ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީން ގިނަވެގެން ތިބޭނެ ޖާގަ ނެތިގެން، އިތުރު އިމާރާތެއް މިއަހަރު އަޅަން ނިންމައިފިއެވެ.
ސަރުކާރުގެ އޮފީސްތައް ހިންގުމަށް އިތުރު އިމާރާތެއް މިއަހަރު ތެރޭގައި އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އާ އޮފީސް އިމާރާތް އެޅުމަށްޓަކައި ބަޖެޓުގައި ވެސް ހިމަނާފައިވާ ކަމަށެވެ. އަދި ބިމެއް ހޯދުމުގެ މަސައްކަތަށްފަހު އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މުއްތަލިބް ވިދާޅުވީ އިމާރާތުގެ މަސައްކަތް ފެށުމަށްފަހު ލަސްވެގެން ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ސަރުކާރުގެ ގިނަ އޮފީސްތަކެއް މީގެ ކުރިން ހިންގަމުން އައީ ހުރަވީ ބިލްޑިން އާއި ޣާޒީ ބިލްޑިންގަ އެވެ.
ނަމަވެސް އެ ދެ އިމާރާތްތަކީ ގިނަ ދުވަސްވެފައިވާ ތަންތަނަށްވުމުން އެ ދެ އިމާރާތް ތަޅާލާ، އެތަންތަނުގައި ހިންގަމުން އައި އޮފީސްތައް ވަނީ އެހެނިހެން ތަންތަނަށް ބަދަލުކޮށްފަ އެވެ. މީގެ ސަބަބުންވެސް ސަރުކާރުން އޮފީސްތައް ހިންގުމަށް ތަންތަން ކުއްޔަށް ހިފާ ބޮޑު ކުލި ދައްކަން ޖެހޭކަން ސަރުކާރުން ފާހަގަ ކުރެ އެވެ.
ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މިދިޔަ ސަރުކާރުން ވެސް ހުޅުމާލޭގައި އިމާރާތެއް އެޅި އެވެ. އެ އިމާރާތުގައި ސަރުކާރުގެ ތިން މިނިސްޓްރީއެއް އަންނަނީ ހިންގަމުންނެވެ.