިއްޒު ދެކެއެވެ. މުއިއްޒުއާއި އެއްފަދައިން ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ވަޒީފާތަކުގައި ތިބި އެކި ފަރާތްތައް ދަނީ ދިޔަވަރު.ކޮމް ބަރާބަރަށް ބައްލަވަމުންކަން މީގެ ކުރިން ވަނީ އެނގިފައެވެ.
މި ފުރުޞަތުގައި ޕީއެންސީ އަދި ޕީޕީއެމްގެ ތެރެއިން މި ނޫހަށް ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި ފަސާދުގެ ވާހަކަތައް ޓްވިޓަރ އިން ޑީއެމް ކޮށް ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.