މީހަކަށް ދޮޅު މިލިއަން ރުފިޔާ ދީގެން މާލެ ސިޓީގެ، ދެ ކައުންސިލަރަކު މުއިއްޒު ގަނެފިއެވެ. މާލެ ސިޓީގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް އާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދު ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕީއެންސީއަށް މިރޭ ސޮއިކޮށްފައި ވަނީ ކޮންމެ މީހަކަށް ދޮޅު މިލިއަން ދިނުމުންނެވެ.
ދެ ކައުންސިލަރުން ވެސް ޕީއެންސީއާ ގުޅުނީ މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފްތިތާހުކުރަން މިރޭ ބޭއްވި ހަފުލާގެ ތެރެއިންނެވެ. މެމްބަރުކަމުގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ކުރިން ރީހާން ހުންނެވީ ދަ ޑިމޮކްރެޓްސްގަ އެވެ. އަދި ނިޒްލީ ކައުންސިލަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ރީހާން ވެސް ކައުންސިލަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ.
މި ދެ ކައުންސިލަރުން ޕީއެންސީއާ ގުޅުމާ އެކީ މާލެ ސިޓީ ކައުންސިލުގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު ވަނީ ދިހައަކަށް އިތުރުވެފަ އެވެ. ނަމަވެސް މި ދެ މީހުން ވެގެންދާނީ މާލެ ސިޓީ ކައުންސިލުގައި ޕީއެންސީ ތަމްސީލުކުރައްވާ ފުރަތަމަ ދެ ކައުންސިލަރުންނަށެވެ.
މިހާރު މާލެ ސިޓީ ކައުންސިލުގައި އިދިކޮޅު ޕާޓީއެއް ތަމްސީލުކުރައްވާ މެމްބަރުންނަށް ތިއްބެވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް (އެމްޑީޕީ) އެވެ.
މުއިއްޒު ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، މީހަކަށް 4 މިލިއަންގެ މަގުން 13 މެމްބަރުން ގަނެލާފައެވެ.